ޚަބަރު

ޕޮޒިޓިވްވި މީހުންގެ ޢަދަދު 3000ން މައްޗަށް: ދިވެހިން ޕޮޒިޓިވްވާ މިންވަރު އިތުރު ވަނީ


ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢިއުލާނުކުރި ފުރަބަންދަށް ލުއިތައް ދޭން ފެށުމުގެ ކުރިންވެސް ސިއްޙީ ދާއިރާގެ ބޭފުޅުން ކަންބޮޑުވުންފާޅު ކުރެއްވި އެއްކަމަކީ ލުއިތަކާއިއެކު ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެ މިބަލީގައި މަރަށް ހުށެއެޅޭ މީހުންގެ ޢަދަދު އިތުރުވުމެވެ. ފުރަބަންދަށް ލުއިދޭން ފެށިތާ 2 މަސްވުމާއި ގާތްވެފައި ވާއިރު ރާއްޖޭގައި އޮތް ކޯވިޑް-19ގެ މަންޒަރު އަންނަނީ ބަދަލުވަމުންނެވެ.

ރާއްޖޭގައި ކޯވިޑް-19އާއި ގުޅިގެން ޢިއުލާންކުރި ފުރަބަންދަށް ލުއި ދޭން ފެށީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ލުއިތަކެއް ދީފައިވަނީ މިދިޔަ މޭއިމަހުގެ 28 ވަނަ ދުވަހުގައެވެ. އެއާއެކުވެސް ސިއްޙީ ތަޖުރިބާކާރުންނާއި ޑޮކްޓަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެގެން ދިޔައީ ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމަށް އޮތް ފުރުސަތު ފުޅާވެގެން ދިޔުމެވެ. އަދި އެ ފުރުސަތު ހަނިކުރުމަށް ރައްކާތެރިކަމުގެ ގޮތުން އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް އެބޭފުޅުންވަނީ ނަސޭޙަތްތެރިވެފައެވެ. އެހެންނަމަވެސް ހިތާމައަކީ އެކަމާ މެދު ފަރުވާކުޑަކުރި ފަރާތްތައް މަގުމަތީގައި ގިނަވެ ރައްކާތެރިކަމެއްނެތި އެއްވުންތައް ބާއްވަން ފެށުމެވެ. މިއާއެކު ކޭސްތައް ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ފުރަބަންދަށް ލުއިވުން ނުރައްކާ ބޮޑު

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ފެންނަން ފެށިތާ 137 ދުވަސް ވެފައިވާއިރު ލުއިތައް ދިނުމުގެ ކުރިން ކޭސްތައް ފެނުނުނަމަވެސް ޕޮޒިޓިވްވާ ދިވެހިންގެ ޢަދަދު މަދެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޯވިޑްއަށް އެންމެ ގިނައިން އޭރު ޕޮޒިޓިވްވަމުން އައީ ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިންވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.

މެއި މަހުގެ 28 ވަނަ ދުވަހު އެންމެ ފުރަތަމަ ލުއިތަކެއް ދިންއިރު ރާއްޖޭގެ ޕޮޒިޓިވް ކޭސްތައް ހުރީ 1552ގައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި ހުރީ 1126 ކޭހެވެ. އޭރު ދުވާލެއްގެ މައްޗަށް 35އަކާއި 40 ދެމެދުގެ ޢަދަދަކަށް ކޭސްތައް ފެންނަންމުން ދިޔައިރު ބައްޔަށް ޕޮޒިޓިވްވާ ދިވެހިންގެ ނިސްބަތް ދަށެވެ.

ފުރަބަންދުގެ މިލުއިތަކުގެ ސަބަބުން ނިކުންނަ ނަތީޖާ ފެންނާނީ 2 ހަފްތާ ފަހުންކަމުގައި އޭރު ކޯވިޑް-19ގެ ޓެގް ޓީމުންވަނީ ވިދާޅުވެފައެވެ. އަދި އޭރު ލުއިދީފައި ވަނީ ހަމައެކަނި ޒަރޫރީ ތަކެތި ޑެލިވަރީ ކުރުމާއި ގަތުމަށް ކޮންމެ ގެއަކުން ވަކި ޢަދަދަކަށް މީހުން ފުލުހުންގެ ހުއްދައާއި އެކު ބޭރަށް ނުކުމެވޭ ގޮތަށެވެ.

