ކުޅިވަރު

ރާއްޖެ އަކީ ކުޅިވަރު ކުޅެން އަމާން ތަނެއްކަމުގައި ދައްކާނަން: މަހްލޫފް


އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ކޯވިޑް-19 ގެ ދަތި އުނދަގޫ ވަގުތު ވަރަށް މުހިންމު ކަމެއް ކަމަށާއި މި ދަނޑިވަޅުގައި ވެސް ކުޅިވަރު ކުޅެން ރާއްޖެއަކީ އަމާން ތަނެއްގެ ގޮތުގައި ދައްކާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙުމަދު މަޙުލޫފް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މި މުބާރާތް ރާއްޖޭގައި ބާއްވަނީ މުބާރާތުގައި ވާދަކުރާ ދިވެހި ދެ ޓީމަށް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތުމުން ކަމަށެވެ. މިހެންވެ ގައުމަށް ރީތި ނަންތަކެއް ހޯދައިދިނުމަށް ކުޅުންތެރިން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މުބާރާތް ރާއްޖޭގައި އެންމެ ފުރިހަމައަށް ބޭއްވުމަށް ބޭނުންވާ އެހީތެރިކަން މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށެވެ. ނަމަވެސް މި މުބާރާތް ބާއްވަން ސަރުކާރުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ކަމަށެވެ.

އޭއެފްސީ ކަޕުގެ ބާކީ 10 މެޗު ރާއްޖޭގައި ކުޅެން ނިންމާފައިވާއިރު ބައެއް މެޗުތައް އައްޑޫގައި ވެސް ކުޅެން ވަނީ ހަމަޖައްސައިފައެވެ. އެއީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް އެއްވަގުތެއްގައި ކުޅެންޖެހޭތީއެވެ.

އޭއެފްސީ ކަޕުގައި ރާއްޖޭގެ ޓީސީ އާއި މާޒިޔާގެ އިތުރުން ވާދަކުރަނީ އިންޑިޔާގެ ޗެންނާއީ އެފްސީ އާއި ބަނގްލަދޭޝްގެ ބަޝަންދުރަ ކިންގްސްއެވެ.