ޚަބަރު

މި އަންނަނީ ކޯވިޑްގެ ދެވަނަ ރާޅުތަ؟


ކޯވިޑް-19ގެ ބިރުވެރިކަން ދިވެހިރާއްޖެއަށް ބޮޑުވީ އޭޕްރިލް 15 ގައި ވެރިރަށް މާލެއިން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާއި ގުޅިގެންނެވެ. އަދި މި ކޭސް ވެގެންދިޔައީ ރާއްޖެއިން ބޭރަށް ގޮސްފައި ނުވާ އަދި އެފަދަ މީހަކާއި ކޮންޓެކްޓެއް ނެތް މީހެއްގެ ގައިން ފެނުނު ފުރަތަމަ ކޭސްއަކަށެވެ. މި ކޭސްފެނުނީ ރާއްޖެއިން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނުނުތާ އެއް މަހަށްވުރެއް ގިނަ ދުވަސްފަހުންނެވެ.

މާލެއިން ކޯވިޑް-19 ކޭސް ފެނުމާއި ގުޅިގެން މުޖުތަމަޢުގައި ކޯވިޑް-19ގެ ބިރުވެރިކަން އޮތްކަމަށް ކަނޑައަޅައި 44 ދުވަހުގެ ލޮކްޑައުންއަކަށް ދިޔައެވެ. މި މުއްދަތުގައި ރާއްޖެއަށް ކޯވިޑް-19ގެ ޕީކްއެއް އަންނާނެކަމަށް ލަފާކުރިނަމަވެސް، ލޮކްޑައުންގައި އެޅި ފިޔަވަޅުތަކާއި އެކަމުގައި އާއްމުން ދިން އެއްބާރުލުމުގެ ސަބަބުން އެ ޙާލަތަށް ނުގޮސް ސަލާމަތްވީއެވެ. ކޭސްތައް ފެންނަ މިންވަރު މަދުވުމާއި ރާއްޖޭގެ ޙާލަތު އިތުރަށް ގޯސްނުވާނެހެން ލޮކްޑައުންއަށް ލުއިތަށްދޭންފެށީ މޭމަހުގެ 28ވަނަ ދުވަހުންފެށިގެންނެވެ. އޭރުވެސް ދެމުން އައީ ކުދި ލުއިތަކެކެވެ.

ނަމަވެސް ޖޫންމަހުގެ 15ގައިވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.

ފަތިހު 05:00 އިން ރޭގަނޑު 22:00 އަށް އެއްވެސް ހުއްދައަކާއި ނުލައި ބޭރަށް ނިކުމެވޭގޮތަށް ހެދުމާއި ފިހާރަތައް ހުޅުވުމުގެ ހުއްދަދިނުމުގެ އިތުރުން ބައެއް ޕާކުތަކާއި އާއްމުން އެއްވެއުޅޭ ތަންތަން އާއްމުކޮށް ހުޅުވުމުގެ ހުއްދަ ދިނެވެ. މިގޮތަށް ހުއްދަދިންއިރު އެވްރެޖްކޮށް ކޭސްތައް ފެންނަ މިންވަރު ހުރީ ވިއްސަށްވުރެ ދަށުގައެވެ.

އެންމެ ބޮޑެތި ލުއިތަކެއް ދީފައިވަނީ މިމަމަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ. ހުއްދައާއި ނުލައި ބޭރުގައި އުޅެވޭ ވަގުތު ރޭގަނޑު 23:00އަށް އިތުރުކުރުމާއި، މާރުކެޓުތަކާއި ކެފޭ ރެސްޓޯރަންޓްތަކާއި ސެލޫންތަކާއި ޖިމްތައް ހުޅުވުމުގެ ހުއްދަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ދިނެވެ. އަދި ވަކި މިސްކިތްތަކާއި ސްކޫލްތައްވެސް ހުޅުވާލިއެވެ. ނަމަވެސް މިއިން ކޮންމެ ޚިދުމަތެއް ފެށުމުގެ ހުއްދަވެސް ދިނީ އެތަންތާންގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އުސޫލުތަކާއިއެކުއެވެ. މި އުސޫލުތަކުގައި ޚިދުމަތްދޭ މީހާއާއި، ޚިދުމަތް ހޯދާ މީހާއާއި އަދި އެ ތަނެއްގެ ސާފުތާހިރުކަން ހިފެހެއްޓުމުގެ މިންގަނޑުތަށް ކަނޑައަޅާފައިވެއެވެ.

