ޚާރިޖީ ސިޔާސަތު ބިނާވެފައިވާ މައިގަނޑު ދެ އަސާސަކީ އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި ތިމާވެށި ހިމާޔަތްކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އަށްފަހު ސަރުކާރުގެ ޚާރިޖީ ދާއިރާގެ ޚިދުމަތްތައް ކުރިއަށް ގެންދިއުމުގައި އަމާޒުހިފާނެ ގޮތްތަކާއި މެދު މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި އެ މިނިސްޓްރީގެ އިސްވެރިންނާއިއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވާ މައިގަނޑު ދެ އަސާސަކީ އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި ތިމާވެށި ހިމާޔަތްކުރުންކަމަށެވެ. އަދި މި ކަންތައްތަކަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކޯވިޑް-19 އަށްފަހު ބޭރުގެ އެހީ ހޯދުމާއި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ފުރުޞަތުތައް ފަހިކުރުމަށް ޚާރިޖިއްޔާގެ ދައުރުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާވަނީ އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން، ދިވެހި ޚާރިޖީ ޚިދުމަތް ހަރުދަނާކޮށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ތަސައްވުރު ރަނގަޅުކުރުމަށް މިނިސްޓަރ ޢަބްދުﷲ ޝާހިދު ކޮށްދެއްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، މިނިސްޓަރަށާއި ޚާރިޖީ ވުޒާރާގައި މަސައްކަތް ކުރައްވާ އެންމެހައި މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓްރީން ވަނީ، ކޯވިޑް-19 އަށްފަހު ރާއްޖޭގެ އެކި ދާއިރާތަކަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިންގަވަމުން ގެންދަވާ ޑިޕްލޮމެޓިކް މިޝަންތަކުގެ ދައުރު ފުޅާކޮށް، މަސައްކަތްތަކުގެ އަމާޒުހިފިދާނެ ކަންތައްތަކާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
އެގޮތުން، ޚާރިޖީ ޚިދުމަތްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު ރާއްޖެއަށް ބޭރުގެ އެހީ ހޯދުމާއި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމާއި، ވިޔަފާރި ކުރިއެރުވުމާއި، އިންވެސްޓްމަންޓުގެ ފުރުޞަތުތައް އިތުރު ކުރުމަށް އަމާޒުހިފައިގެން މަސައްކަތްތައް ކުރިއަށް ގެންދެވިދާނެ ގޮތްތައް އެ މިނިސްޓްރީން ފާހަގަކުރެއްވިއެވެ.