ޚަބަރު

ވެލާތަކެއް ފަޅައިގެން ތެޔޮކުނޑި ހާނަން ތިބި ބަޔަކު ހައްޔަރުކޮށްފި


ވެލާތަކެއް ފަޅައިގެން ތެޔޮކުނޑި ހާނަންތިބި ބަޔަކު ލ. އަތޮޅުގެ ފަޅުރަށަކުން
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް
ގެނެސްފައިވަނީ 12 ދިވެހި ފިރިހެނުންނާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ.

ލ. މާމެންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިއަދު 11:30
ހާއިރު އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ލ. އޮޅަތޮޅަ ކިޔާ
ފަޅުރަށެއްގައި ވެލާ ފަޅައި އެއިން ތެޔޮކުނޑި ހާނަން ތިއްބައެވެ.

އެމީހުން ތިބި
ސަރަހައްދުން 3 ވެލައެއްގެ ތޮށިގަނޑާއި ގިނަ ޢަދަދެއްގެ ވެލާ ބިހާއި ވެލާ މަސް
ފެނިފައިވެއެވެ.



މި މައްސަލަ ލ. މާމެންދޫ ޕޮލިސް ސްޓޭޝަނާއި
އެންވަޔަރމަންޓް ޕްރޮޓެކްޝަން އޭޖެންސީ ގުޅިގެން ދަނީ ތަޙުޤީޤު ކުރަމުންނެވެ.



ވެލައަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް
ދެމެހެއްޓުމާބެހޭ ޤާނޫނޫ، ޤާނޫނު ނަމްބަރު 4/93 ގެ 4 ވަނަ މާއްދާގެ ދަށުން
ތިމާވެއްޓާބެހޭ ވުޒާރާއަށް ލިބޭ ބާރުގެ ދަށުން ޙިމާޔަތްކޮށްފައިވާ އެއްޗެކެވެ.