ޚަބަރު

ބޯޑަރު ހުޅުވި ފުރަތަމަ ދުވަސް: 212 އެތެރެވި، 348 މީހުން ފުރި


ކޯވިޑް-19އާ ގުޅިގެން ބޯޑަރުތައް ބަންދުކޮށްފައި ބޭއްވުމަށްފަހު މިއަދު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު މިއިދު އެކަނިވެސް 212 މީހުން ރާއްޖެއަށް އެތެރެވެފައިވެއެވެ. އަދި 348 މީހުން ރާއްޖެއިން ބޭރަށް ފުރާފައިވާކަމަށް އިމިގްރޭޝަނުން ހާމަކުރައްވައިފިއެވެ. 110 ދުވަހަށްފަހު މިއަދު ރާއްޖޭގެ ބޯޑަރުތައް ހުޅުވައި މިއަދު ވަނީ، 3 ފްލައިޓެއް އޮޕަރޭޓްކޮށްފައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕއުޓީ ޗީފް އިމިގްރޭޝަން އޮފިސަރ މުޙައްމަދު ޝިފާން ވަނީ ބޯޑަރުތައް ހުޅުވާލުމާއެކު މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އެގޮތުން ބޯޑަރު ހުޅުވާލުމާއެކު އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާއި، އޮންލައިންކޮށް ހެލްތު ޑިކްލެރޭޝަން ފޯމް ފުރުމުގެ މަސައްކަތުގެ ތަފްސީލް ހިއްސާކުރެއްވިއެވެ.

މިއަދު ޝެޑިއުލް 2 ފްލައިޓެއް ދަތުރުކޮށްފައިވާއިރު، 1 ޗާޓާޑް ޖެޓް ރާއްޖެ އައިސްފައިވާކަމަށް ޝިފާން ހާމަކުރެއްވިއެވެ. މިއަދުގެ ފްލައިޓްތަކުގައި 212 މީހުން ރާއްޖެ އެތެރެވެ 348 މީހުން ފުރާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ޑރ.އަފްޒަލް ވިދާޅުވިހެން މިއަދުގެ ގަތަރު އެއަރވޭސްގެ ފްލައިޓްގައި 113 މީހުން އައިސްފައިވޭ. މީގެ ތެރޭގައި ހިމެނެނީ 101 ފަތުރުވެރިންނާއި، 12 ބިދޭސީ މަސައްކަތްތެރިން. މިއަދު އައި ސްރީ ލަންކަން އެއަރލައިންސްގެ ފްލައިޓްގައި 38 ދިވެހިންނާއި، 68 ބިދޭސީ މަސައްކަތްތެރިންގެ އިތުރުން 1 ޓުއަރިސްޓެއް އައިސްފައިވޭ. ޑިޕާޓަރތަކަށް ބަލާލާއިރު ސްރިލަންކަންގެ ފްލައިޓްގައި 157 ބިދެސީ މަސައްކަތްތެރިއަކާއި 20 ފަތުރުވެރިން ފުރި. ގަތަރު އެއަރވޭސްގެ ފްލައިޓްގައިި 104 ބިދޭސީ މަސައްކަތްތެރިންނާއި 58 ފަތުރުވެރިން އަދި 9 ދިވެހިން ފުރާފައިވޭ." ޑެޕއުޓީ ޗީފް އިމިގްރޭޝަން އޮފިސަރ މުހައްމަދު ޝިފާން ވިދާޅުވިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ މިއަދުގެ ފްލައިޓްތަކުގައި ދުނިޔޭގެ 32 ޤައުމަކުން ފަތުރުވެރިން އައިސްފައިވާއިރު، މީގެތެރެއިން އެންމެ ގިަނއިން ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕްގެ ޤައުމުތަކުންނެވެ.