ވިޔަފާރި

އަންނަ އަހަރު ޔޫރަޕްގެ އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީއަށް އަންނަން ބޭނުންވަނީ ރާއްޖެއަށް


އަންނަ އަހަރު ޔޫރަޕްގެ އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީއަށް ދާން ބޭނުންވަނީ ރާއްޖެއަށްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ޓްރެވަލް އޮޕަރޭޓަރެއްކަމަށްވާ ކުއޯނީން ވަނީ ގޫގުލް މެދުވެރިކޮށް ދުނިޔޭގެ އެކި ޤައުމުތަކުގެ މީހުން އެންމެ ގިނަ އަދަދަކަށް މަޢުލޫމާތު އޮޅުންފިލުވާފައިވާ މަންޒިލްތަކުގެ މައުލޫމާތު އެއްކޮށްފައެެވެ. އަދި މި މަޢުލޫމާތުތަކަށް ބިނާކޮށް، ދުނިޔޭގެ މެޕުގައި ވަނީ ކޮންމެ ޤައުމެއްގެ މީހުންވެސް އެންމެ ބޮޑަށް މައުލޫމާތު އޮޅުންފިލުވާފައިވާ މަންޒިލެއް އެޤައުމެއްގެ ނަމާއިއެކު ހިމަނާފައެވެ. އެގޮތުން 131 ޤައުމެއް މި މެޕްގައި ހިމެނޭއިރު، އިނގިރޭސިވިލާތް، ޕޮލެންޑު، ރޮމޭނިއާ، ބަލްގޭރިއާ އަދި އަޓަލީ މީހުން އެންމެ ގިނަ އަދަދަށް މަޢުލޫމާތު އޮޅުން ފިލުވާފައިވަނީ ރާއްޖެއާ ގުޅޭގޮތުންނެވެ. މިއާއެކު ޔޫރަޕް ބައްރުގައި އެއްޤައުމަކަށް އެންމެ ބޮޑު ޑިމާންޑެއް އޮތީ ރާއްޖެއަށްކަމަށް ކިއޯނީން ހާމަކުރެއެވެ.

މެޕުން ދައްކާގޮތުން ގޫގަލް މެދުވެރިކޮށް ދިވެހި ފަތުރުވެރިން އެންމެ ގިނަ އަދަދަކަށް މައުލޫމާތު އޮޅުން ފިލުވާފައިވަނީ މޮރިޝަސްއާއި ގުޅޭގޮތުންނެވެ.

ކުއޯނީއިން ބުނީ އެކި ޤައުމުތަކުގެ މީހުންގެ މެދުގައި އެންމެ މަޤްބޫލް މަންޒިލްތައް ވަރަށް ތަފާތުކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އަންނަ އަހަރަށް ކުއޯނީ މެދުވެރިކޮށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ބުކިންތައް ހަދަމުންދަނީ ރާއްޖެއަށްކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ކޯވިޑް-19އާ ގުޅިގެން ދަތުރުފަތުރުކުރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. ރާއްޖޭގެ ބޯޑަރުތައްވެސް މިމަހުގެ 15 ވަނަ ދުވަހު ފަތުރުވެރިންނަށް ހުޅުވާލުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި ސަރުކާރުން ދަނީ ރައްކާތެރި ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްކުރަމުންނެވެ.

ކޯވިޑް19އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ކުރާނޭކަމަށް ބެލެވޭ އަސަރުތައް ދެނެގަތުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއިން ވަނީ އަތޮޅުތަކުގައި ހިންގާ ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނުގެ ޙިޔާލު ހޯދައިގެން ދިރާސާ ރިޕޯޓެއް ތައްޔާރުކޮށްފައެވެ. މި ރިޕޯޓުގައިވާގޮތުން 2021 ވަނަ އަހަރު ކަންކަން އެންމެ ގޯސްވާ ޙާލަތުގައިވެސް ރާއްޖެއަށް މަދުވެގެން ހަ ލައްކަ ސާޅީސް ހާހެއްހާ ފަތުރުވެރިން ޒިޔާރަތްކުރާނެއެވެ. އަދި ފަތުރުވެރިކަން އެންމެ ރަނގަޅުވާ ހާލަތުގައި ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ވެސް މި ރިޕޯޓުގައިވެއެވެ.