އާސެނަލްއާއެކު އޮތް އެއްބަސްވުމުގެ މުއްދަތާ މެދު ކަންބޮޑުނުވުމަށް އާސެނަލްގެ ކޯޗު އާޓެޓާ އެކްލަބްގެ ސަޕޯޓަރުންނަށް ގޮވާލައިފިއެވެ.
އާޓެޓާގެ މިގޮވާލުން އައީ އާސެނަލްއާއެކު އޮތް އެއްބަސްވުން ހަމަވާން ބާކީ އަހަރަކަށްވީއުރު، އާއެއްބަސްވުމެއްގައި ސޮއިނުކުރާތީ ސަޕޯޓަރުން ކަންބޮޑުވާކަމަށް ބުނެ އަމާޒުވި ސުވާލަށް ޖަވާބުދެމުންނެވެ. އާސީޒަން ފެށުމުގެ ކުރިން އާޓެޓާ އާ އެއްބަސްވުމެއްގައި ސޮއިކުރުމަކީ ކްލަބްގެ ސަޕޯޓަރުން އެދޭގޮތް ކަމަށް ވެއެވެ. އެކަން ފާހަގަކޮށް ކުރި ސުވާލަށް ޖަވާބުދެމުން އާޓެޓާ ބުނީ އެއީ ފިކުރުކޮށް، ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި، އޭނާ ހުރީ އާސެނަލްއާއެކު ކަމަށެވެ.
"އެމީހުން (ސަޕޯޓަރުން) އެއްބަސްވުމާ ގުޅޭ އެއްވެސް ކަމަކާ ކަންބޮޑުވާކަށް ނުޖެހޭނެ. ސަބަބަކީ އަހަރެން މިތާ (އާސެނަލްގައި) ހުންނަން ބޭނުންވާތީ. އަހަރަނެ މިތާ މިހުރީ ވަރަށް ބޮޑަށް އުފަލުން.އާޓެޓާ/ އާސެނަލްގެ ކޯޗު
2024 ވަނަ އަހަރު އާސެނަލްއާއެކު އާޓެޓާ ސޮއިކުރި އެއްބަސްވުމުގައި ބާކީ އޮތީ 12 މަސް ދުވަހެވެ. 2019 ވަނަ އަހަރު އާސެނަލްއާ ހަވާލުވެ، އާޓެޓާ ވަނީ ކްލަބްގެ ބޯޑްގެ އިތުރުން ސަޕޯޓަރުންގެ އިތުބާރުވެސް ވަރަށް ބޮޑަށް ހޯދާފައެވެ. އޭނާ ވަނީ 22 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އާސެނަލް އަށް އިނގިރޭސި ޕްރިމިއަރ ލީގު ހޯދައިދީފައެވެ. ޗެމްޕިއަންސް ލީގު ފައިނަލަށްވެސް ޓީމް ގެންގޮސްދިނެވެ. ފައިނަލްގައި ޕީއެސްޖީ އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.
އާސެނަލްއަށް ކުރިއަށް އޮތީ އާސީޒަން ފަށަން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗެވެ. އެފްއޭކަޕްގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނިކުންނާނީ މާދަމާރޭ ރާއްޖެ ގަޑިން 7:00 ގައެވެ. ސިޓީއަކީ ފާއިތުވި އަހަރުތަކުގައި އިނގިރޭސި ލީގު ޑޮމިނޭޓްކުރި ޓީމެވެ. އަދި އެންމެފަހުން އާސެނަލްގެ ފަހަތުން ދެވަނައިގައި ލީގު ނިންމާލީވެސް ސިޓީއެވެ. އެކަމަކު ކުރިއަށް އޮތް ސީޒަންގައި ސިޓީ ނިކުންނާނީ އާކޯޗު މަރެސްކާގެ އިރުޝާދުގެ ދަށުންނެވެ. 10 އަހަރަށްފަހު ކާމިޔާބު ކޯޗު ގާޑިއޯލާ ވަނީ ކްލަބް ދޫކޮށްލާފައެވެ.