ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރަން ޚާއްސަ ކެމްޕެއިނެއް ފަށަނީ


ރާއްޖެ އިޝްތިހާރުކުރުމަށް ޚާއްސަ ކެމްޕެއިނެއް ފެށުމަށް އެމްއެމްޕީއާރުސީން ތައްޔާރުވެއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބް މުހައްމަދު ވިދާޅުވީ ކެމްޕެއިން ކުރިއަށްދާނީ "ރީޑިސްކަވަރ މޯލްޑިވްސް - ދަ ސަނީ ސައިޑް އޮފް ލައިފް" ނަމުގައިކަމަށެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތައްޔިބް ވިދާޅުވީ އެމްއެމްޕީއާރުސީގެ މަސައްކަތް މިހާރު ބައްޓަންކޮށްފައިވަނީ ޑިޖިޓަލްކޮށް ޕްރޮމޯޝަންތައް ހިންގުމަށްކަމަށެވެ. އަދި ރާއްޖެއަށް މުހިއްމު މާރކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި މިއަދުން ފެށިގެން ރާއްޖެ އިޝްތިހާރު ކުރާނީ "ރީޑިސްކަވަރ މޯލްޑިވްސް - ދަ ސަނީ ސައިޑް އޮފް ލައިފް" ގެ ޓެގްލައިނާއިއެކުކަމަށެވެ.

"އަސްލުގައި އަޅުގަނޑުމެން "ރީޑިސްކަވަރ މޯލްޑިވްސް - ދަ ސަނީ ސައިޑް އޮފް ލައިފް" ޓެގްލައިނަށް ބަދަލުކޮށްލަނީމި. މަސައްކަތް ކުރަމުންދިޔަ ގޮތްބަދަލުވެއްޖެ. މުޅި ދުނިޔެ ބަދަލުވެއްޖެ. ޑިޖިޓަލްކޮށް މިހާރު މިދަނީ ފެއަރއެއްވިޔަސް، ޕްރެސްކޮންފަރެންސްއެއްވިޔަސް. އެގޮތުން މުހިންމު މާރކެޓްތަކުގައި ދަނީ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރަމުން. މައިގަނޑު 10 ޤައުމާއިއެކު ފޮރިން މިނިސްޓްރީގެ އެހީތެރިކަމާއެކު ދަނީ ރާއްޖެ އިޝްތިހާރުކުރަން މަސައްކަތް ކުރަމުން. ބޭރުގެ މީޑިއާތަކަށްވެސް މައުލޫމަތު ދެމުންދާނީ." ތައްޔިބް ވިދާޅުވިއެވެ.

ތައްޔިބް ވިދާޅުވީ އެންމެ މުހިންމު ކަމެއްގެ ގޮތުން ކުރާ މަސައްކަތަކީ ރާއްޖޭގެ ރިސޯޓުތަކަކީ ޤުދުރަތީ ވަކިވަކިން އޮންނަ ރަށްތަކެއްކަން ފަތުރުވެރިންނަށް އަންގައިދިނުންކަމަށެވެ. އަދި ރިސޯޓުތަކުން އަރާފޭބުމުގައި ހަމަޖައްސާފައި ހުންނަ އިންތިޒާމްތަކަކީ ސިއްހީ އިދާރާތަކުން މިކަމާއި ގުޅިގެން އަޅަން ބޭނުންވާ ފިޔަވަޅުތަކާ އެއްގޮތަށް، އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކެއްގެ ގޮތުގައި ތައްޔިބް ސިފަކުރެއްވިއެވެ.

ތައްޔިބް ވިދާޅުވީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑްގެ ހާލަތުގެ ސަބަބުން ކުއްލިއަކަށް ފަތުރުވެރިކަން އެންމެ އެދެވޭގޮތަށް ކުރިޔަށް ނުދާނެކަމަށެވެ. ނަމަވެސް ކަމާބެހޭ އިދާރާތަކުން ކުރެވޭނެކަމަކީ ހުއްޓާނުލާ ފަތުުރުވެރިކަމުގެ ދާއިރާ އިޝްތިހާރުކޮށް، އެކި ފަރާތްތަކާއި ޓްރެވަލް ބަބްލް، ޓްރެވަލް ބްރިޖް ފަދަ އެއްބަސްވުންތަކުން ޤާއިމްކޮށް، ކުރިޔަށް ދިއުންކަމަށް ތައްޔިބް ފާހަގަކުރެއްވިއެވެ.