ވިޔަފާރި

ރާއްޖެއަށް ފުރަތަމަ ފަތުރުވެރިން ގެނައި އޭޖެންޓުގެ އުއްމީދީ މެސެޖެއް


48 އަހަރު ކުރިން 1972 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިކަން ފެށުމަށް އޭރު ލަންކާ އެމްބަސީގެ ވަޒީފާގައި އުޅުއްވި އަހްމަދު ނަސީމް (ކެރަފާ ނަސީމް)، މުހައްމަދު އުމަރު މަނިކު (އެމް.ޔޫ މަނިކު ) އަދި ހުސައިން އަފީފް (ޗަމްޕާ އަފީފު)އާއެކު އެންމެ ބުރަ މަސައްކަތެއް ކުރެއްވި އެއް ބޭފުޅަކީ އިޓަލީގެ ޓްރެވަލް އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވި ޖޯޖް ކޯބިންއެވެ.

ރާއްޖޭގައި ފަތުރުވެރިކަން ކުރިއަށްގެންދެވޭނެތޯ ބެލުމަށް ކޯބިން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެމަސައްކަތް ފެށްޓެވުމަށް އޭނާ ފުރަތަމަ ރައްޖެ އައިސްފައިވަނީ "މޯލްޑިވްސް އެކްޕޯޓާ" ނަމަކަށް ކިޔާ ކަނޑު އުޅަނދެއްގައި ރައީސް އޮފީހުގެ މިހާރުގެ މިނިސްޓަރު އަހުމަދު ނަސީމްއާ އެކުއެވެ. އަދި އެއަށްފަހު ދެވަނަ ފަހަރަށް 1972 ވަނަ އަހަރު 12 މީހުން ހިމެނޭ އިޓަލީގެ ޓުއަރިސްޓް ގްރޫޕަކާއެކު ކޯބިން ރާއްޖެއަށް ކުރި ދަތުރަކީ ފަތުރުވެރިންގެ ގޮތުގައި ބަޔަކު ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ. ޖަޒީރާ ޤައުމުތަކަށް ލޯބި ކުރާ ކޯބިންގެ ފުރަތަމަ ދަތުރާއިއެކު އޭނާ ރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވުމުގެ މަސައްކަތް ފެށިއެވެ.

1972 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިކަން ފެށުމަށްފަހު، މިވީ 48 އަހަރު ތެރޭގައި ރާއްޖެއަށް ފަތުުވެރިން އައުން ހުއްޓިފައެއް ނުވެއެވެ. ނަމަވެސް ކޯވިޑް-19 ދުނިޔެއަށް ފެތުރި، ރާއްޖެއަށްވެސް އޭގެ ނުރައްކާ ކުރިމަތިވުމުން 48 އަހަރުވަންދެން ހުއްޓުމެއްނެތި ކުރިއަށްދިޔަ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓި، ފަތުރުވެރިން ރާއްޖެ އައުން މެދުކެނޑިގެން ދިޔައެވެ. ނަމަވެސް 3 މަހެއްހާ ދުވަހަށްފަހު އަނެއްކާވެސް ފަތުުވެރިކަން ފަށާފައިވާއިރު، އުއްމީދީ މަންޒަރުތަކެއް ދަނީ ފެންނަމުންނެވެ.

110 ދުވަހަށްފަހު އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލާ، ފަތުރުވެރިކަން އަލުން ފެށުމުން އެކަމާ އެންމެ އުފާވި އެކަކީ މީގެ 48 އަހަރު ކުރިން ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރުމަށް އެހީތެރި ޖޯޖް ކޯބިންއެވެ.

ކޯވިޑްއަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމާ ގުޅިގެން ކޯބިން ވަނީ ޚާއްސަ މެސެޖެއް ދިވެހިންނަށް ފޮނުވާފައެވެ. އޭނާގެ މެސެޖުގައި ފަތުރުވެރިކަން ފެށުނު ގޮތާއި، މިހާރު ރާއްޖެއިން ހާސިލްކޮށްފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ކޯބިން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކޮށްފައިވަނީ ލަގްޒަރީ ރިސޯޓުތަކާއި، ބުޓީކް ހޮޓާ، ގެސްޓްހައުސް، ލިވްއަބޯޑްތަކާ އެކުކަމަށެވެ. މުޅި ދުނިޔެއަށް މަޝްހޫރު ރާއްޖޭގެ ޤުދުރަތީ ރީތިކަމަށް ތައުރީފްކުރައްވަމުން ކޯބިން ވިދާޅުވީ މިކަން އިތުރަށް ފުރިހަމަވަނީ ދިވެހިންގެ ހިތްހެޔޮކަމާއި، މެހްމާންދާރީގެ ސަބަބުންކަމެށެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ އެންމެ މަޤޫބޫލު އަދި ރައްކާތެރި އެއް މަންޒިލްކަމަށާއި، ރާއްޖެއަށް ދުނިޔޭގެ އެކި ސަރަހައްދުތަކުގެ އެކި ޤައުމުތަކުން ފަތުރުވެރިން އަންނަނީ މިސަބަބުތަކާ ގުޅިގެންކަމަށް ކޯބިން ފާހަގަކުރިއެވެ.

1971 ވަނަ އަހަރު ކުނރުބާ ވިލެޖް ރާއްޖޭގެ ފުރަތަމަ ރިސޯޓުގެ ގޮތުގައި ހުޅުވުމަކީ މިދާއިރާ ފެށުންކަމަށް ފެންނަން އޮތްއިރު، މިއަދު ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބަށްވެފައިވާކަން ކޯބިން ފާހަގަކުރެއްވިއެވެ.

ކޯބިންގެ މެސެޖުގައި އަހުމަދު ނަސީމްގެ އެހީތެރިކަމާއެކު ރާއްޖެ އައިސް، ރާއްޖޭގައި ފަތުރުވެރިކަން ފެށުނު ގޮތުގެ ތަފްސީލްވެސް ހިއްސާކުރެއްވިއެވެ. ކޯބިންގެ މެސެޖު ނިންމާލާފައިވަނީ ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ހުރިހާ ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުމަށް އަބަދުވެސް އެދޭނެކަމަށް ވިދާޅުވަމުންނެވެ.

ރާއްޖެއަށް 1971 ވަނަ ކޯބިން ކުރެއްވި ފުރަތަމަ ދަތުރަށްފަހު އެނބުރި އިޓަލީވިލާތަށް ގޮސް، ކެރަފާ ނާސީމާއި އެމްޔޫ މަނިކާއި ގުޅިގެން ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިންގެ ގްރޫޕެއް ގެނައީ 1972 ވަނަ އަހަރު ފެބްރުއަރީ މަހު 16 ވަނަ ދުވަހުއެވެ. އިޓަލީވިލާތުގެ ނޫސްވެރިންނާއި ފޮޓޯނަގާ 22 މީހުންގެ މައްޗަށް އެކުލެވޭ މިގުރޫޕް ރާއްޖެ އައީ އެއަރ ސިލޯނުގެ ފްލައިޓެއް ޗާޓަރުކޮށްގެނެވެ. އެއަށްފަހު ފެނިގެން ދިޔައީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަން ފުޅާވެގެން ދިޔަ މަންޒަރެވެ. އަދި މިއަދު ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގައި އެންމެ ނަން ހިނގާ ޤައުމެވެ. ދުނިޔޭގެ އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްލުމަށް އަންނަން އެންމެ ބޭނުންވާ މަންޒިލެވެ. ގިނަ ބަޔަކަށް އެންމެ ހިތްޤާއިމު އަދި އެންމެ ރައްކާތެރި މަންޒިލެވެ.