ކުޅިވަރު

ފީފާގެ އޮފިޝަލް ވެބްސައިޓުގައި އަޝްފާގްގެ ފީޗާއެއް!


ދުނިޔޭގެ ފުޓުބޯޅައާއިބެގޭ މައި އިދާރާ (ފީފާ)ގެ އޮފިޝަލް ސައިޓުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާގްގެ ފީޗާ އާޓިކަލްއެއް އާންމުކޮށްފިއެވެ.

ފީފާއިން މިއަދު އާންމުކުރި އާޓިކަލްގައިވަނީ އަޝްފާގް މިހާތަނަށް ހޯދާފައިވާ އެންމެ ބޮޑެތި ކާމިޔާބީތަކާއި، އޭނާ އެންމެ ފުރަތަމަ ފުޓުބޯޅައިގެ ތެރެއަށް ނިކުތް ގޮތުގެ ވާހަކަ ހިމަނާފައެވެ.

ފީފާގެ މި އާޓިކަލްގައި އަޝްފާގުގެ އިންޑިވިޖުއަލް އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ބުނެފައިވަނީ، 2013ވަނަ އަހަރު "އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފޫޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިސްޓިކްސް"ގައި އެއަހަރުގެ ދުނިޔޭގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ދެވަނާގައި އޭނާ ހިމެނުމެވެ. އެއީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންނާއިއެކު ލަނޑުލިސްޓުގެ ކުރީގައި ދިވެހި ކުޅުންތެރިއަކު ހިމެނު ފުރަތަމަ ފަހަރެވެ. އެފަހަރުގެ ދުނިޔޭގެ ލަނޑުލިސްޓުގެ ދެވަނަގައި އަޝްފާގް ހިމެނުނީ 23 ގޯލާއިއެކުއެވެ. އެއީ ލިސްޓުގެ އެއްނަވަނައިގައި ހިމެނުނު ޕޯޗުގަލްގެ ކެޕްޓަން އަދި ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯއަށްވުރެ އެންމެ ދެގޯލު މަދު އަދަދެކެވެ. އަދި ތިންވަނާގައި ހިމެނުނު ޒްލާޓަން އިބްރާހިމޮވިޗް އަށްވުރެ ހަ ގޯލު އިތުރު އަދަދެކެވެ. އަދި ހަތަރުވަނާގައި ހިމެނުނު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަފަހަރު ހޯދި އާޖެންޓިނާގެ ކެޕްޓަން މެސީއަށްވުރެ އަށް ގޯލު އިތުރު އަދަދެކެވެ.

ފީފާއަށް ދިން އިންޓަވިއުގައި އަޝްފާގް ބުނީ އެއީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރު ކަމަށާއި، ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންނާއިއެކު ލިސްޓުގެ ކުރީގައި ހިމެނުން އެއީ ގަބޫލުކުރަންވެސް އުނދަގޫވި ކާމިޔާބީއެއްކަމަށެވެ. އަދި އެއީ ބުރަ މަސައްކަތުން ހާސިލްކުރެވުނު ކާމިޔާބީއެއް ކަމަށާއި، އެކަމުގެ ފަހަތުގައި އޭނާގެ ޓީމުގެ ކުޅުންތެރިންގެ އެއްބާރުލުން ބޮޑުކަމަށްވެސް އޭނާބުންޏެވެ.

ފީފާއަށް ދިން އިންޓަވިއުގައި އަޝްފާގް އޭނާގެ ކާމިޔާބީތަށް ހިއްސާކުރަމުން، ނިއުރޭޑިއަންޓާއިއެކު ސީޒަންގެ ހުރިހާ ތައްޓެއް ކާމިޔާބުކޮށް އަދި އޭއެފްސީ ކަޕްގެ ގަދަ އަށާކާއި ހިސާބަށް ވާސިލްވުންވެސް އެއީ ލިބުނު ބޮޑެތި ކާމިޔާބީތަކެއް ކަމަށް ވަނީ ބުނެފައެވެ.

ވޯލްޑްކަޕް ކޮލިފައިންގައި މިހާތަނަށް 14 ގޯލު ކާމިޔާބުކޮށްދީފައިވާ އަޝްފާގް ފީފާއަށް އިން އިންޓަވިއުގައި ބުނީ ވޯލްޑްކަޕް ކޮލިފައިން އެއްގައި ގައުމީ ޓީމަށް ގޯލެއް ކާމިޔާބުކޮށްދެވުމުން ޚާއްސަ އިހުސާސްއެއް ކުރެވޭކަމަށާއި، ކުޑަ ގައުމެއްނަމަވެސް ކޮންމެވެސް ދުވަހަކުން ދިވެހި ރާއްޖެ ވޯލްޑްކަޕްގައި ވާދަކުރުން އެއީ ބޮޑު ހުވަފެނެއްކަމަށެވެ.

މިއީ މިގޮތަށް ފީފާގެ އޮފިޝަލް ސައިޓުގައި ދިވެހި ކުޅުންތެރިއަކު ފީޗާކުރި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

މުހައްމަދު

މަރުހަބާ.