އަތޮޅުތައް

މުލީ ބިން ހިއްކުމުގެ މަޝްރޫއު ޑިސެމްބަރުގެ ނިޔަލަށް ނިންމަނީ


މުލަކަތޮޅު މުލީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 20 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށާއި އަންނަ ޑިސެމްބަރުގެ މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ މަސައްކަތުގެ ސަބް ކޮންޓްރެކްޓަރ، މެލޭޝިޔާގެ އެވޯޝަން ކުންފުނިން ބުނެފިއެވެ. 99 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން މުލީގައި 40 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ އެމް.ޓީ.ސީސީއެވެ. ނަމަވެސް އެ ކުންފުނިން މި މަސައްކަތް ކުރިއަށްގެންދަނީ ސަބް ކޮންޓްރެކްޓް އުސޫލުން މެލޭޝިޔާގެ އެވޯޝަން ކުންފުންޏާއި ހަވާލުކޮށްގެންނެވެ. ޕަބްލިކް ސަރވިސް މީޑިޔާއަށް މައުލޫމާތު ދެއްވަމުން އެވޯޝަން ކުންފުނީގެ ކަންޓްރީ މެނޭޖަރ އަސަދުﷲ ޝިހާބް ވިދާޅުވީ، ބިން ހިއްކަމުންދާ ވަރަކަށް ފަސްގަނޑުވެސް ލެވެލް ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް މަސައްކަތް ނިންމުމަށް އެއްބަސްވުމުގައި އޮތް ނަމަވެސް، މަސައްކަތް ލަސްވީ އީ.އައި.އޭ ރިޕޯޓަށް ބަދަލުގެނެސް ފަސް ނަގަންޖެހޭ ސަރަހައްދު ބަދަލުވުމުން ކަމަށް އަސަދުﷲ ވިދާޅުވިއެވެ. ނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާނަމަ ޑިސެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.މުލީގައި 40 ހެކްޓަރުގެ ބިން ހިއްކަމަށް ކުރިއަށްގެންދާ މި މަޝްރޫއު ނިމޭއިރު އެރަށުގެ ޖާގަ ދެގުނައަށް ބޮޑުވެގެންދާނެކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.