ޚަބަރު

ގުރައިދޫގައި ބިދޭސީ މީހާ މަރާލިކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް އަނެއްކާވެސް 15 ދުވަސް


ތ.ގުރައިދޫގައި ބަންގްލަދޭޝް މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން އިތުރުކުރީ މިދިޔަ ހޯމަ ދުވަހު ކަމަށް ފުލުހުން ވިދާޅުވެއެވެ. މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ބަހައްޓާފައިވާއިރު މިއީ އޭނާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކުރި ތިން ވަނަ ފަހަރެވެ.

ގުރައިދޫގައި ބަންގްލަދޭޝް މީހަކު މަރުވީ އޭނާއާއި އެހެން ބިދޭސީ މީހަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށް މިހާތަނަށް ކުރި ތަހުޤީޤުން ހާމަވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަންޖެހޭ ފޮރެންސިކް ހެކި ހޯދައި ތަހުޤީޤު ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރިޔަށްދާކަމަށް ފުލުހުން ވިދާޅުވެއެވެ.

ތ.ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގެ ތެރޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މޭމަހުގެ 21 ވަނަ ދުވަހުގެ މެންދަމުން އަލިވެ 1:00 ހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.