ވިޔަފާރި

ސަފާރީތައް އޮޕަރޭޓްކުރުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި


ބޯޑަރު ހުޅުވާލާއިރު ސަފާރީ ބޯޓު އޮޕަރޭޓްކުރުމުގައި ހުރި ދަތިތަކާއި، ކަންބޮޑުވުންތަކާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީ ހިންގެވުމާ ޙަވާލުވެ ހުންނެވި މިނިސްޓަރ ފައްޔާޟު މަޝްވަރާކުރައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީ ހިންގުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ ފައްޔާޟު އިސްމާއިލް ވަނީ ނޭޝަނަލް ބޯޓިން އެސޯސިއޭޝަންގެ އެގްޒެކެޓިވް ބޯޑާއި ބައްދަލުކުރައްވައި އެސޯސިއޭޝަންގެ ކަންބޮޑުވުންތައް އޮޅުންފިލުވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ބޯޓިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް ހަމީދު ވިދާޅުވީ، މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެއްވީ، ބޯޑަރު ހުޅުވާލާއިރު ސަފާރީތަކުން އަމަލުކުރަން ޖެހޭނެގޮތްކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންގައި ހުރި ކަންބޮޑުވުންތައްކަމަށެވެ.

އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އިންޖީނިއަރިންގ ކަހަލަ މަސައްކަތްތަކަށް ސަފާރީއަށް އަންނަ ފަރާތްތަކުން 14 ދުވަހުގެ ކަރަންޓީނެއްގައި ސަފާރީގައި މަޑުކުރަންޖެހޭގޮތަށް އޮތުންކަން އިސްމާއިލް ފާހަގަކުރެއްވިއެވެ. ނަމަވެސް ރިސޯޓްތަކަށްދާ އިންޖީނިއަރިންގ މީހުން ޕީޕީއީލުމަށްފަހު މަސައްކަތް ނިމުމުން ފޭބޭގޮތަށް އެޗްޕީއޭގެ ގައިޑްލައިންގައި ވަނީ ބުނެފައެވެ.

"ރިސޯޓަކަށް ވެއްޖިއްޔާ އިންޖީއަރިންގ މީހާ ދާންވީ ޕީޕީއީލައިގެން، ގޮއްސައި މަސައްކަތް ނިންމާފައި ފައިބަންވީ. ސަފާރީއަކަށްވެއްޖިއްޔާ އޭގަ މިއިންނަނީ ގޮއްސަ 14 ދުވަސް ކަރަންޓީންވެފަ އަންނަންޖެހެނީ. މިނިސްޓަރ ވިދާޅުވި، ސަފާރީއަކަށްވެސް ގޮއްސަ ޕީޕީއީ ލައިގެން އިންޖީނިއަރު ގޮއްސަ މަސައްކަތް ނިންމާފައި އާދެވޭގޮތައް އެޗްޕީއޭއަށް ހުށައަޅުއްވައިގެން ބަދަލުކޮށްދެއްވާނަމޭ." އިސްމާއިލް ހަމީދު ވިދާޅުވިއެވެ.

މީގެއިތުރުންވެސް ސަޕްލައި އާއި ފިއުލް އެޅޭނެ ލޮކޭޝަންތައް ކަނޑައެޅުމަށް ބޭނުންވާކަމަށް ބޯޓިން އެސޯސިއޭޝަނުން މިނިސްޓަރަށް ވަނީ ހުށައަޅުއްވާފައެވެ. އެހެންކަމުން ރަށްރަށުން ސަޕްލައި ނެގޭނެ ގޮތާއި، ޕިއުލް އެޅޭނެ ގޮތްތަކުގެ އިންތިޒާމްތައް ބޯޓިން އެސޯސިއޭޝަންނުން ބޭނުންވާގޮތް މިނިސްޓްރީއަށް ހުށައެޅުމަށް އަންގާފައިވާކަމަށް އިސްމާއިލް ވިދާޅުވިއެވެ. ބޯޓިން އެސޯސިއޭޝަނުން ވިދާޅުވީ، މިނިސްޓްރީގެ ފަރާތުން ކޮށްދެވެންހުރި ހުރިހާކަމެއް ކޮށްދޭނެކަމުގެ ޔަޤިންކަން މިނިސްޓަރ ދެއްވާފައިވާކަމަށެވެ.

މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރިސޯޓްތަކާއިއެކު ސަފާރީތައްވެސް ހުޅުވާލުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ބޯޓިން އެސޯސިއޭޝަނުން ވިދާޅުވީ، ގިނަ ސަފާރީތައް ފައްޓަން ބޭނުންވަނީ އޮގަސްޓް މަހުން ފެށިގެންކަމަށެވެ. އަދި މިހާރު ބޮޑަށް ކުރިއަށްދަނީ ގައިޑްލައިނާއި އެއްގޮތަށް ސަފާރީތައް ތައްޔާރުވުމުގެ މަސައްކަތެވެ. ނަމަވެސް ބައެއް ސަފާރީތަކުން މިމަހުގެ ތެރޭގައި ހުޅުވާލާނެކަމަށް ބޯޓިން އެސޯސިއޭޝަނުން ބުނެއެވެ.