ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ބޯޑުގެ ނާއިބު ރައީސްކަމަށް މުހައްމަދު މާހިރު ޢީސާ އައްޔަންކޮށްފިއެވެ. އެލްޖީއޭ ވިދާޅުވީ މާހިރު އެމަޤާމަށް އައްޔަންކުރީ މިއަދު ބޭއްވި އޮތޯރިޓީގެ ބައްދަލުވުމުގައިކަމަށެވެ.
މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމާއެކު އައު ކައުންސިލަރުން އިންތިޚާބު ކުރަންދެން އަމަލު ކުރާނެ ޚާއްސަ ގާނޫނުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އަލުން އެކުލަވާލައްވައި އެ ބޯޑަށް 7 ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވީ މިދިޔަ މަހުގެ 9 ވަނަދުވަހުއެވެ.
ޖޫންމަހުގެ ދެވަނަ ދުވަހު އެ ޤާނޫނު ފާސްކުރުމާއި އެކު އެދުވަހުން ފެށިގެން ކުރިން އޮތް އެލްޖީއޭގެ ބޯޑު ވަނީ އުވިގެންގޮސްފައެވެ. ޤާނޫނު ބުނާގޮތުން އަލަށް އެކުލަވާލި ބޯޑު އޮންނާނީ އައު ކައުންސިލަރުން އިންތިޚާބުކުރަންދެނެވެ.
އައު ބޯޑުގެ ރައީސަކަށް އައްޔަންކުރެއްވީ މިހާތަނަށްވެސް އެ މަޤާމުގައި ހުންނެވި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއެވެ. އެލްޖީއޭގެ ދުވަހުން ދުވަހަށް ހިންގުމުގެ ހުރިހާކަމެއް ހަވާލުކޮށް ބޯޑު ވަގުތީ ސީއީއޯއަަކަށް ކަނޑައަޅުއްވާފައިވަނީ ފާޠިމަތު އަފްޝަން ލަޠީފްއެވެ. އަފްޝަން މިހާތަނަށް ހުންނެވީ ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ތަރުޖަމާނުގެ ގޮތުގައެވެ.
1- (ރައީސް) އައްޝައިޚް ޢިމްރާން ޢަބްދުﷲ، / މިނިސްޓަރ އޮފް ހޯމްއެފެއާޒް
2- (ނައިބް ރައީސް )އަލްފާޟިލް މުޙައްމަދު މާހިރު ޢީސާ / މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް
3- އަލްފާޟިލް މުޙައްމަދު ޝިހާބު / އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް
4- އަލްފާޟިލް އަޙްމަދު ސަމީރު / މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް
5- އަލްފާޟިލާ ފާޠިމަތު އަފްޝަން ލަޠީފް / ޗީފް އެގްޒެކެޓިވް އޮފިސަރ
6. އަލްފާޟިލް އަޙްމަދު ޝަރީފް / މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް
7. އަލްފާޟިލާ ފާޠިމަތު ނިޢުމާ / މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު
އައު ކައުންސިލަރުން ހުވާކުރަންދެން މި މުއްދަތުގައި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިންތަކާއި އިމާރާތްތައް ހަ މަހަށްވުރެ ދިގު މުއްދަތަކަށް ކުއްޔަށްދެވޭނީ އެލްޖީއޭގެ ހުއްދައާއި އެކުއެވެ. އަދި މި މުއްދަތުގައި ކައުންސިލް އޮފީހުގެ އެއްވެސް މަގާމަކަށް މީހަކު ނޭގޭނީ ވެސް އެލްޖީއޭގެ ހުއްދަ ލިބިގެންނެވެ.