ޚަބަރު

އެކަކަށްވުރެ ގިނަ މީހުން ފަސިންޖަރުން ފުރުވުމަށާއި ބަލައި އެއާޕޯޓަށް ނުދިޔުމަށް އެދިއްޖެ


ރާއްޖޭގެ ބޯޑަރު ހުޅުވާލައި، މާދަމާއިން ފެށިގެން އާއްމުންނަށް އެއާޕޯޓަށް ވަދެ ނުކުުތުމުގެ ހުއްދަ ލިބިގެންދާއިރު، އެކަކަށްވުރެ ގިނަ މީހުން ފަސިންޖަރުން ފުރުވުމަށާއި ބަލައި އެއާޕޯޓަށް ނުދިޔުމަށް މޯލްޑިވުސް އެއާޕޯސްޓް ކޮމްޕެނީ ލިމިޓެޑް، (އެމްއޭސީއެލް)އިން އިލްތިމާސްކުރައްވައިފިއެވެ

އެމްއޭސީއެލްއިން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ފަސިންޖަރުން ފުރުވުމަށާއި އަދި ވަޑައިގަންނަވާ ފަސިންޖަރުންނާއި ބައްދަލުކުރެއްވުމަށް އެއް ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން އެއަރޕޯޓަށް ވަޑައިނުގެންނެވުމަށް އެދޭ ކަމަށެވެ.

އަދި ކޮންމެހެން އެއަރޕޯޓަށް ވަޑައިގަންނަވަން ޖެހިއްޖެ ހާލަތެއްގައި އެއާޕޯޓަށް ވަޑައިގަންނަވާނަމަވެސް މާސްކު އެޅުއްވުމަށާއި އަދި އެއާޕޯޓުގެ ތެރޭގައި އުޅުއްވާ ހުރިހާވަގުތެއްގައިވެސް މާސްކު އަޅުއްވައިގެން ތިއްބެވުމަށް އެމްއޭސީއެލްއިން އެދެއެވެ. މީގެ އިތުރުން ގައިދުރުކަން ބެހެއްޓުމަށް ސަމާލުވެލެއްވުމަށް ވުމަށާއި، އެޗްޕީއޭގެ އުސޫލުތަކާއި މިންގަނޑުތަކާއި އެއްގޮތަށް އެއާޕޯޓުގެތެރޭގައި އިންތިޒާމްތައް ރޭވިފައިވާ ގޮތަށް އެއްބާރުލުން ދެއްވުމަށްވެސް އެކުންފުނިން އެދެއެވެ،

މާދަމާ ރާއްޖޭގެ ބޯޑަރު ހުޅުވާލައި އަލުން އާއްމުކޮށް އެންމެނަށްވެސް އެއާޕޯޓަށް ޒިޔާރަތް ކުރުމުގެ ހުއްދަ ލިބިދޭއިރު، އެއާޕޯޓު ސާފުކޮށް ރީތިކޮށް ކުލަ އާކުރުމާއި، އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އިންތިޒާމްތައް ހަމަޖެއްސުމުގައި އެކުންފުނީގެ މުވައްޒަފުން ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

މާދަމާ ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއި އެކު ރާއްޖެއަންނަ ފުރަތަމަ ފުލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާނީ، ރާއްޖޭގަޑިން ހެނދުނު 8:25 ގައެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވާތާ 3 މަސް ދުވަސްފަހުން މާދަމާ ބޯޑަރު އަލުން ހުޅުވާލާއިރު، ރާއްޖެ ދަތުރުކުރާ ފުލައިޓްތައް ވަނީ އޯވަރބުކްވެފައެވެ.