ޚަބަރު

އަންހެނުންނަށް ގޮނޑި ހާއްސަކުރާ މައްސަލަ ހައިކޯޓަށް ބަލައިގެންފި


ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް އިންތިޚާބުކުރާ ކައުންސިލަރުންގެ ތެރެއިން 33 ޕަސެންޓް ގޮނޑިއަށް ހަމަ އެކަނި ކުރިމަތިލެވޭނީ އަންހެނުންނަށް ކަމަށް ކަނޑައަޅާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހް ބާތިލްކުރަން ހައިކޯޓަށް ހުށައެޅި މައްސަލަ ބަލައިގެންފިއެވެ.

މި މައްސަލަ ހައިކޯޓަށް ހުށައެޅުއްވީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރުއެވެ. އޭނާ މި މައްސަލަ އެންމެ ފުރަތަމަ ހުށައެޅީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިނުގަތީ ޤާނޫނެއް ނުވަތަ ޤާނޫނުން ބައެއް ބާތިލް ޤާނޫނު އަސާސީއާ ތައާރަޒުވާ ކަމަށް ބުނެ ހުށައަޅާ މައްސަލައެއްގެ ފުރަތަމަ މަރުހަލާގައި ހުށައަޅަން ޖެހޭނީ ހައިކޯޓަށް ކަމަށްވާތީ ކަމަށް ވިދާޅުވެއެވެ.

މިމައްސަލައިގަ ބުނެފައިވަނީ އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގު ޤާނޫނު އަސާސީން ކޮންމެ ޖިންސެއްގެ މީހަކަށްވެސް ލިބިދީފައިވަނިކޮށް ބައެއް ދާއިރާތަކުގެ ގޮނޑިތަކަށް އަންހެނުންނަށް ކުރިމަތިނުލެވޭނެ ގޮތައް ޤާނޫނަށް އިސްލާހެއް ގެނެސްގެން ނިންމުމަކީ ޤާނޫނު އަސާސީއާ ޚިލާފު ނިންމުމެއްކަމަށެވެ.