ޚަބަރު

ހިންމަފުށިން މަސްތުވާތަކެއްޗާއެކު ދެ މީހުން ހައްޔަރުކޮށްފި


ހިންމަފުށީ ތިން ގެއަކާއި އޮފީހެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ދެ މީހުން ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސާއި ކ.ހިންމަފުށި ޕޮލިސްސްޓޭޝަން ގުޅިގެން ހިންމަފުށީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާ 2 މީހުންގެ ތެރޭގައި ހިމެނެނީ 39 އަހަރުގެ ދިވެހި ފިރިހެނަކާއި 31 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިމަހުގެ 16 ވަނަ ދުވަހުގެ ހަވީރުން ފެށިގެން 17 ވަނަ ދުވަހުގެ ހެނދުނާއި ހަމައަށް ހިންމަފުށީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެދަށުން 3 ގެއަކާއި އަމިއްލަ އޮފީހެއް ބަލާފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާ މެދު ގޮތެއްނިންމުމަށް ކ.ހިންމަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15ދުވަހުގެ މުއްދަތު ވަނީ ދީފަވެއެވެ.