ވިޔަފާރި

ސާޖިންގެ ވީޑިއޯތަކާއެކު ގިނަ ބައެއްގެ ސަމާލުކަން ރާއްޖޭގެ މަސްވެރިކަމަށް


ފާއިތުވީ އަހަރުތަކުގައި ރާއްޖޭގެ މަސްވެރިކަމަށްވަނީ ގިނަ ކުރިއެރުންތަކެއް ލިބިފައެވެ. އިހުގައި މީހުން މަހަށް ނިކުމެ ކުރަންޖެހޭ މަސައްކަތްތަކާއި މަސް ބާނައިގެން ލިބޭ އާމްދަނީއަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. ނަމަވެސް މަސްވެރިންނަކީ އަދިވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި ކިޔަވައިގެން ތިބޭ މީހުންނާއި ޒުވާނުންނަށް ވަޒީފާއެއްގެ ގޮތުގައި އުޅެން އެންމެ ރަނގަޅު ދާއިރާއެއް ނޫނެވެ. އަދި މަސްވެރިކަމަކީ 'ހަޑި' މަސައްކަތެއްގެ ގޮތުގައި ދެކޭ މީހުން އަދިވެސް އުޅެއެވެ.

ނަމަވެސް އާއްމުން މެދުގައި މި ދާއިރާއާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ މަސްވެރިންތަކެއްވެސް މިހާރު ވަނީ އުފެދިފައެވެ. ސޯޝަލް މީޑިއާ ޕްލެޓުފޯމްތަކުގައި މަސްވެރިކަމާއި ގުޅޭ ވީޑިއޯއާއި ފޮޓޯތައް ހިއްސާކޮށް މިދާއިރާގައި އުޅޭ މީހުން މަސައްކަތްކުރާ ގޮތް ދަނީ މުޅި ދުނިޔެއަށް ދައްކާލަމުންނެވެ. މީގެތެރެއިން ފާހަގަކޮށްލެވޭ އެއް ފަރާތަކީ ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރުވެފައިވާ ގއ. ގެމަނަފުށީ، 22 އަހަރުގެ ހަސަން ސާޖިންއެވެ.

ސާޖިން ދަނީ ޒުވާން މަސްވެރިޔާގެ ނަމުގައި ފޭސްބުކް އަދި ޓުވިޓަރ އެކައުންޓުގައި ރާއްޖޭގެ މަސްވެރިކަން ކުރާގޮތް ދަށްކާލަމުންނެވެ. ސާޖިން ސޯޝަލް މީޑިއާގައި ހިއްސާކުރާ ފޮޓޯތަކުން ދިވެހި މަސްވެރިއެއްގެ ދިރިއުޅުން ދައްކާދެއެވެ.

ސާޖިން ބުނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ މަސްވެރިކަމުގެ ވީޑިއޯތަކާއި ފޮޓޯތައް ހިއްސާކުރަން ފެށީ ދިވެހިންގެ މެދުގައި މަސްވެރިކަން ކުރާ ފަރާތްތަކާއި މެދު ދެކޭ ގޮތް ބަދަލުކުރުމުގެ ބޭނުމުގައެވެ.

"މަސްވެރިކަން އަސްލު ޕްރޮމޯޓުކުރަން ބޭނުންވީ، ކައިރީގަ ތިބި އެތަށް ބަޔަކު، މަށާ ދިމާއަށް ބުނެފަ އެބަހުރި މަސްވެރިކަމަކީ ވަރަށް ހަޑި މަސައްކަތެކޭ، މަހަށް ނުދާށޭ، ނޫނީ ރިސޯޓަށް ދާށޭ، އެހެންވެ އަސްލު ބޭނުންވީ ދަށްކާލަން މަސްވެރިކަން މިއީ ސަޅިކަމެއްކަން،" ސާޖިން ބުންޏެވެ.

އާމްދަނީއެއް ހޯދުމަށް މަހަށްދާން ފެށިފަހުން މިހާރު 6ވަރަކަށް އަހަރުވެފައިވާއިރު، މަސްވެރިކަމުގެ ފޮޓޯއާއި ވީޑިއޯތައް ނެގުމުގައި ސާޖިން ގިނަ ވަގުތުތަކެއް ހޭދަކުރެއެެވެ. އަދި މިކަމަކީ އޭނާ އަމިއްލައަށް ޝައުގުވެރިކަން ހުރެގެން ކުރާ ކަމަކަށްވާތީ މި މަސައްކަތަށް ބޭނުންވާ ކެމެރާ ފަދަ ތަކެތި ހޯދަނީ މަހަށްގޮސްގެން ލިބޭ އާއްމަދަނީންނެވެ.

