ވިޔަފާރި

ޢަރަބިންނަށް ތާރީޙީ ދުވަހެއް : ޔޫއޭއީން މާސްއަށް ދަތުރު ފަށައިފި


ޔުނައިޓެޑް އެރަބް އެމިރޭޓްސް، ޔޫއޭއީން ފުރަތަމަ ފަހަރަށް މާސްއަށް އުޅަނދެއް ފޮނުވާލައިފިއެވެ.

ޔޫއޭއީން މާސްއަށް އިންސާނަކާ ނުލައި އުޅަނދެއް ފޮނުވާލާފައިވާއިރު، މިއީ ޢަރަބި ޤައުމަކުން ސޯލާ ސިސްޓަމްގައި ހިމެނޭ ޕްލެނެޓަކާ ގުޅޭ ދިރާސާތައް ކުރިއަށްގެންދިއުމަށް ޖައްވަށް އުޅަނދެއް ފޮނުވާލި ފުރަތަމަ ފަހަރެވެ.

މާސްއާ ގުޅޭ އެކިއެކި ދިރާސާތައް ކުރިއަށްގެންދިއުމަށް ޔޫއޭއީން ޖައްވަށް ފޮނުވާލި އުޅަނދަށް އަމާލްގެ ނަން ދީފައިވާއިރު، އޭގެ މާނައަކީ "ހޯޕް" ނުވަތަ އުއްމީދެވެ. ޖަޕާނުގެ ޓަނެގަޝިމާ ސްޕޭސް ސެންޓަރުން މިއުޅަނދު އުދުއްސާލީ ޖަޕާނު ގަޑިން މެންދަމު 1:38 އަދި ޔޫއޭއީ ގަނޑިން ރޭގަނޑު 7:38ގައެވެ. މިއުޅަނދު ޖައްވަށް އުދުއްސާލާފައިވަނީ ޖަޕާނުގެ އެޗް.ޓޫއޭގެ ނަން ދީފައިވާ ރޮކެޓެއްގައެވެ.

ޔޫއޭއީގެ އުޅަނދު މާސްއަށްކުރާ 7 މަހުގެ ދަތުރު ފަށަނީ

މިއުޅަނދުގެ ދަތުރު ފެށުމަށް ފުރަތަމަ ތާވަލްކޮށްފައި އޮތީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ދެފަހަރެއްގެ މަތިން އުޅަނދު އުދުއްސާލުން ލަސްކުރީއެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ ޔޫއޭއީން މާސްއަށް އުޅަނދެއް ފޮނުވާލުމުގެ އެންމެ ބޮޑު މަޤްޞަދަކީ ސައިންސްއާއި ޓެކްނޮލޮޖީގެ ދާއިރާ ކުރިއަރުވައި، ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމެވެ.

ދުނިޔެއިން މާސްއަށް ދިއުމަށް 7 މަހުގެ މުއްދަތެއް މިއުޅަނދު ނަގާއިރު، އުޅަނދުގެ މަސައްކަތަކީ މާސް ވަށައިގެން ބުރުޖަހަމުން، ދުނިޔެއަށް މަޢުލޫމާތު ފޮނުވުމެވެ. ޔޫއޭއީގެ އުޅަނދު ޖައްވަށް އުދުއްސާލިތާ ގަޑިއިރެއްހާއިރު ތެރޭގައި، އުޅަނދަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭ ސޯލާ ޕެނަލްތައް އެކްޓިވޭޓްކޮށް، ރޭޑިއޯ ކޮމިއުނިކޭޝަން ވަނީ ފަށާފައެވެ.

ޔޫއޭއީގެ އުޅަނދު މާސްއަށް ފޯރާވަރުވާނީ އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ. އެއީ ޔޫއޭއީ އުފެދުނުތާ 50 އަހަރު ފުރޭ މުނާސަބާވެސްމެއެވެ.

ޔޫއޭއީގެ އުޅަނދު މާސްއަށްކުރާ 7 މަހުގެ ދަތުރު ފަށާ މަންޒަރު ޔޫއޭއީގެ ވެރިން ދިޔައީ ގާތުން ބައްލަވަމުން

މާސްގެ ކަންކަން ދިރާސާކުރުމަށް މިހާރުވެސް 8 އުޅަނދެއް ހަރަކާތްތެރިވަމުންދާއިރު، އޭގެ ތެރެއިން ބައެއް އުޅަނދުތައް ވަނީ މާސްއަށް ތިރިކޮށްފައެވެ. ދެން ހުރި އުޅަނދުތައް މާސް ވަށައިގެން ބުރު ޖަހަނީއެވެ. އަދި ޗައިނާއާއި އެމެރިކާއިން ވަރަށް އަވަހަށް އިތުރު އުޅަނދުތަކެއް މާސްއަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.

ޔޫއޭއީން މާސްއަށް ކުރާ ދަތުރުގައި އިސްކޮށް އުޅުއްވާ އެޤައުމުގެ މިނިސްޓަރ އޮފް އެޑްވާންސް ސައިންސް ސާރާ އަމީރީ ވިދާޅުވީ، މާސްއަށް އުޅަނދެއް ފޮނުވުމުގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ހޭދަވިކަމަށެވެ. އަދި މިއުޅަނދު މެދުވެރިކޮށް މާސްއާ ގުޅޭގޮތުން ލިބިފައިނުވާ އެތައް މައުލޫމާތުތަކެއް ހޯދޭނެކަމަށް ސާރާ ވިދާޅުވިއެވެ.

މާސްއަށް ދަތުރުކުރުމުގެ މަސައްކަތް ފަށާކަން ޔޫއޭއީން ފުރަތަމަ އިޢުލާންކުރީ 2014 ވަނަ އަހަރުއެވެ. އަދި 2017 ވަނަ އަހަރު ޔޫއޭއީގެ ނެޝަނަލް ސްޕޭސް ޕްރޮގްރާމް ފެށިއެވެ. އަދި މިދިޔަ ސެޕްޓެމްބަރުމަހު ޔޫއޭއީގެ އެސްޓްރޮނޯޓަކު ފުރަތަމަ ފަހަރަށް ޖައްވަށް ކުރި ދަތުރުގައި އިންޓަރނޭޝަނަލް ސްޕޭސް ސެންޓަރަށް ވަނީ ގޮސްފައެވެ.