ޚަބަރު

ނައިފަރުގެ ފެނާ ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރަނީ


ޅ.ނައިފަރުގެ ފެނާ ނަރުދަމާގެ ނުނިމިހުރި މަސައްކަތްތައް އެމްޑަބްލިއުއެސްސީއާ ޙަވާލުކުރުމަށް ނިންމައިފިއެވެ. މިނިސްޓްރީ އޮފް ޕްލޭނިންގއިން މިމަސައްކަތް އެކުންފުންޏާ ޙަވާލުކުރުމަށް ނިންމާފައިމިވަނީ ނައިފަރުގެ ފެނާ ނަރުދަމާގެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔުމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށެވެ.

ޅ.ނައިފަރުގެ ފެނާ ނަރުދަމާގެ މަޝްރޫޢާއި ގުޅޭގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ ނައިފަރުގެ ފެނާ ނަރުދަމާގެ މަސައްކަތް ލަސްވަމުންދާތީ 3 ފަހަރެއްގެ މަތިން އިތުރަށް ވަގުތު ދީފައިވާކަމަށެވެ. އެގޮތުން ކޮންޓްރެކްޓް ކުރި މުއްދަތަށްވުރެ އިތުރަށް 279 ދުވަސް ދީފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާކަމަށް ކަނޑައަޅާ މިހާރު މަސައްކަތް ކުރިން ޙަވާލުކުރި އިންޑިއާގެ ލަކީ ހިޔާ އެކްސްޕޯޓް ކުންފުންޏާއެކުވެފައިވާ އެއްބަސްވުން އުވާލާފައިވާކަމަށް ޕްލޭނިންގ މިނިސްޓަރވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.

މަސައްކަތް ލަސްވަމުންދާތީ ރަސްމީކޮށް 22 ފަހަރެއްގެ މަތިން ލިޔެކިޔުން މެދުވެރިކޮށްނާއި، އެކި ބައްދަލުވުންތަކުގައި އެކަމުގެ ކަންބޮޑުވުން ސަރުކާރުން ފާޅުކޮށްފައިވާކަން މިނިސްޓަރ އަސްލަމްވަނީ ފާހަގަކުރައްވާފައެވެ. އަދި އެކުންފުންޏާއެކު ހެދި އެއްބަސްވުން އުވާލިއިރު ނިމިފައިވަނީ މަސައްކަތުގެ 78 އިންސައްތަ ކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ. އެހެންކަމުން ބާކީ ހުރި މަސައްކަތްތައް ނިންމުމަށް މިހާރު ސަރުކާރު ހިއްސާވާ ކުންފުނި އެމްޑަބްލިއުއެސްސީއާއި ޙަވާލުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަޑު: "ބަންޑާރަ ނައިބުގެ ލަފަޔާއެކު ކޮންޓްރެކްޓް ބާތިލްކުރުމުގެ އުސޫލުގެ ދަށުން މިހާރު އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލާ މިކަމުގެ ހައްލެއްގެ ގޮތުން މިހާރު މިމަޝްރޫޢުގެ ބާކީ ބައި އެމްޑަބްލިއުއެސްސީއާއެކު މަސައްކަތްދަނީ ކުރަމުން. އެގޮތުން އެބައޮތް އެމްޑަބްލިއުއެސްސީން ޕްރޮޕޯސަލް ފޮނުވާފައި ޖުލައި ނުވަވަނަ ދުވަހު." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން މިހާރު ހުށައަޅާފައިވާ ޕްރޮޕޯސަލްއަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު އެޕްރޮޕޯސަލް މިމަޝްރޫޢަށް ފަންޑުކުރާ ބައިނަލްއަޤުވާމީ އެހީދޭ ޖަމިއްޔާތައް ކަމަށްވާ އައިޑީބީއާއި އޮފިޑަށް ހުށައެޅުމުގެ މަސައްކަތް މިހާރުކުރިއަށް ދާކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

ނައިފަރުގެ ނަރުދަމާގެ މަސައްކަތް ލަސްވުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޕްލޭނިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ މަޝްރޫޢު ލަސްވުމުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށެވެ. އެގޮތުން ކޮންޓްރެކްޓަރާއި ސަބް ކޮންޓްރެކްޓަރުގެ މެދުގައި ހުރި ފައިސާއާއި ގުޅުންހުރި މައްސަލަތަކާއި ދައުލަތުގެ މުދަލަށް ގެއްލުންވުމުގެ މައްސަލަތަކެއް ކުރިމަތިވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަޑު: "މިމަސައްކަތް ލަސްވުމުގަ އެބަހުރި އެހެންކަންކަންވެސް. ސަބް ކޮންޓްރެކްޓަރަށް ފައިސާ ނުދިނުމާއި ނައިފަރުގެ ކަރަންޓު ވިއުގައަށް ގެއްލުންވުމާއި އަދި ކޯވިޑް-19ގެ ސަބަބުން ސަރުކާރުގެ ގިނަ މަސައްކަތްތަކެއް ހުއްޓުމަކަށް އައުމާއެކު މީގެ އިތުރަށްވެސް ގިނަ ކަންކަމެއް ދިމާވެގެން މިމަސައްކަތް ކުރިއަށް ނުގޮސް ލަސްވެފަ އޮތީ."މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ޅ.ނައިފަރުގައި ފެނާއި ނަރުދަމާގެ މަސައްކަތްކުރުމަށް ބަޔަކު ހޯދުމަށް ޢިއުލާންކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. މިމަޝްރޫޢުގެ މަސައްކަތް ކުރުމަށް ބަޔަކާ ޙަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫންމަހުއެވެ. މިމަޝްރޫޢުގެ ދަށުން ނައިފަރުގައި ނަރުދަމާ ވިޔުގަ ޤާއިމުކުރުމާއި، ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓް ޤާއިމުކުރުމާއި އަދި ފެނުގެ ވިޔުގަ އެޅުމާއި، ސްޓޯރޭޖް ޓޭންކް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް އޭރުވަނީ ނިންމާފައެވެ.