ޚަބަރު

ކޯވިޑް-19 : ރާއްޖޭގެ އެންމެ ފަހުގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހާ ޙިއްޞާކުރައްވައިފި


ކޯވިޑް-19 އާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއި، މިހާރުގެ ޙާލަތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހާ ޙިއްޞާކުރައްވައިފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކޯވިޑް-19 ރޯގާއާ ގުޅިގެން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާއި، ރޯގާގެ ޙާލަތަށް އަންނަ ބަދަލާ ގުޅިގެން އިތުރަށް ހަމަޖައްސަންޖެހޭ އެކިއެކި އިންތިޒާމުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 136 ދުވަސްވެފައިވާއިރު ބަލިމަޑުމައި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން މާލެއާ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެޅި ފިޔަވަޅުތަކަށް މިހާރުވަނީ ބޮޑެތި ލުއިތަކެއްދީފައެވެ. އަދި ރޯގާއާ ގުޅިގެން އެކުލަވާލި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތައް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރަށް މިހާރުވަނީ ބަދަލުކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް 2999 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 2369 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 15 މީހުން ސީދާ މިބަލީގައި ވަނީ ނިޔާވެފައެވެ.