ޚަބަރު

ލ.ފޮނަދޫ މަގުތަކުގެ މަސައްކަތް ނިމޭއިރު ފެންބޮޑުވުމުގެ މައްސަލަ ޙައްލުވާނެ - އެމްޓީސީސީ


ލ.ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިމޭއިރު ރަށުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެމްޓީސީސީން މިހެން ވިދާޅުވީ ފޮނަދޫ މަގު ހެދުމުގެ މަސައްކަތުގެ އަޕްޑޭޓު ހިއްސާކުރުމަށް ކުރި ޓުވީޓެއްގައެވެ.

އެމްޓީސީސީން ވިދާޅުވީ ފޮނަދޫ މަގު ހެދުމުގެ މަސައްކަތުގެ 59 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. އަދި މިމަސައްކަތް އެއްކޮށް ނިމޭއިރު ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމާއެކު ފޮނަދޫ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެއެވެ. މިމަޝްރޫޢުގެ ދަށުން ފޮނަދޫގެ މަގުތަކުގައި އަޅާފައިހުރި ގާތައް ނެގުމަށްފަހު މަގު އެއްވަރު ކުރުމާއި ސަބް ގްރޭޑިންގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

މިމަޝްރޫޢުގެ ދަށުން ފޮނަދޫގެ 12 މަގެއްގައި ހަތާވީސްހާސް އަށްސަތޭކައަށްވުރެ ބޮޑު ސަރަޙައްދެއްގައި ތާރުއެޅުމަށްވަނީ ނިންމާފައެވެ. އެއީ 3.5 ކިލޯ މީޓަރުގެ ސަރަޙައްދެއްކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މިމަޝްރޫޢުގެ ދަށުން މަގުމަތީގައި ހަރުކުރަންޖެހޭ ނިޝާންތައް ފާހަގަކޮށް ސްޕީޑް ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ހައުންސިންގ މިނިސްޓްރީން މިމަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 25.5 މިލިއަން ރުފިޔާއަށެވެ. މިމަޝްރޫއޫގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގައެވެ.

ކޯވިޑް-19އާއި ގުޅިގެން އެމްޓީސީސީން ގެންދާ ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ނުގެންދެވުނު ނަމަވެސް މަޝްރޫޢުތަކުގެ މަސައްކަތް އެއްކޮށް ހުއްޓާނުލާ ކުރިއަށް ގެންދިޔުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން ރަށްރަށުގެ ބަނދަރު ހެދުމާއި މަގު ހެދުމުގެ ގިނަ މަސައްކަތްތަކެއް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.