އަތޮޅުތައް

ފުވައްމުލަކުގެ މަގުތައް ހެދުމަށް 33 މިލިއަން ރުފިޔާގެ މަޝްރޫއެއް


ޏ.ފުވައްމުލަކުގެ މަގުތައް ހެދުމަށް 33 މިލިއަން ރުފިޔާގެ މަޝްރޫއެއް މޯލްޑިވްސް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ. ފުވައްމުލަކަކީ ވިއްސާރަ މޫސުމުގައި ފެންބޮޑުވުމުގެ މައްސަލައާއި، މަގުތަކުގައި ޗަކަހެދި، ވަޅުގަނޑު ހެދުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ރަށެކެވެ. ފުވައްމުލަކުގެ މަގުތައް ހެދުމުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސޮއި ކުރެއްވީ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުއާއި، އެމް.އާރު.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމްއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ މި މަޝްރޫއަކީ ފުވައްމުލަކަށް ބޭނުން ވެފައިވާ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށް ގަބޫލު ކުރައްވާކަމަށެވެ. މި މަޝްރޫއުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ." މި މަޝްރޫއުގެ ދަށުން 2.9 ކިލޯ މީޓަރުގެ މަގު ފުވައްމުލަކުގައި ހެދޭނެ. ލިންކް ރޯޑްގައި ތާރު އަޅުން މި މަޝްރޫއުގެ ދަށުން ކުރިއަށްދާނީ. " މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދާއި، އުތުރު ދާއިރާގެ މެންބަރު އަލީ ޝާހްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ފުވައްމުލަކު ތަމްސީލް ކުރައްވާ މަޖްލިސް މެންބަރުން ވިދާޅުވީ، ރަށުގެ މަގުތައް ހަލާކުވެފައިވާތީ ބޮޑު އާބާދީއެއް އޮތް ފުވައްމުލަކުގެ ރައްޔިތުންނަށް އެތައް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. މިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސް ޔަމީންގެ ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް އެ ބޭފުޅުން ވަނީ ރައީސް ޔާމީނަށް ޝުކުރުއަދާ ކުރައްވާފައެވެ. މީގެ އިތުރުން ފުވައްމުލަކުގައި ފެށުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމުމުން، ރަށުގެ މައި ހުރިހާ މަގުތަކެއް ތާރު އަޅައިގެން ހެދުމަކީ ރައްޔިތުންގެ އުންމީދެއް ކަމަށްވެސް ފުވައްމުލަކުގެ މަޖްލިސް މެންބަރުން ފާހަގަކުރެއްވިއެވެ.އެމް.އާރު.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ ފުވައްމުލަކާއި، އައްޑޫއަކީ އެ ކޯޕަރޭޝަންގެ ސައިޓްތައް ގާއިމްވެފައިހުރި ރަށްތަކަށް ވުމުން އެ ސަރަހައްދުގައި ކުރިއަށްގެންދާ މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށްގެންދެވޭނެ ކަމަށެވެ. އަލަށް ފެށިގެންދިޔަ 33 މިލިއަން ރުފިޔާގެ މަޝްރޫއާއެކު ފުވައްމުލަކުގެ މަގުތަކުގެ މައްސަލާގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ނިމުމެއް ގެނެސްދޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.