ޚަބަރު

"އަދީބަށް 806 އަހަރުގެ ޖަލު ހުކުމް އަންނަވަރުގެ މައްސަލަ އެބަހުރި"


އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ކޮރަޕްޝަނުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް 806 އަހަރުގެ ޖަލު ހުކުމް އަންނަވަރަށް ދައުވާތައް ކުރެވެން އެބަހުރިކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ޙުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ އަދީބުގެ މައްޗަށް ތުހްމަތު ކުރެވޭ 150 ނުވަތަ އެއަށް ވުރެ ގިނަ ދައުވާ އެބަހުރިކަމަށެވެ. އަދި އެދަޢުވާތައް ސާބިތުކުރެވޭވަރަށް ހެއްކާއި ގާރީނާވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.

"އަދީބު އިއުތިރާފު ބަޔާނާއި ނުލައި ކުރިއަށް ގެންގޮސް ކުރާނެ 150 އަށްވުރެ ގިނަ ދައުވާ އެބަހުރި.އެ ދައުވާތައް ސާބިތުކޮށްދެވިއްޖެއްޔާ 800 އަށްވުރެ ގިނަ އަހަރުގެ ޖަލު ހުކުމް އަންނަވަރުގެ ލިޔެކިއުންތައް އަޅުގަނޑުމެންގެ އަތުގައި އެބަހުރި،" ޝަމީމް ވިދާޅިވިއެވެ.

ނަމަވެސް އެ ދައުވާތައް ވަކިވަކިން ކުރާނީ އެ ދައުވާތައް އެއްކޮށްލައިގެން ކުރިއަށް ގެންދަން މީގެކުރިން ޕީޖީ އަދީބާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތައް ކުރިއަށްދާން އަދީބު އެއްބަސްނުވާނަމަ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އެވިދާޅުވި އެއްބަސްވުމަކީ ކުށަށް އިޢުތިރާފުވުމާއި ތަޙްގީގަށް އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ޖިނާއީއިޖްރާއަތުގެ ޤާނޫނުގައިވާ ގޮތުގެމަތިން މީގެކުރިން ޕީޖީއާއެކު އަދީބުވެފައިވާ އެއްބަސްވުމެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން އަދީބު ކުށަށް އިއުތިރާފުވެ ތަހްގީގަށް އެއްބާރުލުން ދޭނަމަ ޕީޖީ އުފުލާ ދައުވާތަކުގައި ލުއިތަކެއް ދޭންޖެހެ އެވެ. އެހެންވެ އެ އެއްބަސްވުމާ އެއްގޮތައް އަދީބުގެ މައްޗަށް ވަނީ 7 ދައުވާއެއް އުފުލާފައެވެ. ނަމަވެސް އެއެއްބަސްވުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ފާހަގަކުރި ކަންކަމަށް ބަލައި ދައުވާތައްވަނީ ބާޠިލްކޮށްފައެވެ.

ޝަމީމް ވިދާޅުވީ އެއްބަސްވުމާ އެއްގޮތައް ކުރިއަށްދާން ބޭނުންވާކަން ނުވަތަ ނޫންކަން އަދި ސާފުނުވާ ކަމަށެވެ. އެއްބަސްވުމާ އެއްގޮތައް ކުރިއަށްދާން އަދީބު ބޭނުންވާނަމަ ކްރިމިނަލް ކޯޓަށް ހުށައެޅި އެ 7 ދަޢުވާއަށް އަދީބު ކޯޓުގައި އިއުތިރާފުވާން ޖެހެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި މީގެކުރިންވެސް އަދީބަށް ތަފާތު އެކި ދައުވާތައް ކުރިއެވެ. ނަމަވެސް އޭނާއަށް ކުރި ހުކުމްތައް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ބަލައި ވަނީ ބާޠިލްކޮށްފައެވެ.