ޚަބަރު

އެޗްޑީއެފްސީ އިން ކަސްޓަމްސް ގެ ފްލެޓްތަކަށް ފައިނޭންސް ކުރަނީ


ކަސްޓަމްސް މުވައްޒަފުންނަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފްލެޓަށް ފައިނޭންސްކުރުމާއި ބެހޭގޮތުން ކަސްޓަމްސް އާއި އެޗްޑީއެފްސީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ. ކަސްޓަމްސްގެ ފަރާތުން މި އެގްރީމްންޓްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢައްބާސް ޢާދިލް ރިޒާ ސޮއިކުރެއްވި އިރު އެޗް.ޑީ.އެފް.ސީގެ ފަރާތުން ސޮއިކުރެއްވީ އެޗް.ޑީ.އެފް.ސީގެ އޮޕަރޭޝަންސް ޑިރެކްޓަރ އެންޑް ކޮމްޕެނީ ސެކްރެޓަރީ ރަޙީމާ ސަލީމެވެ. މި އެއްބަސްވުމުގެ ދަށުން ކަސްޓަމްސް މުވައްޒަފުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢު އަށް ފައިނޭންސް ކުރުމާގުޅޭގޮތުން އެޗް.ޑީ.އެފް.ސީއާއެކު މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެއެވެ.މިހާރު އެކުލަވާލެވިފައިވާ މަޝްރޫޢުގެ ދަށުން 300 ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ފޭސްގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ 80 ފްލެޓެވެ. މިއެގްރީމަންޓްގައި ހިމެނޭ މައިގަނޑު ދެބަޔަކީ ކަސްޓަމްސްގެ މުވައްޒަފުންނަށް ލުއި ފަސޭހަ ގޮތެއްގައި ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން އިންޓްރެސްޓް ކުޑަ ލޯން ފުރުސަތު ލިބުމުގެ މަގު ތަނަވަސްކޮށްދިނުމާއި ކަސްޓަމްސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެޅުމަށް ހަމަޖެހިފައިވާ 300 ހައުސިންގ ޔުނިޓްގެ ތެރެއިން ފުރަތަމަ ފޭސްގައި އެޅުމަށް ހަމަޖެހިފައިވާ 80 ފްލެޓް އިމާރާތްކުރުމަށް ފައިނޭންސް ކުރެވޭނެ ނިޒާމެއް ހޯދުމެވެ.އެމް.އޯ.ޔޫގައި ސޮއިކުރުމަށް މިބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން ކަސްޓަމްސްގެ މުވައްޒަފުން އެދެމުންދިޔަ ދުވަހެއްގެ އުއްމީދު ހާސިލުކުރެވިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ކަސްޓަމްސްގެ މުވައްޒަފުންގެ ނަޒާހާތްތެރިކަން އިތުރުވެ، ސާބިތުކަމާއެކު ކަސްޓަމްސްއަށް ހިދުމަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.މި ޕްރޮޖެކްޓުގެ ދަށުން އަޅާ ފުލެޓު ލިބޭ މުވައްޒަފުންނާއި ލޯނު ނަގާ މުވައްޒަފުން ފައިސާ ދައްކައި ހަލާސްކުރުމަށް 20 އަހަރުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީއެފްސީ އިން ބުނެފައިވެއެވެ.