ބަލި ޖެހޭ މީހުންގެ ނިސްބަތް ދަށަށް

ދެވަނަ މަރުޙަލާގައި ލުއިތައްދީފައިވަނީ ޖޫންމަހުގެ 15 ވަނަ ދުވަހުގައެވެ. ފުރަތަމަ ލުއިތައްދިންތާ ދެހަފްތާއެއްހާ ދުވަސްވަހުން ދެނަވަ މަރުޙަލާގައި ލުއިތައް ދިން އިރު އިތުރު 531 ކޭސްއާއެކު ރާއްޖޭގައި ޖުމްލަ 2083 މީހަކުވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި އޭރު އެކްޓިވް ކޭސްތައް ނުވަތަ އެވަގުތު ބަލި ޖެހިފައިތިބި މީހުންގެ ޢަދަދުވަނީ ނިސްބަތުން ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން ފުރަތަމަ ލުއި ދިންއިރު އެއްހާހަށްވުރެ މަތީގައި ހުރި ޢަދަދުވަނީ 374އަކަށް ދަށްވެފައެވެ. އަދި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ނިސްބަތް ވަނީ 15 އާއި 25 އާ ދެމެދުގައި ހިފެހެއްޓިފައެވެ. މިއާއެކުވަނީ ޒަރޫރީ ބޭނުންތަކަށް ބޭރަށް ދިޔުމުގެ ހުއްދަ ދޭ މީހުންގެ ޢަދަދު އިތުރުކުރިއެވެ. އަދި ޢުމުރުން ދުވަސްވީމީހުނާއި ކުޑަކުދިންނަށް ވަކި ގަޑިތަކެއްގައި ބޭރަށް ދިޔުމުގެ ހުއްދަވަނީ ދީފައެވެ. އަދި އިތުރު ވިޔަފާރިތަކަށްވެސް ވަނީ ފުރުސަތު ދީފައެވެ.

ޕޮޒިޓިވްވީ މީހުން ތިންހާހުން މައްޗަށް

ތިންވަނަ މަރުޙަލާގައި ލުއިތަކެއް ދީފައިވަނީ ޖުލައިމަހުގެ އެއްވަނަ ދުވަހުގައެވެ. އެގޮތުން އެދުވަހު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތަކާއި އޮފީސްތައް ހުޅުވުމުގެ ހުއްދަދީފައެވެ. އޭރު ރާއްޖޭގައި ޖުމްލަ 2393 މީހަކު މިބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި ބައްޔަށް ފަރުވާ ދެމުންދިޔަ މީހުންގެ ޢަދަދުވަނީ 279 އަށް ދަށްކުރެވިފައެވެ. އަދި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ ނިސްބަތް ވަނީ 15 އާއި 20 ދެމެދުގައި ހިފެހެއްޓިފައެވެ.

އެހެންނަމަވެސް ރާއްޖޭގައި ކޯވިޑް-19 ފުރަތަމަ ކޭސް ފެނުނުތާ 137 ދުވަސްވީއިރު ރާއްޖޭގައި އޮތް ކޯވިޑް-19 ގެ ހާލަތު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ތިންވަނަ މަރުޙަލާގެ ލުއިތައް ދިންތާ 22 ދުވަސްވީއިރު އިތުރު 651 ކޭސް އާއިއެކު ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރުވަނީ ތިންހާހަށްވުރެ މައްޗަށް އަރާފައެވެ. އަދި އެވްރެޖްކޮށް ދުވާލެއއްގެ މައްޗަށް މީހުން ޕޮޒިޓިވްވާ މީހުންގެ ނިސްބަތްވެސްވަނީ ވަރަށްބޮޑަށް މައްޗަށް ގޮސްފައެވެ. އެގޮތުން އެވްރެޖްކޮށް 30އަށް ވުރެ މަތީގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް ހުރި އިރު ފުރަބަންދަށް ލުއިތަކެއް ދޭންފެށިފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހު ވަނީ 68 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ.

ބަލި މިހާރު ފެތުރެމުން ދަނީ ވަޒީފާއަދާ ދިވެހި ޒުވާން އާބާދީގެ ތެރޭގައި

އެންމެ ފުރަތަމަ ބިދޭސީން މިބައްޔަށް ޕޮޒިޓިވް ވަމުންދިޔަ ނިސްބަތް މަތި ނަމަވެސް މިހާރު އިތުރުވަމުން އަންނަނީ ބައްޔަށް ޕޮޒިޓިވްވާ ދިވެހިންގެ ޢަދަދެވެ. އެގޮތުން މިހާތަނަށް އައިއިރު ބަލި ޖެހުނު މީހުންގެ ބިދޭސީންގެ ނިސްބަތް 45.43 އިންސައްތައިގައި ހުރިއިރު ދިވެހިންގެ ނިސްބަތްހުރީ 43.13 އިންސައްތައިގައެވެ. އެއީ 1383 ބިދޭސީންނާއި 1313 ދިވެހިންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތަކަށް ބަލާއިރު ކޭސްތައް އިތުރުވަމުން އެންމެ ބޮޑަށް އަންނަނީ ޢުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ ޢުމުރުފުރާގެ ކެޓަގަރީތަކުގައެވެ. ޢުމުރުން 21 އަހަރާއި 30 އަހަރާއި ދެމެދުގެ ޢުމުރުފުރާގައި 843 މީހުން ޕޮޒިޓިވްވެފައި ވާއިރު މީގެތެރެއިން 732 މީހުންނަނީ ފިރިހެނުންނެވެ. އަދި މިއުމުރުފުރާގައި ޕޮޒިޓިވްވެފައި ވަނީ 111 އަންހެނުންނެވެ. ޢުމުރުން 31 އަހަރާއި 40 އަހަރާއި ދެމެދުގެ ޢުމުރުފުރާއަށް ބަލާއިރު 860 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ 723 ފިރިހެނުންނާއި 137 އަންހެނުންނެވެ.

