ސިއްހަތު

ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަނބި/ ފިރިންނަށް ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު އޮވޭ


ފުއްޕާމެޔަކީ އިންސާނާ ނޭވާލާއިރު ހަށިގަނޑަށް ވަންނަ އޮކްސިޖަން ލޭގެތެރެއަށް ފޮނުވައިދީ، ހަށިގަނޑުގައި އުފެދޭ ކާބަންޑައި އޮކްސައިޑް ހަށިގަނޑުން ބޭރަށް ފޮނުވައި ދިނުމުގެ މަސައްކަތްކުރާ މައި ގުނަވަނެކެވެ.

ފުއްޕާމޭގެ ކެންސަރު ޖެހިއްޖެނަމަ ފުއްޕާމޭގެ މަސައްކަތް ގަވާއިދުން ކުރުން ހުއްޓާލައެވެ. އަދި ވަރަށް ހަލުވިކަމާއެކު ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ކެންސަރުގެ ސެލްތައް ފެތުރިގެންދެއެވެ. މައިގަނޑު ގޮތެއްގައި ދެބާވަތެއްގެ ކެންސަރު ފުއްޕާމޭގައި އުފެދެއެވެ. އޭގެތެރެއިން އެއްބާވަތަކީ ފުއްޕާމޭގެ ކުދި ސެލްތަކުން އުފައްދާ ކެންސަރެވެ. އަނެއްބާވަތަކީ ކުދި ސެލްނޫން އެހެން ސެލްތަކުން އުފައްދާ ކެންސަރެވެ. މިބައިތައް ވަކިކޮށް ދެނެގަނެވޭނީ މައިކްރޮސްކޯޕެއްގެ އެހީގައެވެ. މި ދެ ބާވަތުގެ ކެންސަރުވެސް ފުއްޕާމޭގައި އުފެދި ފެތުރެނީ ތަފާތު ގޮތްގޮތަށެވެ.

ނޭވާ ހިނގާހޮޅީގެ ތެރޭގައި ކެންސަރު އުފެދޭގޮތް ދިމާވެއްޖެނަމަ ނޭވާލުމަށް ދަތިވެ ބައެއް ފަހަރު ނޭވާލާހޮޅި ބެދޭގޮތް ވެއެވެ. އަދި ނޭވާ ހިނގާހޮޅިއާއި ދުރު ހިސާބެއްގައި ފުއްޕާމޭގައި ކެންސަރު އުފެދިއްޖެނަމަ، އެކަމުގެ އުދަގޫ މާއަވަހަށް ކުރިމަތިނުވެ ހުރެދާނެއެވެ. ފަހުގެ ހޯދުންތައް ދައްކާގޮތުން ފުއްޕާމޭގެ ކެންސަރަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ކެންސަރެކެވެ. އެހެންކަމުން ނޭވާހިނގާ ހޮޅިޔާ ދުރު ހިސާބުގައި ފުއްޕާމޭގައި އުފެދޭ ކެންސަރުގެ އުދަގޫތައް އިހްސާސް ކުރެވެން ފަށާއިރު ފުއްޕާމޭގެ ވަރަށް ބޮޑު ބަޔަކަށް ބަލީގެ އަސަރު ފެތުރޭގޮތް އޮންނަނީ ދިމާވެފައެވެ.

މިގޮތަށް ދިމާވެއްޖެނަމަ ފުއްޕާމޭގެ ބޭރު ދުލިފަށަށް އޭގެ އަސަރުކޮށް އެހިސާބުގައި ފެންހެދޭގޮތް ދިމާވެއެވެ. ބައެއް ފަހަރު ފުއްޕާމޭގައި ކެންސަރު އުފެދެނީ ހަށިގަނޑުގެ ކޮންމެވެސް ތަނެއްގައި އުފެދޭ ކެންސަރު ސެލްތައް ފުއްޕާމެޔަށް ދަތުރުކޮށްގެންނެވެ. ނަމަވެސް އަނެއް ބައި ފަހަރު ސެލް ފުރަތަމަ ވެސް އުފެދެނީ ފުއްޕާމޭގައެވެ.

ފުއްޕާމޭގެ ކެންސަރުޖެހުމަށް މެދުވެރިވާ އެންމެ މައިގަނޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން

