ކުޅިވަރު

ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އަށް ސީޒަން ނިމިއްޖެ


އަނިޔާގެ ސަބަބުން ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އަށް ސީޒަން ނިމިއްޖެއެވެ.

އޭނާ އަށް އަނިޔާވީ ބްރައިޓަން އަތުން ލިވަޕޫލް ބުދަ ދުވަހު 3-0އިން މޮޅުވި މެޗުގައެވެ. މި މެޗުގައި ގޯލެއް ވެސް ޖަހައިދިން ކުޅުންތެރިޔާގެ ކަކުލަށް ލިބުނު އަނިޔާ އަށް މިހާރު ފަރުވާ ހޯދަން ފަށާފައިވާ ކަމަށް ކޯޗު ޔާގެން ކްލޮޕް ވަނީ ބުނެފައެވެ.

30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޕްރެމިއާ ލީގު ކާމިޔާބުކުރި ލިވަޕޫލް ޓީމުގައި މޮޅު ކުޅުމެއް ދެއްކި ހެންޑަސަން ލިވަޕޫލްގެ ކުރިއަށް އޮތް ހަތަރު މެޗުގައި ނުފެންނާނެއެވެ. ކޯޗު ބުނީ އަންނަ ސީޒަށް ހެންޑަސަން ފިޓްކުރުމުގެ މަސައްކަތް ކުލަބުން ފަށާފައިވާ ކަމަށާއި ނަމަވެސް ޗެލްސީއާ ދެކޮޅަށް މި މަހުގެ 22 ވަނަ ދުވަހު ކުޅޭ މެޗުގައި ހެންޑަސަން ބެންޗުގައި އިންނާނެ ކަމަށެވެ. އެއީ ލިވަޕޫލް ތަށި އުފުލާ މެޗު ކަމަށްވުމުން ކެޕްޓަން ޓީމުގައި ހުރުން ވަރަށް މުހިންމު ކަމަށެވެ. އަދި މެޗުގައި ނުކުޅުނު ނަމަވެސް ތަށި އުފުއްލާލާނީ ހެންޑަސަން ކަމަށް ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ އޭނާގެ ޓީމުގެ މެދުތެރޭގައި މިދިޔަ ތިން ސީޒަނުގައި އެއް ފެންވަރެއްގައި އެންމެ މޮޅަށް ކުޅުނު ކުޅުންތެރިއަކީ ހެންޑަސަން ކަމަށެވެ. މިހެންވެ އުމުރުން މިހާރު 30 އަހަރުގެ ކުޅުންތެރިޔާ އަންނަ ސީޒަން ފަށަންވާއިރަށް މުޅީން ފިޓްވެގެން ކުޅެން ނުކުތުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައްތައް ކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު މެޗުގައި ޒުވާން ކުޅުންތެރިންނަށް އިސްކަންދޭނެ ކަމަށެވެ.