ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ތޭރަ އަހަރުގެ ޖަލު ހުކުމް ގޭ ބަންދަށް ބަދަލުކުރުމަށް އެއްވެސް އިރަކު އެއްބަސްވެފައި ނޯންނާނޭކަމަށާއި، އަދި އެފަދަ ލިޔުމެއްވެސް ދީފައި ނުވާނޭކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ނަޝީދު އަނބުރާ ޖަލަށް ގެންދިއުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުންނެވި ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވީ ދެމަހެއްހާ ދުވަސްކުރިން ނަޝީދު ގޭބަންދަށް ބަދަލުކުރީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށާއި އެއީ ދާއިމީކޮށް ގެނައި ބަދަލެއް ނޫން ކަމަށެވެ.ޝައިނީ ވިދާޅުވީ ރައީސް ނަޝީދު ގޭބަންދަށް އެއްކޮށް ބަދަލުކޮށްފައިވާ ކަމަށްބުނެ ދައުރުވަމުންދާ ލިޔުންތަކަކީ ސައްހަ ޑޮކިއުމެންޓެއް ނޫން ކަމަށެވެ. އެ ލިޔުމާއި ގުޅޭ ކަންތައްތައް ތަޙުޤީޤު ކުރުމަށް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި، އެ ލިޔުމުގައި ޖަހާފައިވާ ކަރެކްޝަނަލް ސާރވިސްގެ ތައްގަނޑަކީ ސައްހަ ނޫން ތައްގަނޑެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލުޔެއް ދެވެން އޮތީ އެކަމުގައި ހުރި ގާނޫނީ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ގޮތެއްގެ މަތިން ކަމަށްވެސް ޝައިނީ ވިދާޅުވިއެވެ. ޝައިނީ ވިދާޅުވީ އެމްޑީޕީއާއެކު ކުރެވުނު މަޝްވަރާތަކުގައި ރައީސް ނަޝީދު ދޫކޮށްލުމަށާއި ލުއި ދެއްވުމަށް އިދިކޮޅު ޕާޓީތަކުން ހުށައަޅާފައިވިޔަސް އެއްވެސް ފަހަރަކު ރައީސް ނަޝީދު ދޫކޮށްލުމަށް އެއްބަސްވެފައިނުވާ ކަމަށާއި، އަދި ނަޝީދަށް ލުޔެއް ދިނުމަށް ވެސް ސަރުކާރުން އެއްބަސްވެފައި ނުވާނެ ކަމަށެވެ."އިދޮކޮޅު ފަރާތްތަކާއެކު ސަރުކާރުން ފެށި މަޝްވަރާގައި ނަޝީދާއި އެހެން ކުށްވެރިންތަކެއް ދޫކޮށްލަން ހުށަހެޅި. އެކަމަކު އެ މަޝްވަރާގައި ވެސް އަދި މަޝްވަރާ އިން ބޭރުގައި ވެސް އެއްވެސް ކުށްވެރިއެއް ދޫކޮށްލަން ނޫންނަމަ އަދަބު ލުއިކުރަން ސަރުކާރުން އެއްބަސްވެފައެއް ނޯންނާނެ. ނަޝީދު ގޭބަންދަށް ބަދަލުކުރަން ސަރުކާރުން ލިޔުން ދިން ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވާ ވިދާޅުވުން ސަރުކާރުން ދޮގު ކުރަން. އެއީ ސައްހަ ޑޮކިއުމަންޓެއް ނޫން." ޝައިނީ ވިދާޅުވިއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ވިދާޅުވީ ހޯމް މިނިސްޓްރީން ވިދާޅުވީ ރައީސް ނަޝީދު ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލަތާއި ގުޅޭގޮތުން ޑޮކްޓަރު ދީފައިވާ ލަފާގެ މަތިން ކަމަށެވެ. އެގެތޮން ޑޮކްޓަރުން އަށް ހަފްތާއަށް ގެއަށް ބަދަލު ކުރުމަށް އެދުމުން އެ ފުރުސަތު ދިނުމަށްފަހު، އެ މުއްދަތު ހަމަވުމަށްފަހުވެސް ޑޮކްޓަރު އަނެއްކާވެސް ގެއަށް ބަދަލު ކުރުމަށް ބުނުމުން، އެކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން ޖަލަށް ބަދަލު ކުރީ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.ހުޝާމް ވިދާޅުވީ ނަޝީދު އަނބުރާ ޖަލަށް ގެންދިއުމަށް މ.ޔާގޫތު ގެއަށް ގޮސްފައިވަނީ ކަރެކްޝަނަލް ސަރވިސްގެ ހަތަރު އޮފިޝަލުން ކަމަށާއި ފުލުހުންގެ އެހީތެރިކަމަށް އެދެން ޖެހުނީ ޔާގޫތުގޭ ތެރެއިން ނިކުތުމަށް އޮފިސަރުންނަށް ހުރަސް އެޅުމުން ކަމަށެވެ. ނަޝީދަކީ ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ވުމާއެކު އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ކަންކަމަށް އިސްކަންދެއްވާނެ ކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.