ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިޙާރުކުރުމަށް ދުބާއީގައި ރޯޑްޝޯއެއް


މެދު އިރުމަތީގެ ޤައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިޙާރުކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕީ.އާރ ކޯރޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީގެ ފަރާތުން ދުބާއީގައި ޚާއްސަ ރޯޑްޝޯއެއް ފަށައިފިއެވެ. މިމަހުގެ ތޭވިހުން ފެށިގެން 5 ދުވަހުގެ މުއްދަތަކަށް ދުބާއީގައި ކުރިއަށްދާ މި ރޯޑްޝޯ ބޮޑަށް އަމާޒުކޮށްފައިވަނީ މެދު އިރުމަތިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 4 ސިޓީކަމަށްވާ ދުބާއި، އަބޫ ދާބީ، ކުވެއިތު އަދި ދޯހާގެ ފަތުވެރިންނަށް ކަމަށް އެމް.އެމް.ޕީ.އާރ.ސީން މައުލޫމާތުދެއެވެ. އެ ކޯރޕަރޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ރޯޑްޝޯވގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 14 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ނަން މަޝްޙޫރު ބައެއް ރިސޯޓްތަކާއި، ހޮޓެލްތަކުގެ އިތުރުން ޓްރެވަލް އެޖެންސީތައް ހިމެނެއެވެ. މިފަދަ ރޯޑްޝޯވއެއްގެ ސަބަބުން މެދުއިރުމަތީގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިޙާރުކޮށް، ރާއްޖޭގެ ސަޤާފަތާއި، ގުދުރަތީ ރީތިކަން ޕްރޮމޯޓްކުރުމަށް ފަހި މާހައުލެއް ޤާއިމުކޮށްދެވިގެން ދާނެކަމަށާއި، މެދުއިރުމަތީގެ ޓުއަރ އޮޕަރޭޓަރުންނާއި ރަނގަޅު ގުޅުމެއް ޤާއިމުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެމް.އެމްޕީ.އާރ.ސީން ހާމަކުރެއެވެ. މި ރޯޑްޝޯވއަށް ބޮޑު ތަރުޚީބެއް ލިބެމުންދާކަމަށާއި، އެގޮތުން ފުރަތަމަ ދުވަހު އެކަނިވެސް މެދުއިރުމަތީގައި ހަރަކާތްތެރިވަމުންދާ ޓްރެވަލް އޭޖެންޓުންނާއި، ޓުއަރ އޮޕަރޭޓަރުން ހިމެނޭހެން 130 ފަރާތަކުން ރޯޑްޝޯވއަށް ޒިޔާރަތްކޮށްފައިވާކަމަށް އެކޯރޕަރޭޝަނުން މައުލޫމާތުދެއެވެ.މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް މެދުއިރުމަތިން އެކަނިވެސް ނަވާރަ ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ 2014 ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު %6.8ގެ ކުރިއެރުމެއް ކަމަށް އެމް.އެމް.ޕީ.އާރ.ސީން ހާމަކުރެއެވެ.