ޚަބަރު

އެމްޑީއޭއަށް މެމްބަރުން އިތުރުކުރަން ޙަރަކާތްތަކެއް ހިންގަނީ


މި އަހަރު ނިމުމުގެ ކުރިން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލައަންސް، އެމްޑީއޭއަށް 25،000 މެންބަރުން އިތުރު ކުރުމަށް ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް އެ ޕާޓީން ނިންމައިފިއެވެ. އެގޮތުން މިމަހު 27ގައި ހަރަކާތްތައް ރަސްމީކޮށް ފަށާނެ ކަމަށާއި، އެކަމަށްޓަކައި ޚާއްސަ ޖަގަހައެއް ހުޅުވާނެ ކަމަށް އެމްޑީއޭގެ ޒުވާނުންގެ މަޖިލީހުގެ ރައީސް އަހްމަދު ރީހާން ވިދާޅުވިއެވެ. އެމްޑީއޭގެ އޮފީހުގައި ނޫސްވެރިންނަށް ވާހަކަދައްކަވަމުން ރީހާން ވިދާޅުވީ، އެމްޑީއޭއަކީ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދޭނެ، ޒުވާން ލީޑަރޝިޕެއް އުފައްދާނެ ޕާޓީއެއް ކަމަށާއި، ޒުވާނުންނަށް ޚާއްސަކޮށްގެން 27 ވަނަ ދުވަހުގެރޭ، އާރޓިފިޝަލް ބީޗް ކައިރީ  ހުޅުވާ އެމްޑީއޭގެ ޖަގަހައަކީ މުޅިން ތަފާތު ކޮންސެޕްޓަކަށް ހުޅުވާ ޖަގަހައެއް ކަމަށެވެ. އެގޮތުން ޑްރަގްސް ފަދަ ވަބާތަކުން ސަލާމަތްވާން ބޭނުންވާ ފަރާތްތަކަށް ކައުންސިލިން ދިނުމާއި އެކި ކަންތަކުގައި އެހީތެރިވެ މުޖުތަމައަށް ނުކުތުމަށް އެ ޖަގަހައިގެ ތެރޭގައި މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި  މުނިފޫހި ފިލުވުމުގެ އިންތިޒާމްތައްވެސް ހަމަޖެހިފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 27 ވަނަ ދުވަހުގެރޭ ޖަގަހަ ހުޅުވުން އޮންނާނީ ކުލަގަދަ ރަސްމިއްޔާތަކާއެކު ކަމަށް އެމްޑީއޭއިން ބުނެއެވެ.