ޚަބަރު

ބެލަރޫސްއިން ރާއްޖެ ނާދެވި ތިބި ދިވެހިން ގެނައުމުގެ އިންތިޒާމު ހަމަޖައްސައިފި


ބެލަރޫސްއިން ރާއްޖެ ނާދެވި ތިބި ދިވެހިން ގެނައުމުގެ އިންތިޒާމު ފޮރިން މިނިސްޓްރީން ހަމަޖައްސަވައިފިއެވެ. ފޮރިން މިނިސްޓްރީން ކުރައްވަމުންގެންދަވާ މަސައްކަތުގެ މަޢުލޫމާތު ހިއްސާކުރައްވަމުން، އެ މިނިސްޓްރީން ވަނީ މިމަހުގެ 18 ވަނަ ދުވަހު ބެލަރޫސް އިން ރާއްޖެއަށް އައުމަށް މިންސްކް އެއަރޕޯޓަށް ދިޔުމުން ނުފުރުނު 26 ކުދިންނަށް ފުރޭ ގޮތް ހަމަޖެހިފައިވާކަން ހާމަކުރައްވާފައެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ވަނީ މި 26 ދަރިވަރުންނަށް ދިމާވި މައްސަލަ ބެލަރޫސް ސަރުކާރާއި، ބެލާވިއާ އެއަރލައިން އަދި ގަތަރު އެއަރވޭސްއާއެކު ޖަރުމަންވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި ވާހަކަ ދައްކައި، މަޝްވަރާކޮށްގެން ހައްލުކޮށްފައެވެ. އެގޮތުން ބެލަރޫސްގައި ތިބޭ ދިވެހި ދަރިވަރުންނަށް ކޮންސިއުލަރ އެހީތެރިކަން އެގައުމާ އެންމެ ކައީރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަންވިލާތުގައި ހުންނަ އެމްބަސީން ފޯރުކޮށްދިންކަން ކަމަށެވެ.

ފޮރިން މިނިސްޓްރީން ވަނީ މި ކުދިން ރާއްޖެ އަންނަން ހަމަޖެހިފައިވާ ރޫޓްގެ މަޢުލޫމާތުވެސް ހިއްސާކުރައްވާފައެވެ. އެގޮތުން މި 26 ކުދިންގެ ތެރެއިން 3 ކުއްޖަކު މިންސްކް – އިސްތަންބޫލް – ދޯހާ މަގުން މާލެ އައުމަށް ރޭ ފުރާފައިވާއިރު، 6 ކުއްޖަކު މިންސްކް – މިލާން – ދޯހާ މަގުން މާލެ އައުމަށް މިއަދު ވަނީ ފުރާފައެވެ. މީގެ އިތުރުން 5 ކުއްޖަކު މިންސްކް – އެންސްޓަޑަމް – ދޯހާ މަގުން މާލެ އައުމަށް މިއަދުވަނީ ފުރާފައެވެ. އަދި މިންސްކް – ފްރެންކްފަރޓް މަގުން 6 ކުއްޖަކުވަނީ މާލެއަންނަން މިއަދު ފުރާފައެވެ. ބާކީތިބި 6 ކުއްދިން މާލެއައުމަށް މާދަމާ ދަތުރުކުރަން ހަމަޖެހިފައިވަނީ މިންސްކް – އިސްތަންބޫލް – ދޯހާ މަގުންނެވެ.

ފޮރިން މިނިސްޓްރީއިން ވަނީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރު އަދިވެސް އެއްކޮށް ހަމަޔަކަށް ނޭޅޭތީއާއި، ގިނަ ޤައުމުތަކެއްގެ ބޯޑަރު އަދިވެސް އެއްކޮށް ހުޅުވާލާފައި ނުވާތީ، އާއި ވިސާގެ ބައެއް އެރޭންޖްމަންޓްސްތަކަށް ބަދަލުތައް އައިސްފައިވާތީ، އަނބުރާ ރާއްޖެއަށް ދަތުރުކުރައްވާ ދިވެހިންނާއި، ފުރައިގެން ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ދިވެހިން އެއަރލައިންތަކާ ގުޅުއްވައިގެން ފްލައިޓް ރޫޓްތަކުން ދަތުރުކުރެވޭނެތޯ ކަށަވަރުކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން ދަތުރުގައި ޓްރާންސިޓްކުރާ ގައުމުތަކުގެ ވިސާ ރިކުއަރމަންޓް ޓިކެޓް ނެގުމުގެ ކުރިން ބެލުމަށާއި، ދަތުރުކުރުމުގެ ކުރިން ޓްރެވަލް އިންޝުއަރެންސް ނެގުމާއި ރާއްޖެ އައުމުގެ ކުރިން އެޗް.ޕީ.އޭގެ "ހާލުބެލުން ޕޯޓަލް" ގައި ރަޖިސްޓްރީކުރުމަށް އެ މިނިސްޓްރީއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ދަތުރުކުރާއިރު ކޯވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅާ ގައިދުރުކަން އިސްކުރުމަށްވެސް އެ މިނިސްޓްރީންވަނީ އިލްތިމާސްކުރައްވާފައެވެ.