ބިޑި، ސުއްޓާ، ސިގިރޭޓް، އަދި ގުޑުގުޑާގެ ދުންބުއިމާއި، މިފަދަ ތަކެތި ބޭނުންކުރާއިރު ބޭރުވާ ދުމުގެ އަސަރު ފޯރާ ހިސާބުގައި ތިބުމަކީ ފުއްޕާމޭގެ ކެންސަރަށް ހަށިގަނޑު ހުށަހެޅެއެވެ. ރާއްޖޭގައިވެސް ދުންފަތުގެ އިސްތިއުމާލުކުރުން އާއްމުވެފައިވާއިރު، ކެންސަރާއި ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު އޮންނަނީ ހަމައެކަނި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށްކަމަށް ބައެއް ފަރާތްތަކަށް ޤަބޫލުކުރެވިފައި އޮވެއެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނެކޭ އެއްފަދައިން ސެކަންޑްހޭންޑް ސްމޯކާސް ނުވަތަ ދުންފަތުގެ ދުމުގެ އަސަރު ފޯރާ ހިސާބުގައި ތިބޭ މީހުންނަށްވެސް މިފަދަ ބަލިތައް ޖެހުމުގެ ފުރުޞަތުއޮވެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާއި ފުއްޕާމޭގެ ކެންސަރާއި ހުރި ގުޅުމާއިގުޅޭގޮތުން އައި.ޖީ.އެމް.އެޗްގެ އެތެެރެހަށީގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރ މުޙައްމަދު ޢަލީ ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ، ކެންސަރުގެ ވައްތަރުތަކުގެ ތެރެއިން ދުނިޔޭގެ ނިސްބަތުން އެންމެ އާއްމު ވައްތަރަކީ ފުއްޕާމޭގެ ކެންސަރުކަމަށެވެ. އަދި ފުއްޕާމޭގެ ކެންސަރާއި، އެހެނިހެން ބާވަތުގެ ކެންސަރު ޖެހުމަށްވެސް އެންމެ ބޮޑަށް މަގުފަހިވާ ސަބަބަކީ ސިނގިރޭޓު ދުންކަމަށާއި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނެކޭ އެއްފަދައިން އޭގެ ދުމުގެ އަސަރު ފޯރާ ހިސާބުގައި ތިބޭ މީހުންނަށްވެސް ފުއްޕާމޭގެ ކެންސަރުޖެހުމުގެ ފުރުޞަތު އޮންނަކަމަށް ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތަކަށް ފުއްޕާމޭގެ ކެންސަރު ޖެހުމަކީ މަދުން ނޫނީ ނުވާކަމެއްކަމަށް ބުނުމުގެ ފުރުޞަތު މިހާރު ނެތްކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

އެގޮތުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 30،000 އެއްހާ މީހުން ފުއްޕާމޭގެ ކެންސަރު ޖެހިގެން މަރުވާއިރު، އޭގެ ތެރެއިން 7300 އެއްހާ މީހުންނަކީ ސެކަންޑްހޭންޑް ސްމޯކާސްކަމަށް ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ކައިވެނިކޮށްގެން އުޅޭ މީހުންނަށްވެސް ފުއްޕާމޭގެ ކެންސަރާއި ހިތުގެ ބަލިތައް ޖެހުމުގެ %20 ފުރުޞަތު އޮންނަކަން އޭނާ ފާހަގަކުރެއެވެ. އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކުރުމަށް މަގުފަހިވާ ކަންކަން ކުރުމުގެ ބަދަލުގައި، އެކަން ކުރުން ހުއްޓާލުމަށް ބާރު ލިބޭ ފަދަ ކަންކަން މުޅި މުޖުތަމަަޢު ގުޅިގެން ކުރުން މުހިއްމުކަމަށް ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

ފުއްޕާމޭގެ ކެންސަރު ޖެހުމުން ފެންނާނެ އެންމެ އާއްމު އަލާމާތްތަކަކީ ކެއްސާއިރު މެޔަށް ތަދުވުމާއި، ލޭއައުން، ނެވާކުރުވުން އަދި ކާހިތްނުވުމާއި އާދަޔާ ޚިލާފަށް ބަރުދަން ލުއިވުމެވެ. ފުއްޕާމޭގެ ކެންސަރު ބަލީގެ ކުރީކޮޅުގައި އެކަން ދެނެގަނެވިއްޖެނަމަ އޮޕަރޭޝަންކޮށްގެން ބަލީގެ އަސަރު ހުރި ހިސާބު ނެގިދާނެއެވެ. ނަމަވެސް މިއީ އެހާ ކާމިޔާބު ކަމެއް ނޫނެވެ. ސަބަބަކީ ފުއްޕާމެޔަކީ މުއްސަނދި ގޮތެއްގައި ލޭއެތެރެވަމުންދާ ގުނަވަނަކަށްވާތީ ކެންސަރުގެ ސެލްތައް ވަރަށް ފަސޭހަކަމާއެކު ފުއްޕާމެޔަށް ދަތުރުކުރާތީއެވެ. އަދި މިއީ ފަސޭހަވުން އުދަނގޫ ކެންސަރެކެވެ.

ސިގިރޭޓް ބުއިން ހުއްޓާލާ މީހެއްގެ ފުއްޕާމޭ އެކަންނުކުރާ މީހެއްގެ ފުއްޕާމެޔާ އެއް ޙާލަތަކަށް ބަދަލުވާން ގާތްގަނޑަކަށް 15 އަހަރުގެ މުއްދަތެއްނަގާކަމަށް ފަހުގެ ހޯދުންތަކުން ދައްކައެވެ. އެހެންކަމުން ތިމާގެ އަމިއްލަ ދުޅަހެޔޮކަމާއި އާއިލާއާއި މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމަށްޓަކާވެސް ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރުވުން މުހިއްމެވެ. ނޫންނަމަ ޞިއްޙީ ބަލިމަޑުކަމެއްގެ ތެރެއަށް ތިމާއާއި ތިމާގެ އާއިލާ ވެއްޓި، މާލީގޮތުންނާއި އިޖްތިމާޢީގޮތުންވެސް އާއިލާތެރޭ ކުރިމަތިވާ މައްސަލަތައް އިތުރުވުމުގެ ފުރުޞަތު ބޮޑެވެ.