ޚަބަރު

ރަށްރަށުގެ ގެސްޓްހައުސްތައް ހުޅުވާނެ ސީދާ ތާރީޚެއް އަދި ކަނޑައެއްނާޅަން - ޓުއަރިޒަމް މިނިސްޓްރީ


ފުރަބަންދަށްފަހު ދީފައިވާ ލުއިތަކާއެކު އަންނަ މަހު އަތޮޅުތަކުގެ ގެސްޓްހައުސްތައް ޚިދުމަތަށް ހުޅުވާލަން ކުރިން ނިންމާފައި ވީނަމަވެސް، އެކަމާއި ގުޅިގެން ސީދާ ވަކި ތާރީޚެއް އަދި ކަނޑައަޅާފައި ނުވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ ރާއްޖޭގެ ބޯޑަރު ހުޅުވާލައި ފަތުރުވެރިކަން އަލުން ހުޅުވުމާ ގުޅޭގޮތުން މަޢުލުމާތު ދެއްވަމުން، ޓުއަރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރ ޢަލީ ރައްޒާން ވިދާޅުވީ ގެސްޓް ހައުސްތަކުގެ ޚިދުމަތް ފަށާނެކަމަށް މިހާރު ދީފއިވާ ތާރީޚަކީ ކަނޑައެޅިގެން ޔަގީން ތާރީޚެއް ނޫންކަމަށެވެ.

ފަތުރުވެރިކަމާގުޅޭ ގައިޑްލައިންތައް ހެދިއިރު ތަރީޚެއް ދީފައިވަނީ، އެހާހިސާބަށް ދާއިރު ރާއްޖޭގެ ޙާލަތު ރަނގަޅުނަމަ އެޚިދުމަތްތައް ފެށުމަށްކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ޢާއްމު ރައްޔިތުން ދިރިއުޅޭ ރަށްތަކާ ގުޅިފައިވާ ޚިދުމަތަކަށްވާތީ ޚިދުމަތް ފެށުމުގައި ވަރަށް ގިނަ ކަންކަމަށް ބަލާޖެހޭކަމަށް ޢަލީ ރައްޒާން ވިދާޅުވިއެވެ.

"ގައިޑް ލައިންގައި އެހެން އޮތް ނަމަވެސް ކޮންމެ 14 ދުވަހަކުން ސިއްޙީ ދާއިރާގެ ބޭފުޅުންނާ ބައްދަލުކޮށް ގައިޑްލައިންތައް ދަނީ ރިވިއުކުރަމުން. އެހާއިރަށް އޮންނަ ޙާލަތަކީ ޢާއްމުން ދިރިއުޅޭ ރަށްތަކުގެ ގެސްޓްހައުސްތައް ހުޅުވާލުން ރައްކާތެރިކަމަކަށް ވާނަމަ އެކަން އެގޮތަށް ކުރާނީ." ރަޒާމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެޗްޕީއޭގެ އެޕިޑިއޮމޮލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ ގެސްޓް ހައުސްތަކުގެ ޚިދުމަތް ފެށުމަށް ހުއްދަ ދޭއިރު ބަލަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށެވެ. އެގޮތުން މިޚިދުމަތް ފެށުމަށް ތައްޔާރުކަން ކަނޑައަޅާނީ އެހާހިސާބަށް ދާއިރު ރާއްޖޭގެ ކޯވިޑް-19ގެ ޙާލަތު އޮތްގޮތަށް ބެލުމާއި، އަދި ދެންއަންނަ ފިޔަވަހީގައި ލުއިދެވޭނެ މިންވަރު ކަށަވަރުކުރުމަށްފަހުކަމަށެވެ. އަދި ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ރާއްޖޭގައި ވަސީލަތްތައް ޤާއިމުވެފައިވާ މިންވަރަށް މި ޚިދުމަށް ވަރަށް ބޮޑަށް ބަރޯސާވާކަމަށްވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ.

"އެއް ފޭސް ނިމޭއިރު އެނގޭނީ ދެން އޮތް ފޭސްއަށް ރެޑީކަން. މި ޚިދުމަތް ފަށާނަމަ ބަލި ކޮންޓްރޯލް ކުރުމުގެ ވަސީލަތް ރާއްޖޭގައި ޤާއިމުވެފައިވަނީ ކިހާވަރަކަށްތޯ ބަލަންޖެހޭ. މި ހުންނަންޖެހޭ މިންގަނޑުތަކާއި ފިޔަވަޅުތަށް ބެލުމަށްފަހު ޚިދުމަތް ފެށުމަށް ހުއްދަ ދޭނީ." ޑރ.އަފްޒަލް ވިދާޅުވިއެވެ.

ލޯކަލް ޓުއަރިޒަމް ވިޔަފާރިއަކީ ރަށްޖޭގައި ވަރަށް ބޮޑަށް ފުޅާވެފައިވާ ވިޔަފާރިއެކެވެ. ގިނަރަށްތަކުން ގެސްޓްހައުސް ވިޔަފާރިއަށް ވަންނަމުންއަންނައިރު، ގިނަ ކުދި ވިޔަފާރިތަކެއްވެސް މި ޚިދުމަތާއި ގުޅެއެވެ. ރިސޯޓްތަކާއި ސަފާރީތަކުން ޚިދުމަތް ފެށުުމުގެ ހުއްދަ ދިން ނަމަވެސް، ގެސްޓް ހައުސްތަކުގެ ޚިދުމަތް ފެށުމަށް ހުއްދަ ނުދީވަނީ، މިއީ ބަލި ރަށްތަކަށް ފެތުރުމުގެ ފުރުސަތު ބޮޑުވާކަމަކަށް ވާތީއެވެ. ގެސްޓްހައުސްގެ ވިޔަފާރި ވަގުތީގޮތުން ހުއްޓާލާފައިވީނަމަވެސް، އަތޮޅުތަކުގެ ގެސްޓްހައުސްތައް ހުޅުވާލުމުން ގިނަ ފަތުރުވެރިން ދަނީ ބުކިން ހައްދަމުންނެވެ.