ޙާލަތު އާއްމުކޮށް ހިފެހެއްޓިފައިއޮތުމަށްފަހު ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހު އަނެއްކާވެސް މިވަނީ ކޭސްތައް ފެންނަ މިންވަރު އިތުރުވާންފަށާފައެވެ. ފުރަބަންދަށް އެންމެ ފަހުން ދިން ލުއިތަކުގައި އެއްދުވަހެއްގައި އެންމެ ގިނަ ކޭސް ފެނުނީ މިމަހުގެ 10ވަނަ ދުވަހުއެވެ. މިދުވަހު 64 މީހުން ބައްޔަށް ޕޮޒިޓިވްވިކަން އެޗްޕީއޭއިންވަނީ ހާމަކޮށްފައެވެ. މިއާއިއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 2617އަށް އަރާފައެވެ. އަލަށް ފެންނަމުންދާ ކޭސްތަކުގައި، ކުރީގެ ކްލަސްޓަރތަކާއި އެއްވެސް ގުޅުމެއްނެތް ގިނަ ކޭސްތައް ފެންނަމުންދާކަމުގެ ކަންބޮޑުވުން ޑޮކްޓަރުން އަންނަނީ ފާޅުކުރަމުންނެވެ.

ލުއިތައްދިންނަމަވެސް ލޮކްޑައުންގެ ޙާލަތު މުޅިން އުވާލާފައެއް ނުވެއެވެ. އަދި ލުއިތައް ދީފައިވަނީވެސް ޙާލަތަށް ބަލައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުއެވެ. އަދި ކޮންމެ ބޭނުމެއްގައި ބޭރަށް ދިޔަ ނަމަވެސް އެމީހަކު އަމަލުކުރަންޖެހޭ އުސޫލުތައްވަނީ ކަނޑައަޅާފައެވެ.

މާލެތެރެއަށް ބަލާލުމުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ޕާކުތަކާއި މައިޒާންތަކުގައި ގައިދުރުކަމެއް ނެތި މީހުން ޖަމާވުމާއި، އެއްވުންތަކާއި، އާއިލާއާއި ރައްޓެހިންގެ ބައްދަލުވުންތަކާއި ޕާޓީތައް ކުރިއެކޭ އެއްގޮތަށްވަނީ ބާއްވަން ފަށާފައެވެ. އަދި ޕާކުތައް ހުޅުވާލުމާއެކު ކުޑަކުދިން ގޮވައިގެން ބޭރަށް ދިއުމުގައިވެސް އަޅަންޖެހޭ އެންމެ ރައްކާތެރި ފިޔަވަޅުތައް އަޅާތަނެއް ނުފެނެއެވެ.

އަދި ބޭރުގައި އުޅޭ އުޅުމުގައި މާސްކު ނާޅާ އެތައް ބަޔަކުވެސް އުޅެއެވެ. ކަންކަންމައްޗަށް ޖަމާވުމާއި، ކޮފީބޯ ތަންތަނުގައި ތިބޭއިރުވެސް ގައިދުރުކަމެއް ނުފެނެއެވެ.

އުސޫލުތަކާއި ގަވާއިދުތައް މިހާ އަވަހަށް ހަނދާން ނައްތާލައިފިނަމަ ހީނުކުރާފަދަ ޙާލަތަކަށް ރާއްޖެ ގޮސް، ބަލީގެ ދެވަނަ ރާޅެއް އައިސްދާނެކަމުގެ އިންޒާރު ޑޮކްޓަރުންދަނީ ކެނޑިނޭޅި ދެމުންނެވެ. އަދި މިގޮތަށް ރައްކާތެރިކަމެއް ނެތި ގެއިން ބޭރުގައި އުޅޭނަމަ، ގޭގައި ދިރިއުޅޭ އެހެން މީހުންވެސް ބަލީގެ ނުރައްކަލަށް އެބަ ހުށައެޅެއެވެ.

ބަލީގެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށެވެ. ކޯވިޑް-19ގައި ރާއްޖެއިން މިހާތަނަށް 13މީހުން މަރުވެފައިވާއިރު، މިހާރުވެސް 19މީހުންނަށްދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. ބަލީގައި ގިނައިން މަރުވެފައިވަނީވެސް އުމުރުން ދުވަސްވީ މީހުންނެވެ.