ވިޔަފާރި

"ޑްރީމް ޓު ޓްރެވެލް ފެސްޓިވަލް"ގައި ރާއްޖެ އިޝްތިހާރުކޮށްފި


ޑްރީމް ޓު ޓްރެވެލް ފެސްޓިވަލްގައި ރާއްޖެ އިޝްތިހާރުކޮށްފިއެވެ.

މި ފެސްޓިވަލްގައި ރާއްޖެ އިޝްތިހާރުކޮށްފައި ވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ ފަރާތުންނެވެ.

ޕެސިފިކް އޭޝިއާ ޓްރެވެލް އެސޯސިއޭޝަން (ޕާޓާ) އިން އިންތިޒާމްކޮށްގެން އޮންލައިންކޮށް ބޭއްވި މި ފެސްޓިވަލް ކުރިއަށްގެންގޮސްފައި ވަނީ ޖޫންމަހުގެ 22 އިން މިއަދުގެ ނިޔަލަށެވެ. އެމްއެމްޕީއާރުސީން ބުނީ މި ފެއަރގެ ތެރެއިން ފަތުރުވެރިންނާއި، ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުންނަށް ބައްދަލުވުމުގެ ފުރުސަތު ފަހިވެގެންދިޔަކަމަށެވެ.

މި ފެއަރގެ ތެރެއިން އިއްޔެ ކުރިއަށްދިޔަ 1 ގަޑިއިރުގެ ލައިވް ސެޝަންއެއްގެ ތެރެއިން ފެއަރގައި ބައިވެރިވި ފަރާތްތަކުން ވަނީ ވާޗުއަލްކޮށް ރާއްޖެއިން ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވެފައެވެ. ސެޝަން ފެށުމުގެ ގޮތުން އެމްއެމްޕީއާރުސީގެ ކުރު ތައާރަފަކާއިއެކު ޔޯގާ ސެޝަނެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ސެޝަން ކުރިއަށްގެންގޮސްފައިވަނީ ކޮކޯ ބޮޑުހިތި ރިސޯޓުގެ އޯވަރ ވޯޓަރ ވިލައަކުންނެވެ.

ޔޯގާ ސެޝަނަށްފަހު ދިވެހި ޝެފުން މެދުވެރިކޮށް ދިވެހި ކެއުންތައް ތައްޔާރުކުރާނެގޮތް ވަނީ ދައްކާލާފައެވެ. ޑްރީމް ޓު ޓްރެވެލް ފެސްޓިވަލް ކުރިއަށްގެންގޮސްފައި ވަނީ ކޮންމެ ހަފްތާއަކުވެސް ވަކި ޙާއްސަ މައުޟޫއަކަށް ޙާއްސަކޮށްގެންނެވެ. މި ފެސްޓިވަލްގައި ރާއްޖޭގެ އިތުރުން އެހެން ޤައުމުތައްވެސް ބައިވެރިވެ، އެ ޤައުމުތަކުގެ ފަތުރުވެރިކަން ވަނީ އިޝްތިހާރުކޮށްފައެވެ.

ކޯވިޑް19އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް އެމްއެމްޕީއާރުސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައް މިހަރު ކުރިއަށްގެންދަނީ ބޮޑަށް ޑިޖިޓަލްކޮށެވެ. އަދި ރާއްޖެ އިޝްތިހާރުކުރުމަށް މިހާރު ވަނީ އައު ކެންޕެއިނެއްވެސް ލޯންޗްކޮށްފައެވެ. މި ކެމްޕެއިން ކުރިއަށްދަނީ "ރީޑިސްކަވަރ މޯލްޑިވްސް - ދަ ސަނީ ސައިޑް އޮފް ލައިފް" ގެ ނަމުގައެވެ.