ވިޔަފާރި

އެމެރިކާގެ އިޤްތިޞާދު މިއަހަރު 6.6 އިންސައްތަ ދަށަށްދާނެ


އެމެރިކާގެ އިޤްތިޞާދު މިއަހަރު 6.6 އިންސައްތަ ދަށަށްދާނެކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްއިން ހާމަކޮށްފިއެވެ.

އެހެން ޤައުމުތަކެކޭ އެއްގޮތަށް އެމެރިކާގެ އިޤްތިޞާދުވެސް އަޑިއަޅާލާފައިވަނީ ކޯވިޑްގެ ސަބަބުންނާއި ލޮކްޑައުންގެ ސަބަބުން އިޤްތިޞާދީ ހަރަކާތްތައް ހުއްޓުމަކަށް އައުމުންނެވެ.
އެމެރިކާގެ އިޤްތިޞާދު މިއަހަރު 6.6 އިންސައްތަ ދަށަށްދާނެކަމަށް އައިއެމްއެފްއިން ލަފާކުރާއިރު، އައިއެމްއެފްއިން ކުރިން ލަފާކުރީ އެމެރިކާގެ އިޤްތިޞާދު 8 އިންސައްތަ ދަށަށްދާނެކަމަށެވެ. އައިއެމްއެފްއިން ބުނާގޮތުން އެމެރިކާގެ އިޤްތިޞާދަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ކޯވިޑްގެ ކޭސްތައް މަދުނުވެ، އިތުރުވަމުންދިއުމެވެ.

މާޗުމަހުން އޭޕްރީލްމަހަށް އެމެރިކާގެ އިޤްތިޞާދު ހުއްޓުމަކަށް ދިޔައިއު، އެކުއާޓަރުގެ އެޤައުމުގެ އިޤްތިޞާދީ ވަނީ 5 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި ނިމުނު 2 ވަނަ ކުއާޓަރުގައި އެޤައުމުގެ އިޤްތިޞާދު 35 އިންސައްތަ ދަށަށްދާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި 20 މިލިއަނެއްހާ މީހުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. ނަމަވެސް މޭ ޖޫންގައި އަލުން އިޤްތިޞާދީ ހަރަކާތްތައް ފެށުމުން 7.5 މިލިއަން މީހުންނަށް އަނބުރާ ވަޒީފާ ވަނީ ދީފައެވެ.

އިޤްތިޞާދީ ހަރަކާތްތައް އެމެރިކާގައި އަލުން ފެށިނަމަވެސް، ކޯވިޑްގެ ކޭސްތައް އަލުން ގިނަވާން ފެށުމުން އަނެއްކާވެސް އިޤްތިޞާދީ ހަރަކާތްތައް މަޑުޖެހޭނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. އަދި މިކަމުގެ ސަބަބުން ބައެއް ފަރާތްތަކުން ދަނީ ވިޔަފާރިތައް ފެށުން ލަސްވެސް ކުރަމުންކަމަށް ޚަބަރުތައް ބުނެއެވެ.