ޚަބަރު

ބ.ހިތާދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި


ބ.ހިތާދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ އެ ރަށުގައި މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނުގެ އިތުރުން، މަސައްކަތް ކުރާ ކުންފުނިވެސް އެރަށަށް ގޮސް އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ.

ބ.ހިތާދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯހަންމުތާ އެކްސްޕޯޓް ޕްރައިވެޓް ލިމިޓެޑާއެވެ. މަސައްކަތް ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.

މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ފަރުމާކުރުމާއި، ރަށުގައި ފެނާއި ނަރުދަމާގެ ވިޔުގަ އެޅުމާއި، ނަރުދަމާ ޕަމްޕް ސްޓޭޝަން ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ އިތުރުން، ސީ އައުޓް ފޯލް އެޅުމާއި، އިދާރީ އޮފީސް ޤާއިމުކުރުމާއި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީއާއެކު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުއެވެ. ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ އަގަކީ 35މިލިއަން ރުފިޔާއެވެ. މޯހަންމުތާ އެކްސްޕޯޓް ޕްރައިވެޓް ލިމިޓެޑާއި މަސައްކަތް ހަވާލުކޮށްފައިވަނީ 2 އަހަރުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

ބ.ހިތާދުއަށް މިވަގުތު ދިމާވެފައިވާ އެއްމެ ބޮޑު އެއް ދައްޗަކީ ރަށުގައި ފެނާއި ނަރުދަމާ ޤާއިމުވެފައި ނެތުންކަމަށް ރަށުގެ ކައުންސިލުން ފާހަގަކުރެއެވެ. މި ކަންބޮޑުވުން މިދިޔައަހަރު ރަޢީސުލްޖުމްހޫރިއްޔާއާވެސް ކައުންސިލުންވަނީ ޙިއްސާކުރައްވާފައެވެ.