ދީން

ޙައްޖުވުމުގެ ފުރުސަތު 5 ދިވެއްސަކަށް، އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭ

މިއަހަރު ޙައްޖުގައި ބައިވެރިވުމުގެ ހުއްދަ މިހާތަނަށް 5 ދިވެއްސަކަށް ލިބިއްޖެއެވެ.

ކޯވިޑް-19 ފެތުރެމުންދާތީ މި ފަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީގައި ދިރިއުޅޭ 10،000 މީހުންނަށެވެ. އޭގެތެރެއިން %70 ދިނުމަށް ހަމަޖެހިފައިވަނީ އެޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންނަށެވެ. %30 ޚާއްސަކޮށްފައިވަނީ ސައުދީ ރައްޔިތުންނަށެވެ.

މި ފަހަރުގެ ޙައްޖުގައި ދިވެހިންގެ ތެރެއިން 5 މީހަކަށް ބައިވެރިވުމުގެ ހުއްދަ މިހާތަނަށް ސައުދީ ސަރުކާރުން ވަނީ ދީފައެވެ. އޭގެތެރޭގައި ހިމެނެނީ ސައުދީ ވެރިރަށް ރިޔާދުގައި މެޑިސިން ކިޔަވަމުން އަންނަ ދަރިވަރަކާއި އަލް ޤަސީމް ޔުނިވަރސިޓީގައި ކިޔަވަމުން އަންނަ ދަރިވަރަކާއި މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވަމުން އަންނަ 2 ދަރިވަރެއްގެ އިތުރުން ހާއިލް ޕްރޮވިންސްގެ އެއަރ ކްރާޕްޓް އޮފީހެއްގައި މަސައްކަތްކުރާ ދިވެހި އިންޖިނިއަރެކެވެ.

މި ފަހަރު ޙައްޖުވުމުގެ ހުއްދަ ދިނުމަށް ސައުދީ ސަރުކާރުން ނިންމާފައިވަނީ މީގެކުރިން ފަރުޝު ހައްޖެއްވެފައި ނުވާ މީހުންނަށެވެ.

ޙައްޖުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާ ދަރިވަރަކު ބުނީ ޙައްޖުގައި ބައިވެރިވެވޭނެކަން ސައުދީ ސަރުކާރުން މިހާރު އަންގާފައިވާކަމަށެވެ. ޙައްޖުގެ ދުވަސްތަކުގައި ކެއިމުގެ ހުރިހާކަމެއް ސައުދީ ސަރުކާރުން ހަމަޖެއްސުމަށް ނިންމާފައިވާއިރު ކެއުމަށް ބޭނުންވާ މެނޫތަކެއް ކަނޑައަޅާ ބޭނުންވާ މެނޫއެއް ނެގުމަށް މިހާރު އަންގާފައިވާކަމަށްވެސް އެ ދަރިވަރު ބުންނެވެ. އަދި މި ފަހަރުގެ ޙައްޖަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނަކަންވެސް ސައުދީ ސަރުކާރުން އަންގާފައިވާކަމަށްވެސް އޭނާ ބުންޏެވެ.

ޙައްޖަށް ނުކުތުމުގެ ކުރިން ކޯވިޑަށް ހަދަންޖެހޭ ޓެސްޓް ހަދާ ނަތިޖާ މިހާރު ލިބިފައިވާކަމަށާއި މިމަހުގެ 25ވަނަ ދުވަހުގެ މެންދުރުވުމުގެ ކުރިން މައްކާ ހޮޓަލަށް އައުމަށް އަންގާފައިވާކަމަށްވެސް އެ ދަރިވަރު ބުނެވެ. އަދި ކަނޑައެޅިފައިވާ ވަގުތަށްވުރެ ފަހުން އަންނަ އެއްވެސް މީހަކު މައްކާއަށް ނުވައްދާނެކަން ސައުދީ ސަރުކާރާއި ހަވާލާދީ އެ ދަރިވަރު ބުނެއެވެ.

މައްކާގެ ހޮޓަލަށް ވަނުމަށް އަންގާފައިވަނީ ހައްޖުމަހުގެ 4 ވަނަދުވަހުއެވެ. އަދި ހޮޓަލަށް ގެންދިޔުމަށްފަހު އިތުރު ޓެސްޓެއް ހަދާނެކަމަށްވެސް މިފަހަރު ޙައްޖުގައި ބައިވެރިވެވޭ މަދު ދިވެހިންގެ ތެރޭގައި ހިމެނޭ ދިވެހި ދަރިވަރު ބުންޏެވެ.

މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ވަނީ ޚާއްޞަ ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން މާތްވެގެންވާ ގެފުޅުގައި ބީހުމާއި ބޮސްދިނުން ވަނީ މަނާކޮށްފައެވެ. ޖަމާޢަތުގައި ނަމާދުކުރާ ވަގުތުތަކާއި ޠަވާފުކުރާ ވަގުތުތަކުގައި ކޮންމެ ޙައްޖުވެރިއެއްގެ ދެމެދުގައި ދޮޅު މީޓަރުގެ ދުރުމިނެއް ހުންނަޖެހޭނެކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން ހުރިހާ ޙާޖީންނަށް ޒަމްޒަމް ފެން ލިބޭނީ އެކަކު ބޭނުންކުރާ މިންވަރަށް ކުދި ފުޅިތަކުގައެވެ. އަދި ޖަމްރާއަށް އުކަން ހިލަ ހޮވުމުގެ ބަދަލުގައި ކޮންމެ ޙާޖީއަކަށް ހިލަ ކޮތަޅެއް ދިނުމަށް ވަނީ ނިންމާފައެވެ.

حواء اسماعيل

ވ ރަނގަޅު