ޚަބަރު

ފުވައްމުލަކުގެ އިތުރު 31މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ފަށައިފި


ފުވައްމުލަކު ސިޓީގެ އިތުރު 31 މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ކުރިއަށްގެންދާ މި މަޝްރޫއަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް މިހާރުވަނީ ވަނީ، މަގު ހެދުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައެވެ.

މި މަޝްރޫޢުގެދަށުން ހެދުމަށްހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީގެ އެތެރޭގެ މަގުތަކެވެ. އެގޮތުން އެރަށުގެ 31 މަގުގެ 15،931މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ވިދާޅުވީ މި މަސައްކަތުގެދަށުން 122،659 ސްކުއެއަރ މީޓަރުގެ ސަބް ބޭސް ހެދުމާއި، 95،239 ސްކުއެއަރ މީޓަރުގެ ތާރު އަޅާނެއެވެ. އަދި ދުވާރު ސަރަޙައްދު ހެދުމާއި، މަގުބައްތި ހަރުކުރުމާއި ފެން ހިންދާ ނިޒާމުގެ މަސައްކަތް ކުރުމަށްވެސް ހިމަނާފައިވާކަމަށެވެ.

މި މަޝްރޫޢަކީ ސަރުކާރުން 279.4މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 4 ޖުލައި 2019ގައެވެ. ދާދިފަހުންވަނީ ފުވައްމުލަކު ރިންގްރޯޑުގައި ތާރުއެޅުމުގެ މަސައްކަތް ނިންމާލާފައެވެ.