ތިމާވެއްޓަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތަކާއި
ބެހޭގޮތުން ސްކޫލްތަކުގެ މުދައްރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް މިއަދު
ޝީބިލްޑިންގްގައި ފަށައިފިއެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް އަދި ލޭންޑް އެންޑް
މެރިން އެންވަޔަރަމަންޓް ރިސަރޗް ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ޔޫ.އެން.ޑީ.ޕީ އާއި
ގުޅިގެން ބާއްވާ މި ޕްރޮގްރާމަކީ ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުން
ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން ހޭލުންތެރިކޮށް ސްކޫލްތަކުގައި
ކިޔަވަދޭ މުގައްރަރުގައި މިކަންތައް ހިމަނައި، އަދި ދަރިވަރުންނަށް
އުގަންނައިދިނުމުގައި މިކަމާބެހޭ މައުލޫމާތު ދިނުމުގެ ގާބިލިއްޔަތު މުދައްރިސުން
ގައިގާ އަށަގެންނެވުމުގެ ބޭނުމުގައި ބޭއްވޭ ސިލްސިލާ ތަމްރީނު ޕްރޮގްރާމްތަކެއްގެ
ފެށުންކަމުގައި ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.
މާލެއާ މާލެކައިރި ސްކޫލްތަކުން 30 ފަރާތަކުން
ބައިވެރިވާ މި ތަމްރީނު ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި
މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ޑެޕިއުޓީ މިނިސްޓަރ، ހުސެން ޟިރާރް ދެއްކެވި
ވާހަކަފުޅުގައި ތިމާވެއްޓަށް އަންނަމުންދާ
ބަދަލުތަކުގެ މައުލޫމާތު ސްކޫލުދައުރުން
ފެށިގެން ކުދިންނަށް ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
''ތިމާވެއްޓަށް އަންނަ
ބަދަލުތައް އެބަޖެހޭ ސްކޫލްދައުރުން ފެށިގެން ދެނެގަންނަން. މި ސެމިނާރުގައި އެޑިއުކޭޝަން
ދާއިރާގެ ވަރަށްގިނަ ބޭފުޅުން އެބަބައިވެރިވޭ. އެހެންކަމުގައި ވަނީ ނަމަ
އަޅުގަނޑުމެން އެބަޖެހޭ ތިމާވެއްޓަށް މި އަންނަ ބަދަލުތައް ސްކޫލްކުދިންނަށް
ކިޔައިދޭން. އެ ކިޔައިދިނުމަށްޓަކާ އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ
އެބަދަލުތަކަކީ ކޮބައިކަން" ޟިރާރް ވިދާޅުވިއެވެ.
ކްލައިމެޓް އެޑޮޕްޓޭޝަން
ޕްރޮޖެކްޓްގެ ދަށުން ބާއްވާ މި ޕްރޮގްރާމްތައް ރާއްޖޭގެ 5 އަތޮޅެއްގައި ބޭއްވުމަށް
ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމްތައ 3 މަހުގެ މުއްދަތަކަށް ކުރިޔަށްދާނެކަމަށް
ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.