ވިޔަފާރި

އަންނަ އަހަރު ފަތުރުވެރިކަން އެންމެ ދަށަށްދާ ހާލަތުގައިވެސް 6 ލައްކަ ފަތުރުވެރިން އަންނާނެ


އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އެންމެ ދަށަށްދާ ހާލަތުގައިވެސް 6 ލައްކަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ދިރާސާއަކުން ދައްކައިފިއެވެ.

ކޯވިޑް19އާ ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ކުރާނޭކަމަށް ބެލެވޭ އަސަރުތައް ދެނެގަތުމަށް ޔުނިވަރސިޓީން ވަނީ ދިރާސާއެއް ކުރިއަށްގެންގޮސްފައެވެ. އެމްއެންޔޫއިން ހެދި މި ދިރާސާ ހަދާފައިވަނީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިންގާ ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނުގެ ޙިޔާލު ހޯދައިގެންނެވެ.

މި ދިރާސާ ރިޕޯޓުން ދައްކާގޮތުން 2021 ވަނަ އަހަރު ކަންކަން އެންމެ ގޯސްވާ ޙާލަތުގައިވެސް ރާއްޖެއަށް މަދުވެގެން ހަ ލައްކަ ސާޅީސް ހާހެއްހާ ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ދިރާސާއިން ދައްކައެވެ. ދިރާސާއިން ދައްކާގޮތުން އަންނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނާނީ ޖެނުއަރީމަހާއި ޕެބްރުއަރީމަހުއެވެ، ޖަނަވަރީމަހު 173347 ފަތުރުވެރިން އަދި ފެބްރުއަރީމަހު 149788 ފަތުރުވެރިން އަންނާނެކަމަށް ވަނީ ބުނެފައެވެ.

އެމްއެންޔޫގެ ދިރާސާގައި ފަތުރުވެރިކަން އެންމެ ދަށަށްްްްްްްދާ ހާލަތުގައި މިގޮތަށް އަންދާޒާކޮށްފައިވަނީ، ފަތުރުވެރިން ރާއްޖެއަށް އަންނަ މައިގަނޑު މާކެޓްތަކަށް ވަރަށްބޮޑު އަސަރެއް ކޮށްފައިވުމުގެ ސަބަބުން، މިމާކެޓުތަކުގެ ޑިމާންޑް އިޔާދަ ވާނީ ވަރަށް ލަހުންކަމަށްވާތީއެވެ. އަދި ކުރިން ރާއްޖެއަށް ދިމާވި މިފަދަ ކާރިސާތަކާ އަޅާބަލާއިރު، މިފަހަރު ފަތުރުވެރިކަން ރަނގަޅުވުމަށް ނަގާ ވަގުތު އިތުރު ވެގެންދާތީކަމަށްވެސް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

ބައެއް މާކެޓްތައް އިޔާދަ ވާން 2 އަހަރަށް ވުރެ ގިނަދުވަސް ނެގުން އެކަށީގެންވާކަމަށް ދިރާސާގައި ވަނީ ބުނެފައެވެ. ޚާއްޞަކޮށް، ކާރިސާއަކަށްފަހު ލަހުން ރަނގަޅުވާ މާކެޓްތަކުގެ ތެރެގައި ޗައިނާއާއި ޔޫކޭ ވަނީ ފާހަގަކޮށްފައެވެ. ވަކިން ޚާއްޞަކޮށް، ޔޫކޭ މާކެޓަށް ކުރިމަތިވި ކުއްލި ޝޮކުގެ ސަބަބުން، މި މާކެޓްގެ ޑިމާންޑް 2021 ވަނަ އަހަރު އިތުރަށް ދަށްވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ފަތުރުވެރިކަން އެންމެ ދަށަށްދާ ހާލަތުގައި މިހެން ދެއްކިނަމަވެސް ފަތުރުވެރިކަން އެންމެ ރަނގަޅުވާ ހާލަތުގައި ފަތުރުވެރިން އަންނާނެ މިނަވަރުވެސް އެމްއެންޔޫގެ ދިރާސާ ރިޕޯޓުގައި ވަނީ ހިމަނާފައެވެ. އެގޮތުން އަންނަ އަހަރު ފަތުރުވެރިކަން ރަނގަޅުވެއްޖެނަމަ ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.