ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ނުދެވޭ މައްސަލައިގަ މުސާރަނުދޭ ކުންފުނިތަކާއެކު މުސާރަދެވޭނެ ގޮތްތަކަކާބެހޭގޮތުން ވާހަކަ ދެކެވެމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކަމާއިބެހޭ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ނާޒިމާ ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ގިނަބަޔަކަށް މުސާރަ ނުދޭ މައްސަލަ ހުށަހެޅެމުންދާކަމަށެވެ. މީގެ ތެރޭގައި ގިނައީ އެކި ކުންފުނިތަކުގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތް ތެރިންނަށްވާއިރު، އެކުންފުނިތަކާއި ވާހަކަ ދައްކައިގެން މިކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
"ބަންގްލަދޭޝް ހައިކޮމިޝަނަށްވެސް އެގައުމުގެ ރައްޔިތުންގެ ތެރެއިން މުސާރަނުލިބޭ މީހުންވަނީ މައްސަލަތަކެއް ހުށަހަޅާފަ. މުސާރަ ނުދެވި މައްސަލަ ކުރިމަތިވެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ބޮޑުފިނޮޅުގައިވެސް ޖެނުއަރީން ފެށިގެން މުސާރަ ނުދެވިފައިވަނީ. މިހާރުމިދަނީ މުސާރަ ނުދޭ ކުންފުނިތަކުން އެފަރާތްތަކާއި ވާހަކަ ދައްކައިގެން މުސާރަދެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން. ޔުނިޓްގެ މަސައްކަތް އިއްޔެވަނީ އެކުލަވާލާފައި" ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ނާޒިމާ ވިދާޅުވިއެވެ.
މިމައްސަލަތައް ހައްލުކުރުމުގައި އިސްކަމެއްދޭނީ ބަހާލައިގެން ލުއިގޮތެއްގައިވެސް މުސާރަދެވޭނެ ގޮތެއް ހޯދުމަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މުސާރައިގެ މައްސަލައިގަ އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރެވެމުންދާކަމަށެވެ. ފުލުހުން ވިދާޅުވީ ބިދޭސީ މަސައްކަތްތެރީންނަށް މީގެކުރިންވެސް މުސާރަނުދޭ މައްސަލަ ކުރިމަތިވާކަމަށާއި، ނަމަވެސް މިފަހަރު މިކަން ހިނގާ ގޮތަށްބަލާއިރު، ވަކި ބަޔަކު ހިތްވަރުދީގެން ކުރާ ކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާކަމަށެވެ.
"ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން މުސާރަ ނުދޭ މައްސަލައިގަ ކުންފުނިތަކާ އެކީ މަސައްކަތް ކުރަމުންދަނީ. މިކަން ކުރިއަށް ދިޔަޔަސް މިމައްސަލަތަކުގައި ޖިނާއީ ކަންކަން ތަހުގީގު ކުރިއަށްދޭ. މިމީހުންނަށް މިކަންކަން ކުރުމަށް ހިތްވަރުދޭ ބަޔަކު މިއަދު ތިބިކަން އެބަފާހަނގަކުރެވޭ. ބެލެވޭ ބެލުމުގައި މިކަމުގެ އަޑީގައި ބަޔަކު ތިބެގެން ހިތްވަރުދީގެން މިހާރު މިކަން މިކުރަނީ" ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައިގަ ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރެއިން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވީ ދުނިޔޭގެ އެކި ޤައުމުތަކުގައި އުޅޭ ވޯކްފޯސްއަކީ ވަކި ގޮތަކަށް ރެގިއުލޭޓްކޮށް ބަލަހައްޓަމުންދާ ބައެއްކަމަށެވެ. މިމީހުންގެ ކަންކަން ރާއްޖޭގައިވެސް ހައްލުކުރެވޭނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިންކަމަށާއި، މިކަން ހައްލުނުވެއްޖެނަމަ ދާޚިލީގޮތުން ނުރައްކާވުމަކީވެސް އެކަށިީގެންވާ ކަމެއްކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ.