ޚަބަރު

އަދީބު މިނިވަންކުރި މައްސަލާގައި ނުފޫޒު ހިމެނޭކަމަށް ބުނެ މަޖިލީހަށް މައްސަލައެއް


ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިމިނަލްކޯޓަށް ބާތިލްކޮށް މިނިވަންކުރި މައްސަލާގައި ނުފޫޒާއި، ރިޝްވަތާއި ކޮރަޕްޝަން ހިމެނޭކަމަށް ބެލެވޭތީ، މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފެވެ. މިމައްސަލަ ބަލައިގަތުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 22 މެމްބަރުން ވޯޓުންނެވެ. މައްސަލަ ބަލައިނުގަތުމަށް 1 މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ. މައްސަލަ ހުށަހަޅުއްވުމަށްފަހު މެމްބަރު ހަސަން ލަތީފް ވިދާޅުވީ މައްސަލަ ނިންމާފައިވަނީ ވަރަށްގިނަ އިޖުރާއަތްތަކާއި ޚިލާފަށްކަމަށެވެ. ޤާޒީ މިމައްސަލާގައި އަމަލުކޮށްފައިވަނީ ދިފާއީ ވަކީލެއްގެ ގޮތުގައިކަމަށް މައްސަލައިގައި ކަންހިނގަދިދިޔަ ގޮތުން ސާފުކަމާކަމަށެވެ.

ހަސަން ލަތީފް ހުށަހެއްޅުވި މިމައްސަލާގައި ބުނެފައި ވަނީ މިމައްސަލާގައި ނުފޫޒާއި، ރިޝްބަތާއި ކޮރަޕްޝަން ހިމެނޭތީ، މައްސަލަ ބޭރުކޮށްލި ފަޑިޔާރު އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީން ބެއްލުވުމަށް ހުށަހެޅުމަށާއި، މިމައްސަލަ ވީހާވެސް އަވަހަކަށް އިސްތުއުފާކުރުމަށް ހުށަހަޅުމަށް ގޮވާލާކަމަށެވެ.

މީގެ އިތުރުން އަހުމަދު އަދީބުގެ މައްޗަށް ކޮށްފއިވާ 7 ދައުވާ ކްރިމިނަލް ކޯޓުގެ ފަޑިޔާރު އިސްމާއިލް ރަޝީދު އެކޯޓުން ބޭރުކޮށްލާފައިވަނީ ގާނުނުތަކާއި އިޖުރާއަތްތަކާއި ޚިލާފަށްކަމަށް ވީހިނދު، މިމައްސަލަތައް ކޯޓުން ބޭރުކޮށްލުމުގައި ދައުލަތާއި، އަހުމަދު އަދީބާިއ ދެމެދު ވެފައވާ އެއްބަސްވުމާއި ހަވާލާދީ އެއްބަސްވުމުގައި އަދީބު ބޭސްފަރުބާއަށް ފުރުމުގެ ހުއްދައަށް ދުމުގެ ވާހަކައަށް އިޝާރާތްކޮށް އެއީ މަޖުބޫރު އެއްބަސްވުމެއްކަމަށް ބަލައިގަނެ އަދީބް އޭގެ މާފަހުން ދިން އިއުތިރާފް ބަޔާންތައް ބާތިލްކަމަށް ފަޑިޔާރު އިސްމާއިލް ރަޝީދު ކަނޑައަޅާފައިވާކަމަށެވެ.

މިމައްސަލާގައި ފަނޑިޔާރު އިސްލާއިލް ރަޝީދު އަމިއްލައަށް ގޮތްނިންމާފައިވަނީ ދައުލަތާއި އަދީބާއި ދެފަރާތުންކުރެ ފަރާތެއްގައި އަހާލުމެއްވެސް ނެތިކަމަށެވެ. ދައުލަތާއި އަދީބާއި ދެމެދު ވެފައިވާ އެއްބަސްވުމާއި ދައުވާތައް ބާތިލްކުރުމަށް އަދީބުވެސް ހުށަހަޅާފައިވާ ނުވާއިރު މިމައްސަލަ ފަޑިޔާރު އަމިއްލަފުޅަށް ނިންމި ނިންމުމަކީ ބަލައިގަނެވޭކަމެއް ނޫންކަމަށެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ މިމައްސަލަޔަކީ މަޖިލިސް ތެރެއިންނާއި، ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުން އަވަސްގޮތަކަށް ބަލައި އިންސާފު ގާއިމްވާންޖެހޭ މައްސަލައެއްކަމަށެވެ. އަދި ފަޑިޔާރަކު ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި ޚިލާފަށް މިފަދަ ނިންމުމެއް ނިންމުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވާހަކަ ދެއްކެވި މެމްމަބަރުން ވިދާޅުވިއެވެ.

މިމައްސަލާގައި މަޖިލިސް ރައީސް ވިދާޅުވީ މިމައްސަލަ ނިންމާފައިވަނީ ފަނޑިޔާރުގެ ގާބިލްކަން ނެތިގެންކަމަށްވާނަމަ މިކަމުގައި އެހެން ނުފޫޒުތަކެއް އޮތުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އަދި މިކަން ބަލައި ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅު އެޅުމަކީވެސް މުހިންމުކަމެއްކަމަށް މަޖިލިސްރައީސް ވިދާޅުވިއެވެ.

"ތިޔަ ވިދާޅުވީ ޤާބިލްކަމުގެ ވާހަކަ. ޤަމާރުކަމުން ވީކަމެއްގެ ގޮތުގައި މުޅި މައްސަލަ ހިނގާމިދިޔައީ. ވިދާޅުވެދެއްވައިފި ޤާނޫނުލް އުގޫބާތުގެ އިޖުރާއަތްތަކާއި، އަދިއެހެންވެސް އެތައް އިޖުރާތްތައްތަކެއް، އޭގެއެއިން އެއްވެސް އިޖުރާތަކަށް ބެއްލެވުމުގެ ގާބިލްކަމެއް ފަޑިޔާރުގެ ކިބައިގައި ނެތީއޭ. ގަމާރުކަން އިންތިހާއީއޭ. މިބާވަތުގެ ކަމެއް ކަނޑައެޅިގެން ރޯމާދުވާލު ހިނގާނީ ގަމާރުނުވަތަ ގާބިލްކަމުން ނޫންކަމަށްވާނަމަ އަޅުގަނޑަށް ފެންނަނަމަ ދައުލަތުގެ އެހެން މުވައްސަސާތަކަށް މި މުއާމަލާތް ބަލަންޖެހޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ކޮރަޕްޝަނުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބަށް 806 އަހަރުގެ ޖަލު ހުކުމް އަންނަވަރަށް ދައުވާތައް ކުރެވެން އެބަހުރިކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ޙުސައިން ޝަމީމް އިއްޔެވަނީ ވިދާޅުވެފައެވެ. ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ އަދީބުގެ މައްޗަށް ތުހްމަތު ކުރެވޭ 150 ނުވަތަ އެއަށް ވުރެ ގިނަ ދައުވާ އެބަހުރިކަމަށެވެ. އަދި އެދަޢުވާތައް ސާބިތުކުރެވޭވަރަށް ހެއްކާއި ގަރީނާވެސް އެބަހުރި ކަމަށެވެ.