ވިޔަފާރި

ފައިސާ ނުދީ ހުރި ބިލްތަކަށް މިފްކޯއިން ފައިސާ ދޫކުރަން ފަށައިފި


މިފްކޯއަށް މަސްކިރުވުމަށްފަހު ފައިސާ ނުލިބި ހުރި ބިލްތަކަށް ފައިސާ ދޫކުރަން މިއަދު ފަށައިފިއެވެ.

މިފްކޯއިން ބުނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް، މަސްވެރިންނަށް ފައިސާ ނުދީ ހުރި ބިލްތަކުގެ ފައިސާ، މިއަދުން ފެށިގެން މަސްވެރިންނަށް ދޫކުރަމުން ގެންދާނެކަމަށެވެ. އަދި މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ފައިސާ ދޫނުކޮށްހުރި ބިލްތަކުގެ ފައިސާވެސް ވަރަށް އަވަހަށް ދޫކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް މިފްކޯއިން ބުނެއެވެ

މިފްކޯއިން ބުނީ މަސްވެރިން މިފްކޯއަށް ކިރާމަހުގެ ފައިސާ ލަސްނުކޮށް މަސްވެރިންނަށް ދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް މިވަގުތު މުޅި ދުނިޔެއަށް ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ފިނިކުރި މަހުގެ އަގު ދަށްވެ، ވިޔަފާރިއަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް މިފްކޯއިން ބުނެއެވެ.

މަސްވެރިން ބުނާގޮތުން މި ދުވަސްކޮޅަކީ މަސްވެރިކަން ފުދޭ ވަރަކަށް ރަނގަޅު ދުވަސްކޮޅެކެވެ. ކޯވިޑް-19އާ ގުޅިގެން ގިނަ ދާއިރާތަކެއްގެ މަސައްކަތްތަކެއް ހުއްޓިފައި އޮތް ނަމަވެސް މަސްވެރިން ދިޔައީ މަހަށް ނިކުމެ މަސްވެރިކަން ކުރަމުންނެވެ.