ޚަބަރު

ކޯވިޑް-19 އާއި ގުޅިގެން ހއ. އަތޮޅު ކައުންސިލުން ފަންޑެއް ހުޅުވައިފި


ކޯވިޑް-19 އާއި ގުޅިގެން ދިމާވާ ކަންކަމުގައި ޚަރަދުކުރުމަށް ” ކޯވިޑް-19 ރިލީފް ފަންޑު ” ގެނަމުގައި ހއ. އަތޮޅު ކައުންސިލުން ފަންޑެއް ހުޅުވައިފިއެވެ.

ހއ. އަތޮޅު ކައުންސިލްގެ ފަރާތުން ހުޅުވި މިފަންޑުގެ ބޭނުމަކީ ކޯވިޑް-19 އާއި ގުޅިގެން ރަށު ކައުންސިލްތަކުން ކުރަންޖެހޭ މުހިންމު ޚަރަދުތައް ކުރެވޭނެގޮތް ހަމަޖައްސައި ދިނުން ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އެކައުންސިލުން ވަނީ މިފަންޑަށް ތިންލައްކަ ރުފިޔާ ކަނޑައަޅާފައި އެވެ.

ފަންޑުން ފައިސާ ދޫކުރުމަށް އަތޮޅު ކައުންސިލްގެ 153 ވަނަ ޢާންމު ބައްދަލުވުމުން ނިންމާފައި ވަނީ ކޯވިޑް-19 އަތޮޅު އިމަންޖެންސީ އޮޕަރޭޝަން ސެންޓަރު ހިމެނޭގޮތަށާއި ހއ. އަތޮޅު 14 ރަށުގައި ގާއިމްކޮށްފައިވާ އޮޕަރޭޝަން ސެންޓަރުތައް ހިމެނޭގޮތަށް ކަމަށް އެ ކައުންސިލުން ވަނީ ހާމަ ކުރަށްވާފައެވެ.

ހއ. އަތޮޅު ކައުންސިލުން މަޢުލޫތު ދެއްވާފައިވާ ގޮތުގައި އެ ފަންޑުން ރަށު އިމަޖެންސީ ސެންޓަރުތަކަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ 250،000ރ (ދެލައްކަ ފަންސާސް ހާސް ރުފިޔާ)ގެ ދެބައިކުޅަ އެއްބައި ހުރިހާ ރަށަކަށް ހަމަހަމައަށް ދޫކުރުމަށެވެ. އަދި އަނެއް ބައި އެރަށަކުން ޚިދުމަތް ދޭންޖެހޭ އާބާދީއަށް ނިސްބަތްކޮށް ދޫކުރުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.

އަތޮޅު ކައުންސިލުން މިހާރު ވަނީ ރަށު އިމަޖެންސީ ސެންޓަރުތަކަށް ދޫކުރުމަށް ކަނޑައެޅި ފައިސާ ރަށުކައުންސިލްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްދީފައެވެ.

އެ ފަންޑުން އަތޮޅު އިމަޖެންސީ ސެންޓަރަށް ދޫކުރުމަށް ހަމަޖައްސާފައި ވަނީ ފަންސާސް ހާސް ރުފިޔާ ކަމަށްވެސް ހއ. އަތޮޅު ކައުންސިލުން ހާމަކޮށްފައިވެއެވެ،

ހއ. އަތޮޅުގެ މީހުން އުޅޭ 14 ރަށުގެ ޖުމްލަ ޢާބާދީ ބާވީސް ހާހަށްވުރެ މައްޗެވެ. މަޢުލުމާތު ލިބިފައި ވާގޮތުގައި މިއީ ކޯވިޑާއި ގުޅިގެން އަތޮޅު ކައުންސިލަކުން މިފަދަ ފަންޑެއް ހުޅުވި ފުރަތަމަ ފަހަރެވެ.