ވިޔަފާރި

އިންޑިއާގެ އެންމެ ބޮޑު އެއަރލައިނުން 10 އިންސައްތަ މުވައްޒަފުން ވަކިކުރަނީ


ކޯވިޑް19ގެ ސަބަބުން ކުރިމަތިވާ އިޤްތިޞާދީ ގެއްލުންތަކުގެ ސަބަބުން އިންޑިއާގެ އެންމެ ބޮޑު އެއަރލައިންކަމަށްވާ "އިންޑިގޯ"ގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 10 އިންސައްތަ މުވައްޒަފުން ވަކިކުރަން ނިންމައިފިއެވެ.

ކޯވިޑްއާ ގުޅިގެން އިންޑިގޯގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އެއަރލައިނުން ވަނީ ޚަރަދުތަކުން 533 މިލިއަން ޑޮލަރު އުނިކުރުމަށް ނިންމާފައެވެ. އަދި ކުންފުނީގެ 10 އިންސައްތަ މުވައްޒަފުން މަދުކުރުމަށް ނިންމާފައިވާއިރު، އެއީ 24 ހާސް މުވައްޒަފުން އުޅޭ އެއަރލައިންގެ ގާތްގަނޑަކަށް 2400 މުވައްޒަފުންނެވެ.

އިންޑިގޯގެ މެނޭޖްމަންޓުން ބުނާގޮތުން އެއަރލައިންގެ އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށްގެންދެވެން އޮތީ އުނދަގޫ ފިޔަވަޅުތަކެއް އަޅައިގެންކަމަށެވެ. އެހެން ނޫންނަމަ އެއަރލައިންގެ އުދުހުންތައް ނުބޭއްވޭނެކަމަށް އިންޑިގޯގެ މެނޭޖްމަންޓުން ބުނެއެވެ.

އިންޑިގޯއަކީ އިންޑިއާގެ ޕެސެންޖަރ އެއަރލައިން މާކެޓްގެ ގާތްގަނޑަކަށް 48.9 އިންސައްތަ ހިއްސާކުރާ އެއަރލައިނެކެވެ. ވޭތުވެދިޔަ 10 އަހަރުވެސް އެއަރލައިން ހިންގާފައިވަނީ ފައިދާގައެވެ.

އިންޑިއާގެ އެންމެ ބޮޑު އެއަރލައިނުން މުވައްޒަފުން މަދުކުރުމަށް ނިންމާފައިވާއިރު، ވައިގެދަތުރުފަތުރުގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަކުން ދަނީ މިފަދަ ފިޔަވަޅުތައް އަޅަމުންނެވެ.

ތަޖުރިބާކާރުން ބުނާގޮތުން މިއީ އެއަރލައިންތަކަށް މިފަހުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނޭ އަހަރެވެ. އެގޮތުން އެއަރލައިންތަކަށް މިއަހަރު 84 ބިލިއަން ޑޮލަރުގެ ގެއްލުން ކުރިމަތިވާނޭކަމަށް ވައިގެ ދަތުރުފަތުރާބެހޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ، އަޔާޓާއިން ލަފާކުރެއެވެ. އަދި އެއަރލައިންތަކަށް ލިބޭ އާމްދަނީ މިއަހަރު އުޅޭނީ 419 ބިލިއަން ޑޮލަރުގައިކަމަށާއި މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 50 އިންސައްތަ ދަށް އަދަދެއްކަމަށް އަޔާޓާއިން ބުނެއެވެ.