ޚަބަރު

ކަރަންޓީން ނުވެ ރަށްރަށަށް ދެވޭނެ އުސޫލެއް އެޗްޕީއޭއިން އާންމުކޮށްފި


އާއްމު ޚިދުމަތްތަކާއި ހިންގަމުންދާ މަޝްރޫޢުތަކުގެ މަސައްކަތްތަކަށް މާލެ އިން ރަށްރަށަށްދާ މީހުން ކަރަންޓީން ވާން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހަމަޖައްސައިފިއެވެ.

އެޗްޕީއޭއިން ނެރުނު އުސޫލުގައިވާ ގޮތުން މައިގަނޑު 7 ދާއިރާއަކުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ކޯވިޑް ފެތުރިފައިވާ ރަށަކުން އެހެން ރަށަކަށް ދަތުރުކުރެވިދާނެއެވެ. އެހެންނަމަވެސް އެގޮތަށް ދަތުރުކުރެވޭނީ ހުއްދަ ހޯދައިގެންކަމަށާއި އެކަމުގެ މަޢުލޫމާތުވެސް ރަށު ކައުންސިލަށް އަންގަންޖެހޭނެކަމަށް އެޗްޕީއޭއިން އެކުލަވާލި އުޞޫލްގައިވެއެވެ.

ހުއްދަ ދިނުމަށް ނިންމާފައިވާ ދާއިރާތައް:
- ކޭބަލް އަދި މީޑިއާ ނެޓްވޯކްގެ ހިދުމަތްތައް.
- ބޭންކްގެ ހިދުމަތްތައް.
- ވޯޓަރ ސަޕްލައި، ކަރަންޓު ފަދަ ޔުޓިލިޓީ ޚިދުމަތްތައް.
- ސިއްޚީ ޚިދުމަތްދޭ ތަންތަނުގެ ކަންތައްތައް ބެލުމާއި ވަގުތީ ގޮތުން ދޭން ޖެހޭ ޚިދުމަތްތައް.
- މެއިންޓަނެންސް މަސައްކަތްތައް.
- ސަރުކާރާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތައް.
-މި ނޫނަސް އާއްމު ޚިދުމަތްތަކާ ގުޅޭ އެހެނިހެން މަސައްކަތްތައް.

މި މަސައްކަތްތައް ކުރުމަށް ރަށްރަށަށް ދިއުމަށް ހުއްދަ ދޭ ގޮތަށް ހެދި ނަމަވެސް އެގޮތަށް ކުރާ ދަތުރުތަކުގައި އަމަލުކުރަން ޖެހޭ މިންގަނޑުތަކެއްވެސް އެޗްޕީއޭގެ އުސޫލުގައި ކަނޑައަޅާފައިވެއެވެ.

އެގޮތުން ދަތުރުކުރާ މީހުން އުޅެން ޖެހޭނީ އެމީހަކު ކުރަން ދިޔަ މަސައްކަތަށް ހާއްސަ ވެފައިވާ ތަނުގައެވެ. އަދި ޒަރޫރީ ހާލަތެއްގައި ނޫނީ ރަށުގެ އެހެން ތަންތަނަށް ދިއުން މަނާވާނެކަމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލްގައިވެއެވެ. އަދި ރަށަކަށް ދަތުރުކުރާއިރު ދަތުރުކުރުމުގެ ހުއްދަ ގެންދަން ޖެހޭނެއެވެ. މީގެ އިތުރުން ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ކަންކަމަށް ފުރިހަމައަށް އަމަލުކުރަންވެސް ޖެހޭނެއެވެ.

މީގެ އިތުރުން މިގޮތަށް މަސައްކަތެއް ކުރުމަށް ބަޔަކު ރަށަކަށް ފޮނުވާނަމަ އެ މުވައްސަސާ ނުވަތަ ކުންފުނިން އެ ބަޔަކަށް އެ ރަށުގެ އެހެން މީހުންނާއި ވަކިން ދިރިއުޅެވޭނެ ގޮތް ހަމަޖައްސަން ޖެހޭނެއެވެ. އަދި ފޮނުވާ މީހުންނަކީ ކޯވިޑް-19 ޖެހިފައިވާ މީހެއްގެ ކޮންޓެކްޓެއް ނޫންކަންވެސް ކަށަވަރުކުރަން ޖެހޭނެއެވެ. މީގެ އިތުރުން މަސައްކަތެއް ކުރުމަށް ގޮސް ހުއްޓާ ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ރިޕޯޓް ކުރަންޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭގެ އުޞޫލްގައި ވާގޮތުން ރަށަކަށް މަސައްކަތެއް ކުރުމަށް ފޮނުވާ މީހުން އެ މަސައްކަތެއް ކޮށް ނިމުމާއެކު ވީއެންމެ އަވަހަކަށް އެ ރަށަކުން ފައިބަންވެސް ޖެހޭނެއެވެ.

ީީ

މުލިންވެސް ޒަ ރޫ ރީ ބޭނުން!