ވިޔަފާރި

މިއަހަރުގެ ފަހު ކުއާޓަރުގައި ފަތުރުވެރިކަމުގެ އޮކިއުޕެންސީ ރޭޓް އުޅޭނީ %39ގައި


މިއަހަރުގެ ފަހު ކުއާޓަރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އޮކިއުޕެންސީ ރޭޓް އުޅޭނީ 39 އިންސައްތައިގައިކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ކޯވިޑް19އާ ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ކުރާނޭކަމަށް ބެލެވޭ އަސަރުތައް ދެނެގަތުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ކުރި ދިރާސާ ރިޕޯޓުން ދައްކާގޮތުން ކޯވިޑް19 އާއި ގުޅިގެން ފަތުރުވެރިކަމުގެ އޮކިއުޕަންސީ ނުވަތަ ފަތުރުވެރިންގެ އަދަދަށް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ.

ދިރާސާއިން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ފަހު 2 ކުއާޓަރުގެ އޮކިއުޕަންސީ ރޭޓް ރަނގަޅުވާނެއެވެ. އެގޮތުން ދެވަނަ ކުއާޓަރުގައި އޮކިއުޕެންސީ ރޭޓް 14 އިންސައްތަގައި އުޅޭއިރު އެންމެ ފަހު ކުއާޓަރުގައި 39 އިންސައްތައަށް އިތުރުވާނެކަމަށްވެސް ދިރާސާގައި ބުނެފައިވެއެވެ.

2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ލަފާކުރެވޭ އެވުރެޖު އޮކިޔުޕެންސީ ކަމަށް ސަރވޭއިން ދައްކަނީ 61 އިންސައްތައެވެ. ދެވަނަ ކުއާޓަރުގައި 44 އިންސައްތަ، ތިންވަނަ ކުއާޓަރުގައި 43 އިންސައްތަ އަދި އެންމެ ފަހު ކުއާޓަރުގައި ރާއްޖޭގެ އޮކިއުޕެންސީ ރޭޓް ހުންނާނެކަމަށް ބެލެވެނީ 61 އިންސައްތައިގައެވެ.

ދިރާސާ ކުރިއަށްގެންގޮސްފައި ވަނީ އެޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖުމްލަ 64 ތަނެއް ވަނީ ސަރވޭގައި ބައިވެރިވެފައެވެ. އެއީ 40 ގެސްޓް ހައުސް އާއި، 16 ރިސޯޓާއި، 6 އުޅަނދާއި ދެ ހޮޓާކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު މިމަހުގެ 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވާލުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ބޯޑަރު ހުޅުވާލުމާއިއެކު ފަތުރުވެރިކަން އަލުން ފެށި ކުރިންއޮތް ހާލަތަށް ފަތުރުވެރިކަން ގެންދިއުމަށް ސިނާއަތުގެ ފަރާތްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.