ޚަބަރު

މަޖިލީހުގެ ރެސްޓޯރެންޓާއި، ޖިމް ހިންގާނެ ބަޔަކު ހޯދަނީ


ރައްޔިތުންގެ މަޖިލީހުގައި ރެސްޓޯރެންޓާއި، ޖިމް ހިންގާނެ ފަރާތެއް ހޯދުމަށް މަޖިލީހުން އިއުލާންކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ ކްލަބުން އެދިވަޑައިގެންނެވުމުން ޖިމާއި ރެސްޓޯރަންޓް ހެދުމަށް ޝައުގުވެރިވާނެ ފަރާތެއް ހޯދުމަށް މިއަދު އިއުލާނު ކޮށްފައިވާކަމަށެވެ.

"އަޅުގަނޑު ކްލަބުން އެދުނު ގޮތަށް މިއަދު މިދެ އިއުލާންކުރަން. މަޖިލީހުގެ ކުލަބަށް މިހާރު މާބޮޑަށްވެސް ފެނިވަޑައިގަންނަވަނީ ތިޔަ މެމްބަރުންގެ ސިއްޚީ ކަންކަން ހުންނަންޖެހޭނީ މާބޮޑަށްވެސް ފިޓުކޮށޭ. ވަރަށް ފިޓްވާންޖެހެއޭ" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ އިއުލާންގައިވަނީ ރެސްޓޯރަންޓް ހެދުމަށް ނިންމާފައިވަނީ މަޖިލީހުގެ އައު އިމާރާތުގައި ޓެރަސްގައެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތަކުން އަންނަ މަހުގެ 16ގެ ކުރިން ޕްރޮޕޯޒަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

މަޖިލީހުގައި ޤާއިމްކުރާ ޖިމާއި ރެސްޓޯރެންޓަކީ އާންމުނަށްވެސް އެތަންތަނުގެ ޙިދުމަތް ދެވޭގޮތަށް ހުޅުވާލާތަންތަނެވެ. މަޖިލީހުގެ ރެސްޓޯރަންޓުން މަޖިލީހުގެ ޔަޢުމިއްޔާއާއި، ބައެއް ރިޕޯޓްތަކާއި، އެހެނިހެން ތަކެތިވެސް ވިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި މަޖިލީހުގެ މެމްބަރުންނަށް އެދާއިރާގެ ރައްޔިތުންނާއިއެކީގައި ސައިފޮދު ހިއްޕެވުމާއި، ކެއުމުގެ ކަންތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެކަމަށް މަޖިލީހުން ވިދާޅުވެއެވެ.