ޚަބަރު

ކޯވިޑް-19އާއެކު ދިރިއުޅުން: ޑެލިވަރީ ޚިދުމަތް ދޫކޮށްލައިގެން ވާކަށް ނެތް


ކޯވިޑް-19އާއި ގުޅިގެން ދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސްވަނީ ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައެވެ. މަސައްކަތުގެ މާޙައުލުން ފެށިގެން ޢާއްމުކޮށް ހޯދަމުން އަންނަ ޚިދުމަތްތައް ހޯދުމާއި ހަމައަށްވެސް މިބަދަލުތައް ވަނީ އައިސްފައެވެ. ކޯވިޑާއެކު ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ޑެލިވަރީގެ ޚިދުމަތްތައް ފުޅާކުރަންޖެހުނީ ކުއްލިއަކަށެވެ.


ކޯވިޑް-19ގެ ކުރިންވެސް ޑެލިވަރީގެ ޚިދުމަތަކީ ބައެއް ވިޔަފާރިތަކުން ދެމުން އައި ޚިދުމަތެކެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި މި ޚިދުމަތް ދެމުން އައިނަމަވެސް އެއީ އޭރު އަމިއްލަ އިޚްތިޔާރުގައި ކުރަމުން އައިކަމެކެވެ. އެގޮތުން ރާއްޖޭގައިވެސް ބައެއް ރަށްތަކުގައާއި މާލެގައިވެސް ކޮންމެވެސް ވަރަކަށް އައީ ޑެލިވަރީގެ ޚިދުމަތް ދެމުންނެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން ފެށުނު ކޯވިޑް-19 މުޅި ދުނިޔެއަަށް ފެތުރި ޑެލިވަރީގެ ޚިދުމަތަށް ބަރޯސާވުން ވަނީ މަޖުބޫރު ކުރުވާފައެވެ. މިޙާލަތުގައި ޑެލިވަރީގެ ޚިދުމަތް ވެގެންދިޔައީ ޙާލަތާއެކު އުފެދިގެންއައި ބޮޑު ޚިދުމަތަކަށެވެ. އެގޮތުން ކޯވިޑާއެކު ޤައުމުތަކުން ޢިއުލާންކުރި ފުރަ ބަންދުގެ ދުވަސްތަކުގައި ޑެލިވަރީގެ ޚިދުމަތް ވެގެން ދިޔައީ އެންމެ ޒަރޫރީ އެއް ޚިދުމަތަށެވެ. ގެއަށް ބޭނުންވާ އެކި ސާމާނު ފޯރުކޮށްދިނުމަށް ފިހާރަތަކުން ޑެލިވަރީ ގެ ޚިދުމަތް ފެށިއިރު ކާބޯތަކެތި ފޯރުކޮށްދިނުމަށް ރެސްޓޯރެންޓުތަކުންވެސް ވަނީ އަތުކުރި އޮޅާލާފައެވެ. މީގެއިތުރުން ބޭހާއި އެނޫންވެސް މުހިއްމު ބާވަތްތަކުގެ ވިޔަފާރިތަކުންވެސް ވަނީ ޑެލިވަރީގެ ޚިދުމަތް ފަށާފައެވެ.

މިއީ ރައްކާތެރިކަމަށްޓަކައި އޭރު އޮތް ހަމައެކަނި ގޮތެވެ. ފުރަބަންދުގައި އެންމެ ބާރު ބޮޑުވި އެއް ޚިދުމަތަކީ ވިޔަފާރިތަކުން ފެށި ޑެލިވަރީގެ ޚިދުމަތެވެ. މިކަމުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ގިނަ ޤައުމުތަކުގައި ވިޔަފާރިތަކުން މިފަދަ ކަމަކަށް ތައްޔާރުވެ އެކަށީގެންވާ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާފައި ނެތުންކަމަށް ގިނަ ވިޔަފާރިތަކުންވަނީ ހާމަކޮށްފައެވެ. އެހެންކަމުން ރެޔަކާއި ދުވާލުން ރަށެއްގެ ނުވަތަ ސަރަޙައްދެއްގައި ދިރިއުޅެމުން އަންނަ ބޮޑު އާބާދީއަކަށް ބޭނުންވާ ތަކެތި ޑެލިވަރީ މެދުވެރިކޮށް ފޮނުވުމުގެ ޚިދުމަތް ފަށަންޖެހުމުން އެކަންވެގެންދިޔައީ ޚިދުމަތް ކާމިޔާބުކުރުމަށް އެތައް ގޮންޖެހުމަކާ ކުރިމަތިވިކަމަކަށް ކަމުގައި މާލެ ސިޓީ ކައުންސިލުންވެސް ވަނީ ފާހަގަކުރައްވާފައެވެ. މިމަސައްކަތުގައި ގިނަ މުވައްސަސާތަކެއްގެ އިތުރުން ޖަމިއްޔާތަކާއި އަމިއްލަ ފަރުދުންވެސް ވަނީ އެހީތެރިކަންފޯރުކޮށް ދީފައެވެ.

