ސިއްހަތު

އެޗް.އައި.ވީއާއި ބެހޭގޮތުން ކައުންސިލިންދިނުން


އެޗް.އައި.ވީ -  އެއިޑްސް ބައްޔާއި ގުޅޭގޮތުން މީހުންނަށް މައުލޫމާތުދީ، އެބަލި ޖެހިފައިވާ ފަރާތްތަކަށް ކައުންސިލިންދޭނެ ގޮތްތަކާއި ގުޅޭގޮތުން ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. މި މަސައްކަތު ބައްދަލުވުމަކީ ސޮސައިޓީ ފޯރ ހެލްތް އެޑިއުކޭޝަނާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމާއި ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން އެޗް.ޕީ.އޭގެ ސީނިއަރ ޕަބްލިކް ހެލްތް އޮފިސަރ އަބްދުލް ހަމީދު ވިދާޅުވީ،  މި ބައްދަލުވުމުގައި އެޗް.އައި.ވީ އެއިޑްސް އަކީ ކޮބައިކަމާއި، މި ބަލި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދެވުނުކަމަށެވެ. އަދި އެއިޑްސް ބައްޔާއި ގުޅޭގޮތުން މީހުން ހޭލުންތެރިކޮށް، މި ބައްޔާއި ގުޅޭގޮތުން ކައުންސިލިންގ ދިނުމުގައި ވިސްނަންޖެހޭ ކަންތައްތަކާއި ގުޅޭގޮތުންވެސް ބައިވެރިންނަށް މައުލޫމާތު ހިއްސާކުރެވުނުކަމަށް އޭނާ ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ބައިވެރިންނަށް މައުލޫމާތުދީފައިިވަނީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ފަންނީ ތަޖުރިބާކާރުން ކަމަށާއި، މި ބައްދަލުވުމުގައި ހިއްސާ ކުރެވުނު މައުލޫމާތުގެ އަލީގައި އެޗް.އައި.ވީ އެއިޑްސް ޖެހިފައިވާ ފަރާތްތަކާމެދު އަމަލުކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިން އިތުރަށް ހަރުދަނާކުރުމަށްވެސް މަސައްކަތް ކުރެވިގެންދާނެކަމަށްވެސް އެޗް.ޕީ.އޭއިން މައުލޫމާތުދެއެވެ.މި މަސައްކަތު ބައްދަލުވުމުގައި ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، ބައެއް އަމިއްލަ ޖަމިއްޔާތަކާއި އަދި އަމިއްލަގޮތުން ކައުންސިލިންގ ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.