ސާޖިން ބުނީ މިތަކެތި ގަތުމަށް ބޮޑު ޙަރަދެއް ކުރަން ޖެހެއެވެ. މި މަސައްކަތް ކުރަން ފެށިފަހުން މިހާތަނަށް ގާތްގަނޑަކަށް 7 ލައްކަ ރުފިޔާގެ ސާމާނު ގަނެފައިވާ ކަމަށާއި، މަސްވެރިން މަސްބާނާއިރު އެ މަސައްކަތުގައި ނޫޅެ ވީޑިއޯތައް ނެގުމުގައި އުޅުމުން އެދުވަހެއްގެ އާމްދަނީވެސް ދަށްވާކަން ސާޖިން ފާހަގަކުރިއެވެ.

" އުމުރުން 18 އަހަރުގައި އަމިއްލަ ގެއެއް އެޅުމަށް އިންނާނީ ބޮޑު ޙަރަދެއްކޮށްފައި، އެކަމަކު އެމަސައްކަތް ކުރިއަށް ނުދޭ މިކަމަށް ޙަރަދުކުރާތީ، ޑްރޯންއާއި އެއްޗެހި ގަންނަން ވަރަށް ބޮޑު ޙަރަދެއް ކުރަން، މިމަސައްކަތް ކުރަނީ ވަރަށް ކުރާހިތުން، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ވީޑިއޯތަކަށް ޕޮޒިޓިވް ކޮމެންޓްސްތައް ލިބޭތީ،" ސާޖިން ބުންޏެވެ.

ރާއްޖޭގެ މަސްވެރިކަން ޕޮރޮމޯޓުުރަން މަސައްކަތްކުރާ އެހެން މަސްވެރިންވެސް އުޅޭ އިރު، އެފަރާތްތަކަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަމުގައި މާލީގޮތުން އެހީތެރިވާނެ ފަރާތްތަށް ނެތުން ކަމަށް ސާޖިން ފާހަގަކުރެއެވެ. ސާޖީން ފޭސްބުކަށް ދޫކޮށްލާ މަސްވެރިކަމުގެ ވީޑިއޯތައް ބަލާ މީހުންގެ އަދަދު ވަރަށް ގިނައެވެ. ބައެއް ވީޑިއޯތައް މިލިއަނަކަށް ވުރެގިނަ މީހުން ބަލާފައިހުރެއެވެ.

މި ވީޑިއޯތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ފަރާތްތަކުން ބަލާކަން ފާހަގަކުރެއެވެ. ދާދިފަހުން އެމެރިކާގެ ޓީވީ ސްޓޭޝަނެއް ކަމަށްވާ، އެމް.ޓީ.ޑީ ޓެލެވިޜަނުންވަނީވެސް ވަނީ ސާޖިންގެ ވީޑިއޯއެއް އެމީހުންގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައެވެ. މި ވީޑިއޯވެސް މިހާރުވަނީ 2 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައެވެ.

ސާޖިންގެ ވީޑިއޯތަކަށް ބޭރު މީހުން ވަރަށް ގިނައިން ކޮމެންޓުކޮށްފައި ހުރެއެވެ. ދިވެހިން ދޮށީގެ މަސްވެރިކަން ކުރާގޮތާމެދު ގިނަ ބަޔަކު ސުވާލުކުރެއެވެ. އަދި ދިވެހިންނަށް ތައުރީފްކޮށްފައިހުރެއެވެ.

ސާޖިންއަކީ އުރީދޫގެ ބުރޭންޑު އެމްބެސަޑަރއެކެވެ. މިއާއެކު މަސްވެރިކަން ޕްރޮމޯޓުކުރުމަށް އެފަރާތުން ގިނަ އެހީތަކެއް ވަމުންދާކަން އޭނާ ފާހަގަކުރެއެވެ. ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކުރުމަށް މަސައްކަތްކުރާ މިފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ކުރިއަށްދާންވީ މަގު ދައްކައިދޭނެ ފަރާތްތަކުގެ ބޭނުންވަނީ ޖެހިފައެވެ.

ސާމީ އަލީ

މަސްވެރިކަމަކީ ވަކި ހަޑި ކަމެއް ނޫނޭ. ގިނަ ދިވެހިން ހިތުން މަސްވެރި ކަމަކީ ހަޑި ކަމެއް ތާ ދޯ. އެކަމަކު މަސްވެރި ކަމަކީ ދިވެހިންގެ ލޭނާރު. އޭނަ އެކުރަނީ ވަރައް ރަނގަޅު ކަމެއް

ފައިސަލް

މަ ސްވެރިކަމަކީ 'ފިޑިންނަށް' ކުރެވޭނެ ކަމެއްނޫން....ފިޑިމީހުން ބޮ ސްދޭ މު ސާރަކޮ ގެ އިންތިޒާރުގައި މަ ސްނިމެންދެން ގަޑި ގުނާލަ ގުނާލާ ތިބޭނީ...ލިބޭ ހުރިހާ ފައި ސާ ކޮޅުން ކުލި ދައްކައިގެން...