ރާއްޖޭގައި މިދަތިކަމާ އެންމެ ބޮޑަށް ކުރިމަތިލާންޖެހުނީ ވެރިރަށް މާލޭގެ ވިޔަފާރިތަކަށެވެ. މިކަން ކުރުމަށް މޮނިޓަރކުރެވޭނެ ހަރުދަނާ އިންތިޒާމެއް ކަމާއި ގުޅުންހުރި ފަރާތްތަކުން ގާތްގަނޑަކަށް ހަމަ އެއް ރެއިން ޢިއުލާންކޮށް ވަކި ޕޯޓަލް އެއްގައި ވިޔަފާރިތަކުން ރަޖިސްޓަރކުރުމަށް ހުޅުވާލި ނަމަވެސް އެއީ ފަސޭހަ ކަމަކަށް ނުވިއެވެ. ޢާއްމުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެގެންދިޔައީ ޑެލިވަރީތައް ލަސްވުމުގެ ޝަކުވާއެވެ. އެހެންނަމަވެސް ޙާލަތާ ވަގުތާއެކު ޚިދުމަތުގެ ފެންވަރު ހަރުދަނާވެ މިފަދަ ދަނޑިވަޅަކަށް ޢާއްމުން ތައްޔާރުވިފައިވާކަމަށް ފަހުން މިކަން އެންމެ ގާތުން މޮނީޓަރުކުރައްވަމުން ގެންދެވި މާލެ ސިޓީ ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.

މާލޭގައި އޮތް ފުރަބަންދަށް ދިން ލުއިތަކާއެކު ވިޔަފާރިކުރުމަށް މީހުން ގެއިން ބޭރަށް ނުކުތުން ޢާއްމުކުރިނަމަވެސް ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި މިދަނޑިވަޅުގައި ޤައުމުތަކުން ދެމުންދާ ފުރަބަންދުގައިވެސް ބޮޑަށް ބަރޯސާ ވަމުން އަންނަނީ ޑެލިވަރީއަށެވެ. އަދި ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ވިޔަފާރިކުރުމަށް ބޮޑެތި ބަދަލުތަކެއް މީހުންގެ ފަރާތުން އަންނާނެކަމަށް ވިޔަފާރިއާއި ބެހޭ ކަންކަން ދިރާސާކުރާ ނެދަލެންޑްސްގެ ހޮސްޕިޓޭލިނީ ނެޓުން ވަނީ ލަފާކޮށްފައެވެ.

ބޭރަށް ދާން ނުޖެހޭނެ ގޮތްތަކަށް ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ގޭގައި މަސައްކަތްކުރުމުގެ ވައްޓަފާޅިއަށް ބަދަލުކުރަމުން އަންނައިރު ރާއްޖޭގައިވެސް ބައެއް ކުންފުނިތަކުން އަންނަނީ މިވައްޓަފާޅިއަށް މަސައްކަތުގެ މާޙައުލު ބަދަލުކުރަމުންނެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ވައިރަހުން ރައްކާތެރިވުމަށް އެކަކު އަނެކަކާ ބައްދަލުވުން މަދުކުރުމެވެ. ނަން މަޝްހޫރު ބޮޑެތި ބްރޭންޑުތަކުން މިގޮތަށް ޢަމަލުކުރަމުން އަންނައިރު ފަރުދީ ގޮތުންވެސް ރައްކާތެރިވުމަށް ޑެލިވަރީ ގެއަށް ގެނެސްގެންނަމަވެސް ބޭރަށް ދިޔުން މަދުކުރުމަކީ މުހިއްމު ކަމެކެވެ.

ޑެލިވަރީ ކުރުމުގައި އަދި ޑެލިވަރީ ޚިދުމަތް ލިބިގަތުމުގައިވެސް ސަމާލުކަން ދޭންޖެހޭ މުހިއްމުކަންކަން އެޗްޕީއޭގެ ގައިޑްލައިންތަކުން އެނގެން އެބަހުއްޓެވެ. ޑެލިވަރީއަށް ދާ މީހާއާއި ޑެލިވަރީ ބަލައިގަންނަ މީހާވެސް ރައްކާތެރިވމުގެ ގޮތުން ގައިދުރުކަން ކަށަވަރުކުރަންޖެހެއެވެ. އަދި މާސްކު ބޭނުންކުރުމާއި ގެއަށް ޑެލިވަރީކޮށްގެން ގެންނަ ތަކެތި އެޗްޕީއޭގެ ގައިޑްލައިންގައި ހުއްދަ ކުރާ ސޮލިއުޝަނެއް ބޭނުންކޮށްގެން ސާފުކުރަންޖެހެއެވެ. އަދި ފައިސާގެ މުޢާމަލާތްތައް މަދުކޮށް ޓްރާންސްފަރއާއި ކާޑު ބޭނުންކުރުން ޢާއްމުކުރަންޖެހެއެވެ.

ފުރަބަންދަށް ލުއިތަކެއް ދިންނަމަވެސް އަދިވެސް ވައިރަހުގެ ނުރައްކާ ކުޑަނުވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިހާރު އޮތީ ކޯވިޑާއެކު ދިރިއުޅެން ދަސްކުރުމެވެ. އެހެންކަމުން މިވައިރަހާއެކު އުޅުމަށް ގެންނަ އެއްބަދަލަކީ ގެއިން ބޭރަށް ނިކުތުން މަދުކޮށް ގޭގައި ތިބެގެން ކުރެވޭ ހުރިހާކަމެއް ގޭގައި ތިބެގެން ކުރުމެވެ. އެގޮތުން ޑެލިވަރީގެ ޚިދުމަތަކީ މިކަމަށް އަދިވެސް އޮތް އެންމެ ބޮޑު ރައްކަލެވެ.