ރާއްޖޭގައި ބައްޔަށް ޕޮޒިޓިވް ވާމީހުންނަށް ބަލާއިރު ފާހަގަކުރެވޭ އެއްކަމަކީ މިއީ ޢާއްމުގޮތެއްގައި ވަޒީފާއަށާއި އެނޫންވެސް ބޭނުންތަކުގައި ގެއިން ބޭރުގައި ގިނަވަގުތު އުޅޭ ޢުމުރުގެ މީހުންކަމެވެ. އަދި މިބަލީގެ ނުރައްކާ އެންމެ ބޮޑު ވާ ޢުމުރުފުރައަށް ބަލާއިރު ޢުމުރުން 61އަހަރާއި 100އަހަރާއި ދެމެދުގެ ޢުމުރުފުރާތަކުގެ ކެޓަގަރީތަކުން 93 މީހަކުވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި މިހާތަނަށް މިބަލީގައި މަރުވި ދިވެހިންނަކީ ޢުމުރުން ދުވަސްވީ މީހުންކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް މިބަލީގައި މަރުވި ބިދޭސީންނަކީ ދެބައި އުމުރާއި އަދި އެއަށްވުރެ އުމުރުން ހަގު މީހުންކަން ފާހަގަކުރެވެއެވެ.އެހެންނަމަވެސް މިމީހުންގެ ސިއްޙީ އިތުރު މައްސަލަތަކެއް ހުރުމަކީ އެކަށީގެންވާކަމެއްކަމުގައި އެޗްއީއޯސީންވަނީ މީގެކުރިން ފާހަގަކުރައްވާފައެވެ.

މިހާރު އޮތް ޙާލަތުގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން މިބަލީގައި މަރުވާ މީހުންގެ ނިސްބަތް އިތުރުވާނެކަމަށް އެޗްޕީއޭއިންވަނީ ކުރިން ލަފާކޮށްފައެވެ. އަދި ރާއްޖޭގައި ބަލި ޖެހޭނެކަމަށް ކުރިން އަންދާޒާކުރި މިންވަރަށް ނުގޮސް ހިފަހައްޓާލެވުނީ ގަވައިދުތަކަށް ޢާއްމުން ބޯލެނބުމުންކަން އެންއީއޯސީގައި ޑޮކްޓަރުންވަނީ ފާހަގަކުރައްވާފައެވެ. އަދި ރައްކާތެރިކަމަށް ސަމާލުނުވެއްޖެނަމަ މިޢަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަން މިހާރު ދީފައިވާ ލުއިތައް ދިނުމުގެ ކުރިންވެސް ޑޮކްޓަރުން ގެންދެވީ އިންޒާރުދެއްވަމުންނެވެ.

ފުރަބަންދަށް ލުއިދީފައި ވަނީ ކޯވިޑާއިއެކު އުޅެން ދަސްކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް ގިނަ އިރުޝާދުތަކަކާއި އިލްތިމާސްތަކަކަށްފަހުގައެވެ. އެހެންނަމަވެސް މިކަންކަމަށް އެކަށީގެންވާ އަހަންމިއްޔަތުކަމެއް ނުދޭ ބައެއް މީހުންގެ ސަބަބުން ބަލި ފެތުރެމުންދާ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

މިހާރު ޢަދަދުތައް މައްޗަށް ދާ ނިސްބަތަށް ބަލާއިރު ބަލި ފެތުރޭލެއް އަވަސްކަމަށް ކޯވިޑް-19 އާއި ގުޅިގެން އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުން ވަނީ ފާހަގަކުރައްވާފައެވެ. މިޢަދަދުތަކާއެކު ރާއްޖޭގައި މިބަލީގެ ސަބަބުން މަރަށް ހުށެއެޅޭ މީހުންގެ ނިސްބަތްވެސް ދަނީ މަތިވަމުންނެވެ. މިބަލީގެ ނުރައްކަލާއި މީގެ ބިރުވެރިކަން ސިއްޙީ ތަޖުރިބާކާރުން ފާޅުކުރައްވަމުންގެންދަވާއިރު މިކަމުން އަރައިގަނެވޭނީ ރައްކާތެރިކަން އިސްކުރެވިގެންނެވެ. ބައްޔާމެދު ފަރުވާ ކުޑަ ނުކުރައްވާށެވެ. ބަލީގެ ނުރައްކާ އެންމެ ތަންފުކެއްވެސް ކުޑަ ނުވެ ބިރުވެރިކަން ދަނީ ހައްތާ މަތިވަމުންނެވެ.